ބޫޓާނުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ 16 އަހަރުންދަށުގެ މުބާރާތުގައި ވާދަކުރަން އިއްޔެ ފުރަން ދިޔަ ރާއްޖޭގެ ގައުމީ ޓީމަށް ނުފުރުނީ ޓިކެޓް ނަގާފައި ނެތުމުން ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.
އެކަމަކު ރޭ ފަތިހު ޓިކެޓް ހަމަޖެއްސުމުން ޓީމު މިއަދު ވަނީ އިންޑިއާ މަގުން ބޫޓާނަށް ދާން ފުރައިފަ އެވެ. އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، އެ އެސޯސިއޭޝަންގެ މީޑީއާ ގުރޫޕްގައި ވިދާޅުވީ ޓިކެޓްގެ ތަފްސީލު ލިބުނީ ފަތިހު ކަމަށެވެ.
އިއްޔެ ހަވީރު ފުރަން އޮތް ނަމަވެސް، ނުފުރޭނެކަން އެންގީ އެއާޕޯޓަށް ދާން ކުޅުންތެރިން މާލޭގެ މައި ބަސްޓާމިނަލަށް ދިޔަ ފަހުންނެވެ.
އެފްއޭއެމްއާ ހަވާލާދީ ބައެއް އެހެން މަސްދަރުތަކުން ބުނީ އިއްޔެ ހަވީރު ފުރުން ކެންސަލް ކުރީ އޭރު ދާން ހަމަޖެހިފައި އޮތް ފްލައިޓުން ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ޓިކެޓް ނުލިބުމުން ކަމަށެވެ.
އެކަމަކު އިއްޔެ ބަސް ޓާމިނަލް ކައިރިއަށް އެފްއޭއެމްގެ އެއްވެސް އިސްވެރިޔަކު ގޮސްފައެއް ނުވެ އެވެ. ޓީމަށް ފުރެން ނެތްކަން އެންގީ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) އެވެ.
މިއަދު ޓީމު ފުރުވަން އެފްއޭއެމްގެ ޖަވާޒު ވެސް ބަސް ޓާމިނަލުގައި ހުއްޓެވެ.
ޓީމު ބޫޓާނަށް ދާނީ ދެ ބަޔަކަށް ބަހަލައިގެން ދެ ރޫޓަކުން
މިއަދު ސްރީ ލަންކަން އެއާލައިނުން ޓީމު މުމްބާއީ އަށް ދިޔަ ނަމަވެސް، ބޫޓާންގެ ތިމްޕޫ ސިޓީ އަށް ދާ ރޫޓްގައި މުޅި ޓީމަށް އެއް ފްލައިޓަކުން ޖާގައެއް ލިބިފައި ނުވެ އެވެ.
މުމްބާއީ އަށް ގޮސް ބައެއް ކުޅުންތެރިންނާ އޮފިޝަލުން ނިއު ދެއްލީ މަގުން ބޫޓާނަށް ދާނެ އެވެ. އަދި ބައެއް އެހެން ކުޅުންތެރިންނާ އޮފިޝަލުން ދާނީ ކަލްކަތާ މަގުންނެވެ.
ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވެލެންސިއާގެ އެކަޑަމީގެ ކޯޗު ޔޫސުފް އަޒީމް (ޔޫއްޓޭ) ބުނީ ދެ ފްލައިޓް ވެސް ތިމްޕޫ އަށް ދާނީ ގާތްގަނޑަކަށް އެއް ވަގުތެއްގައި ކަމަށެވެ.
ރާއްޖޭގެ ޓީމަށް ބޫޓާނަށް ދެވޭނީ ދެ ދަުވަހުގެ ދަތުރަކަށް ފަހު އެވެ.
ބޫޓާންގައި މާދަމާ ފަށާ 16 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ފުޓްބޯޅައިން ސަސްޕެންޑްކޮށްފައިވާ ސްރީ ލަންކާ ފިޔަވައި ދެކުނު އޭޝިއާގެ އަނެއް ހަ ގައުމުން މުބާރާތުގައި ވާދަ ކުރެ އެވެ.
ރާއްޖެ އާއި ޕާކިސްތާނު ލައްވާލީ ބޫޓާނާ އެކު ގުރޫޕް ބީ ގަ އެވެ. ރާއްޖެ އާއި ބޫޓާން ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ ބަންގްލަދޭޝާއި އިންޑިއާ އެވެ. އަދި ހަމަ މާދަމާ ބޫޓާނާއި ޕާކިސްތާނު ވެސް ވާދަ ކުރާނެ އެވެ.