މާޒިޔާ އިން ތަފާތު ފެންނާނެ، ކުޅުންތެރިންނަށް އިތުބާރު އެބައޮތް: ސެކުލޮސްކީ

ސީޒަން ހުޅުވާ ޗެރިޓީ މެޗަށް މާދަމާ ހަވީރު ނުކުންނައިރު މި އަހަރު މާޒިޔާ އިން ތަފާތު ފެންނާނެ ކަމަށާއި އެކަން ކުރުމަށް ބޭނުންވާ ހިތްވަރު ކުޅުންތެރިންގެ ކިބައިގައި އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނެފި އެވެ.


މާޒިޔާ ވަނީ ފާއިތުވި ހަތަރު އަހަރު ވެސް ޗެރިޓީ ޝީލްޑް މެޗުގައި ކުޅެފަ އެވެ. އެ ޓީމުން މިދިޔަ ދެ އަހަރު ޗެރިޓީ ޝީލްޑް އުފުލާލާފައިވާއިރު، މި އަހަރު ވެސް އަމާޒަކީ އެކަން ތަކުރާރު ކުރުން ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

"އަހަރެން މި ކުޅުންތެރިންނާ އެކު ދެތިން ހަފްތާ މަސަައްކަތް ކޮށްފިން. މި ކުޅުންތެރިންގެ ކިބައިގައި އެބަހުރި މޮޅުވުމުގެ ރޫހު. އަހަރެން ބޭނުންވާ ތަފާތު މި ޓީމަށް ގެނެވޭނެ. މާދަމާގެ މެޗަކީ ކަޕް ފައިނަލެއްގެ ގޮތުގައި އަހަރެން ދެކެނީ،" ޗެރިޓީ ޝީލްޑް މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުންޏެވެ.

މިދިޔަ އަހަރު ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ޓާގެޓް ކޮށްގެން މާޒިޔާ އިން ނުކުތް ނަމަވެސް އެ ޓީމަށް ލިބުނީ ލީގު ޗެމްޕިއަންކަން އެކަންޏެވެ. ޝީލްޑް މެޗުގައި މާދަމާ ހަވީރު ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު ސެކުލޮސްކީ ބުނީ މިއީ ފަސޭހަ މެޗެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"އަހަރެން ދުށިން އޭއެފްސީ ކަޕްގައި ވެލެންސިއާ ކުޅުނު މެޗު. ތިމްޕޫއާ ދެކޮޅަށް އެ ޓީމުން މޮޅު ކުޅުމެއް ދެއްކި. އޭއެފްސީ ކަޕް މެޗެއްގައި 3-0 އިން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން. އެހެންވުމުން އަހަރެން މި މެޗަށް ސަމާލުވާން ޖެހޭ. ވެލެންސިއާ އަށް ދޭން ޖެހޭ އިހުތިރާމް ދޭނަން،" ކުރިން މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

"ކުޅުންތެރިންނަށް ޕްރެޝަރު ނުކުރާނާނަން، ރަނގަޅު ޕްލޭންތަކެއް އެބައޮތް"

ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ވަނީ ދުރާލާ ތައްޔާރީތައް ފަށައިފަ އެވެ. ފެންވަރު ރަނގަޅު ބިދޭސީ ހަތަރު ކުޅުންތެރިން ޓީމާ ގުޅުނުއިރު މާޒިޔާ އިން ވަނީ ގިނަ ޕްރެކްޓިސް މެޗުތަކެއް ވެސް ކުޅެފަ އެވެ. މި މެޗުތަކުގައި ސެކުލޮސްކީ ބޭނުންވާ ތަފާތު ގެންނަން ގިނަ މަސައްކަތްތަކެއް ކުރިތަން ފެނުނެވެ. އޭނާގެ ވިސްނުމަކީ ރީތި ޕާސިން ގޭމެއް ކުޅުވުމެވެ. އެކަން އެ މެޗުތަކުގައި ޓީމުގެ މެދުގައި އާލާ ކުރުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރި އެވެ.

މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު ސެކުލޮސްކީ (މ) ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަހަރެންނަކީ ކުޅުންތެރިންނަށް ޕްރެޝަރު ކުރާނެ ކޯޗެއް ނޫން. ކުޅުންތެރިންގެ އިތުބާރާ އެކު އަހަރެން ކުރިއަށް ދާނީ. އެއީ އަހަރެންގެ ކަމަކީ އެ ކުޅުންތެރިން މެޗަށް ތައްޔާރުކުރުން. ދަނޑުމަތީގައި ތަފާތު ދައްކާނީ ކުޅުންތެރިން،" ސެކޮލިސްކީ ބުންޏެވެ.

އޭނާ ބުނީ މާޒިޔާގެ ކުޅުން ދިރާސާ ކުރުމަށާއި ބެލުމަށް އެކި ޓީމުތަކުން ޝައުގުވެރިވާކަން އެނގޭ ކަމަށާއި އެކަމަށް ވެސް ތައްޔާރަށް ހުރި ކަމަށެވެ.

"އަހަންނަށް އެނގޭ މާޒިޔާގެ ކަންތައްތައް ބަލަން އެހެން ކްލަބްތަކުން ޝައުގުވެރިވާކަން. އެކަމަށް ވެސް މާޒިޔާ ތައްޔާރު. ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނަސް މާޒިޔާގެ ޕްލޭނެއް އޮންނާނެ. ޕްލޭން އޭ ނުވިއްޔާ ޕްލޭން ބީ އަދި ޕްލޭން ސީ އަށް ވެސް ދާނަން،" ސެކުލޮސްކީ ބުންޏެވެ.

އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ވެލެންސިއާ ގަލޮޅު ދަނޑުގައި ތިމްޕޫއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމަށް ސަޕޯޓްކުރާ މީހުން ތިބި ކަމަށާއި އުއްމީދުކުރަނީ މާދަމާގެ މެޗުގައި މާޒިޔާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ފެންނާނެ ކަމަށް ކަމުގައި ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

މިއީ މާޒިޔާ އާއި ވެލެންސިއާ ޗެރިޓީ ޝީލްޑް މެޗެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މި މެޗުން ލިބޭ ފައިސާގެ އިނާމު ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ފަަސް ޗެރިޓީ އަކަށެވެ. މާދަމާގެ މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.