ކުޅިވަރު / މައިލޯ ޗެރިޓީ ޝީލްޑް

މިއީ ވެލެންސިއާގެ މުޅި ސީޒަނާ ގުޅިފައިވާ މެޗެއް: ފެސްކޯ

ނޫސްވެރިންގެ ބައްދަލުވުމުގައި ފެސްކޯ މިއަދު ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭ ޗެރިޓީ ޝީލްޑްގައި މިިދިޔަ އަހަރުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް މާދަމާ ހަވީރު ކުޅޭ މެޗަކީ ވެލެންސިއާގެ މުޅި ސީޒަނުގެ ސަޕޯޓާ ވެސް ގުޅިފައިވާ މެޗެއް ކަމަށް އެ ޓީމުގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ވެލެންސިއާ އެންމެ ފަހުން ޗެރިޓީ ޝީލްޑް މެޗުގައި ކުޅެފައިވަނީ 2009 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ޝީލްޑް އުފުލާލިއިރު، އޭގެ ފަހުން އެ ޓީމު ފެނުނީ އާދައިގެ ގޮތަކަށެވެ. ވެލެންސިއާ މި ފަހަރު ޝީލްޑް މެޗުގައި ކުޅެނީ މިދިޔަ އަހަރުގެ އެފްއޭ ކަޕް ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕަކީ އަށް އަހަރަށް ފަހު ވެލެންސިއާ ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ.

"ކޮންމެ މެޗަކީ ވެސް މުޅި ސީޒަނަށް އަސަރުކުރާނެ މެޗެއް. އެކަމަކު މާދަމާގެ މެޗު މުޅިން ތަފާތު. މިއީ ކަޕް ފައިނަލެއް. ވެލެންސިއާ ވަރަށް ދަށް ދުވަސްތަކަކަށް ފަހު ކިރިޔާ ހަމައަކަށް މި އެޅުނީ. މި މެޗަކީ ވެލެންސިއާގެ މުޅި ސީޒަނުގެ ސަޕޯޓާ ގުޅިފައިވާ މެޗެއް. އެއީ މި މެޗުން މޮޅުވެވިއްޖެ ނަމަ ސަޕޯޓަރުންނާ އެކު މިއީ ރަނގަޅު އަހަރަކަށް ހެދިދާނެ،" 13 އަހަރަށް ފަހު ވެލެންސިއާއާ ގުޅުނު ފެސްކޯ އެފްއޭއެމް ހައުސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ. "ފުޓްބޯޅަ އަކީ ސަޕޯޓަރުންގެ ހިތްހަމަ ޖެހުމާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއް. ސަޕޯޓަރުންގެ ހިތްހަމަ ޖެހުން ވެސް މީގެ ވަރަށް މުހިއްމު. ކުޅުންތެރިންގެ ހިތްވަރަކީ ވެސް ސަޕޯޓަރުން."

އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ނުވަ ދުވަސް އޮއްވައި ވެލެންސިއާ އިން ޕްރެކްޓިސް ފެށި ނަމަވެސް އެ ޓީމުގެ މައްޗަށް ވެލެންސިއާ ވަނީ ދެ ލެގުން 3-0 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރިހޯދައިފަ އެވެ. ފެސްކޯ ބުނީ މާދަމާގެ މެޗަށް ނުކުންނައިރު އެ ދެ މެޗުގެ ފައިދާ ވެލެންސިއާ އަށް އޮންނާނެ ކަމަށެވެ.

"އެ ދެ މެޗުގެ ފައިދާ ވެލެންސިއާ އަށް ކޮންމެވެސް ވަރަކަށް އޮންނާނެ. އެކަމަކު ކަޕް ފައިނަލެއް މިއީ. 50-50 މެޗެއް. ދަނޑުމަތީގައި އޮންނާނީ ކުޅުންތެރިން ކުރާ ހިތްވަރު. އެ ދުވަހެއްގައި ރަނގަޅަށް އިތުރު ހިތްވަރެއް ލައިގެން ކުޅޭ ޓީމެއް މޮޅުވާނީ،" ފެސްކޯ ބުންޏެވެ.

ވެލެންސިއާގެ ހެޑް ކޯޗު ފެސްކޯ (ކ) އާއި މާޒިޔާގެ ކޯޗު މަރްޔާން ސްކުލޮސްކީ ސަލާމްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑުމެންނަށް މިދިޔަ ދެ މެޗުން ތިމްޕޫއާ ދެކޮޅަށް މި ކުޅުންތެރިން ކުރި ހިތްވަރު ފެނިއްޖެ. އިރާދަކުރެއްވިއްޔާ މާދަމާގެ މެޗުގައި ވެސް އެ ހިތްވަރު އިތުރުކޮށްގެން ކުޅުން އޮތީ. ކުޅުންތެރިންނަށް އިތުބާރު އެބައޮތް،" ފެސްކޯ ބުންޏެވެ.

ފާއިތުވި ދެ އަހަރަށް ބަލާއިރު މާޒިޔާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބެވެ. އެ ޓީމުން ވަނީ މިދިޔަ ދެ އަހަރު ތެރޭ ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ.

ފެސްކޯ ވެސް ވަނީ މި ވަގުތަށް ބަލާއިރު މާޒިޔާ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެ ޓީމަކީ މި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވީ ޓީމު ކަމަށް ބުނެފަ އެވެ.

"މާޒިޔާގައި ގައުމީ ޓީމުގެ އަށެއްކަ ކުޅުންތެރިން އެބަތިބި. ފެންވަރު ރަނގަޅު ހަތަރު ބިދޭސީ ކުޅުންތެރިން އެބަތިބި. އެންމެ ކުރިން ސީޒަނަށް ތައްޔާރީތައް ފެށީ މާޒިޔާ އިން. މި ހުރިހާ ކަމަކަށް ބަލާއިރު މާޒިޔާ ކޮޅަށް ވަރަށް ގިނަ ކަންތައްތަކެއް އެބަ ބުރަވޭ،" ފެސްކޯ ބުންޏެވެ. "ވެލެންސިއާ އަށް މި ލިބުނީ ޓީމުތަކުން ކުޅުންތެރިން ގެންގޮސް ނިމުމުން ކުޅުންތެރިން ހޮވައިގެން ތައްޔާރީތައް ފަށަން. އެކަމަކު މިއީ މި މެޗަށް ނުކުތުމުގެ ކުރިން ހުރި ތަފާތުތަކެއް. އަޅުގަނޑުމެންގެ އަމާޒަކީ މާދަމާ މެޗުން މި ހުރިހާ ކަމެއް ރަނގަޅުކޮށް ނަތީޖާ ނެރެން މަސައްކަތް ކުރުން."

ފާއިތުވި ދެ އަހަރު ޗެރިޓީ ޝީލްޑް އުފުލާލީ މާޒިޔާ އިންނެވެ. އެ ދެ ފަހަރު ވެސް އެ ޓީމު މޮޅުވީ ނިއު ރޭޑިއަންޓާ ވާދަކޮށެވެ. މިއީ ޗެރިޓީ ޝީލްޑް މެޗެއްގައި މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.

2 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 13%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ައައްޔަ މަތިވެރި

16 February 2017

އިންޝާ ﷲ ވެލެންސިއާ މޮޅުވާނެ...

The name is already taken The name is available. Register?

ރަދީފް

15 February 2017

މަގޭ ސަޕޯޓް ވެލެންސިއާއަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454