ހަންނަ (ވ) މާޒިޔާ އަށް ސޮއި ކުރުމަށް ފަހު އެ ކްލަބްގެ ޗެއާމަން އަހުމަދު ސާޖިދު (ވ) އާއެކު މާޒިޔާގެ ޖޯޒީގައި ހިފަހައްޓާލައިގެން: އޭނާ މާޒިޔާ އަށް ސޮއި ކުރީ ތިން އަހަރު ދުވަހުގެ ނިޔަލަށް --- ފޮޓޯ: މާޒިޔާ
05 ފެބުރުއަރީ 2023 - 11:26
މިދިޔަ ފަސް އަހަރު ކްލަބް އީގަލްސް އަށް ކުޅުނު ފޯވާޑް ހަސަން ރާއިފް އަހުމަދު (ހަންނަ) މާޒިޔާ އަށް ބަދަލުވެއްޖެ އެވެ.
ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ހަންނަ، އެ ކްލަބަށް ސޮއި ކޮށްފައިވާކަން މާޒިޔާއިން ވަނީ އިއުލާން ކޮށްފަ އެވެ.
ކްލަބް އީގަލްސް އަށް ހަންނަ ކުޅެން ފެށީ 2016 ގަ އެވެ. ގައުމީ ޓީމުގައި 2018 ގައި ހިމެނި ނަމަވެސް އެ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ސްކޮޑުން އޭނާ އަށް ފުރުސަތެއް ނުލިބުނެވެ. ގައުމީ ޓީމުގައި އޭނާގެ އެންމެ ހާއްސަ މެޗަކީ ބަންގްލަދޭޝް އާ ދެކޮޅަށް މިދިޔަ އަހަރު މާޗް މަހު ރާއްޖޭގައި ކުޅުނު މެޗެވެ. އެ މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ އޭނާ އެވެ.
ހަންނަ އަކީ އީގަލްސް ދޫކޮށް މާޒިޔާ އަށް މި އަހަރު ބަދަލުވާ ތިން ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ. މިދިޔަ ދެ އަހަރު އީގަލްސްގެ ކެޕްޓަންކަން ކުރި ހުސައިން ޝިފާއު ޔޫސުފް (ކްރޯ) އާއި ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) މާޒިޔާ އަށް ބަދަލުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މާޒިޔާއިން އަދި އިއުލާން ކުރީ ހަންނަގެ ޓްރާންސްފާ އެކަންޏެވެ.
ވެލެންސިއާ އަށް މިދިޔަ އަހަރު ކުޅުނު ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް އާއި ކްލަބް ގްރީން ސްޓްރީޓްސްގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓް) ވެސް މާޒިޔާ އަށް ބަދަލުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އާ ކުޅުންތެރިންގެ ޓްރާންސްފާ އިއުލާން ކުރުމުގެ ކުރިން މާޒިޔާއިން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ އެ ޓީމުން މަޑުކުރުވަން ބޭނުންވާ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުވުމެވެ. އެގޮތުން ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒު ހަސަން، އިބްރާހިމް އައިސަމް، ހަސަން ޝިފާޒު، ސަމްހު އަލީ، ހުސައިން ނިހާން، މުހައްމަދު އިރުފާންގެ އިތުރުން ދެ ގޯލްކީޕަރުން ކަމަށްވާ ހުސައިން ޝަރީފް އާއި އަބްދުﷲ އިޔާންގެ ކޮންޓްރެކްޓް ވެސް މާޒިޔާއިން ވަނީ އާކޮށްފަ އެވެ.
ކޮންޓްރެކްޓް ހަމަވުމުން މާޒިޔާއިން ވަނީ ބައެއް ކުޅުންތެރިން ދޫކޮށްލައިފަ އެވެ. އެގޮތުން ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އާއި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) މާޒިޔާ އިން ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލަ
08 February 2023
މިއަހަރު މުބާރާތްތަކުގާ މާޒިޔާނޫން އެއްވެސް ޓީމެއް ބައިވެރިއެއް ނުވޭ. ވީމާ، އޭ.އެފްސީ އަށްވެސް ދާންޖެހޭނީ އެއްވެސް ބަޔަކާ ޕްރެކްޓިސް މެޗެއް ނުކުޅެ ދޯ
އާދު
06 February 2023
ކޮންބަޔަކާ ކުޅެނީ