މާޒިޔާ ޖެހިޖެހިގެން ތިން ވަަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފި

ކްލަބް ވެލެންސިއާގެ މައްޗަށް 1-0 އިން ކުރިހޯދައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މައިލޯ ޗެރިޓީ ޝީލްޑް އުފުލާލައިފި އެވެ.


ފާއިތުވި ދެ އަހަރު މާޒިޔާ އިން ޝީލްޑް މެޗު ކާމިޔާބުކުރީ ނިއު ރޭޑިއަންޓް ބަލިކޮށްފަ އެވެ. މާޒިޔާ އިން ވަނީ މި ކާމިޔާބީއާ އެކު އެންމެ ގިނައިން ޝީލްޑް އުފުލާލައިގެން ވީބީ އައްޑޫ އެފްސީ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. މި ދެ ޓީމުން ވެސް ވަނީ ތިން ފަހަރު ޝީލްޑް އުފުލާލައިފަ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. މުޅި މެޗުގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކުރީ މާޒިޔާ އިންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ނުހިފުނެވެ.

މިއީ މާޒިޔާގެ ކޯޗުކަމާ މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.

މެޗުގެ ތިން ވަނަ މިނިޓްގައި އޭރިއާ ބޭރުން މާޒިޔާގެ މުހައްމަދު އުމެއިރު ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް މަތަކުރުމުން އެ ބޯޅަ އަލުން ހޯދުމަށް ފަހު ދެ ވަނަ ފަހަރަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ފޮނުވާލުމުން ފައިސަލް ވަނީ ދެ ވަނަ ފަހަރަށް ވެސް އެ ބޯޅަ މަތަކޮށްފަ އެވެ.

މާޒިޔާގެ ދެ ވަނަ ފުރުސަތުު ވެސް ލިބުނީ އަސަދުﷲ އަށެވެ. ވެލެންސިއާ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވުމަށް ފަހު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އަސަދުﷲ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ލިބުނު ކޯނަރަކުން ވެލެންސިއާގެ އޭރިއާ ތެރެއިން ހުސްކޮށް ހުރެ މާޒިޔާގެ އަމްދާން އަލީ (އެންޑީ) ފޮނުވާލި ބޯޅަ ވެސް ދިޔައީ މަތިންނެވެ.

ފުރަތަމަ ހާފްގައި މާޒިޔާގެ މެދުތެރެއަށް ވަނީ ބަދަލެއް ގެނެސްފަ އެވެ. މެޗުގެ 21 ވަނަ މިނިޓްގައި ލިބުނު އަނިޔާއެއްގެ ސަބަބުން މޫސާ ޔާމިން (ޔާމްބެ)ގެ ބަދަލުގައި ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ކުޅެން އަރުވައިފަ އެވެ.

މި ހާފްގައި ވެލެންސިއާ އަށް ލަނޑު ޖަހަން މާ އެދެވޭ ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނެވެ. ޓީމުގެ މެދުތެރެއިން ބޯޅަ ހިފަަހައްޓައިގެން ރަނގަޅަށް ކުޅެން މަސައްކަތް ކުރި ނަމަވެސް ކުރިއަށް ކުޅޭ ބިދޭސީ ފޯވާޑް އޮމޮދޫ ގޮޑްފްރޭ ވެސްޓްގެ ބޭނުން އެންމެ ރަނގަޅަށް ނުހިފެ އެވެ.

ދެ ވަނަ ހާފް ފަށައިގެން ހަތް މިނިޓް ތެރޭ ވެލެންސިއާ އޭރިއާ ތެރެއިން އަސަދުﷲ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ އަށް މިނިޓް ފަހުން މާޒިޔާގެ ސާބިއާގެ ފޯވާޑް އަލެކްސަންޑަ ރަކިޗް ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 68 ވަނަ މިނިޓްގައި އަހުމަދު އިމާޒް (އާއްކޮ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އުމެއިރު ހުސްކޮށްލާފައި ވެލެންސިއާ އޭރިއާ ތެރެއިން އާއްކޮ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ބާރެއް ނެތުމުން ވެލެންސިއާ ކީޕަރު ފައިސަލް ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ މަތަކޮށްފަ އެވެ.

އޭގެ ދެ މިނިޓް ފަހުން އަސަދުﷲ ވަނީ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފަ އެވެ. ލިބުނު ހިލޭ ޖެހުމަކުން މާޒިޔާގެ ރަކިޗް ފޮނުވާލި ބޯޅަ ވެލެންސިއާ ކުޅުންތެރިއަކު ގައިގައި ޖެހިފައި އަސަދުﷲ އަށް ލިބުމުން އޭނާ ވަނީ އެ ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މާޒިޔާ އިން ލީޑު ނެގުމުން ވެލެންސިއާ އިން ބަދަލުތަކެއް ގެނެސް ނަތީޖާ ހަމަހަމަކުރަން މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. ބަދަލުތަކާ އެކު އެރި ކުޅުންތެރިންނަށް ވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

ދެ ވަނަ ލަނޑެއް ޖަހަން މެޗުގެ އިތުރު ވަގުތުގައި އަސަދުﷲ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އުމެއިރު ހުސްކޮށްލާފައި އަސަދުﷲ އަށް ދިން ބޯޅަ ހިފައިގެން އޭނާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ދަނޑިއާ އިންޗިއެއްހާ ކައިރިން ބޭރުންނެވެ.

މި ފަހަރުގެ ޗެރިޓީ މެޗުގައި އެފްއޭއެމުން ވަނީ ފަސް އެންޖީއޯ އަކަށް ފައިސާ ހަދިޔާ ކުރަން ނިންމައިފަ އެވެ. މާޒިޔާ އިން ހުށަހަޅާފައިވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާ އެވެ. އަދި ވެލެންސިއާ އިން ހުށަހަޅާފައިވަނީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ. އެފްއޭއެމުން ހުށަހެޅީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރްކް) އެވެ. ކޮންމެ އެންޖީއޯ އަކަށް ވެސް ވަނީ 20،000 ރުފިޔާ ދީފަ އެވެ.