ދެބެން ކޯޗުންގެ ގޮތުގައި، ހާއްސަ މެހެމާނަކީ ބައްޕަ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ވިކްޓަރީ އަތުން 2-1 އިން މާޒިޔާ މޮޅުވި މެޗު ތާރީހުގެ ތެރެއަށް ވަދެގެން ދިޔައީ އެއްބަނޑު އެއްބަފާ ދެބެން ދެ ދެ ޓީމުގެ ކޯޗުންގެ ގޮތުގައި ތިބި ފުރަތަމަ މެޗުގެ ގޮތުގަ އެވެ. މާޒިޔާގެ ކޯޗު އަލީ ސުޒޭނާއި އޭނާގެ ކޮއްކޮ ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހުގެ ކުރިމަތިލުން، ބެލުމަށް ދަނޑުގެ ރޮސްޓަރަމްގައި އެފްއޭއެމްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ހުރީ ދެބެންގެ ބައްޕަ ހަސަން އަލީ އެވެ. އެއީ ސުޒޭނާއި ނަޒީހަށް ވެސް ހާއްސަ އުފަލެއް ލިބުނު ކަމެކެވެ.


އެކަމަކު އެ އިހުސާސްތައް ހިއްސާކުރުމަކީ ނަޒީހަށް ފަސޭހަކަމަކަށް ނުވި އެވެ.

"ތިއީ ދައްކަން ވަރަށް އުނދަގޫ ވާހަކައެއް. ތި ސުވާލުކުރުމުން އަޅުގަނޑު ފެންކަޅިވަނީ،" ނަޒީހު ބުންޏެވެ. "އަޅުގަނޑުމެން ގެޔަކީ ފުޓްބޯޅައިގެ އިންސްޓިޓިއުޓެއް. އެގެއިން ނުކުތް ދެ މީހުން އަޅުގަނޑުމެން ދެ މީހުންނަކީ ވެސް. ވަރަށް އިމޯޝަނަލްވޭ."

ރޭގެ މެޗުގައި ސުޒޭނާއި ނަޒީހުގެ އިތުރުން ހަސަން އަލީގެ އެހެން ދެ ކުއްޖެއްގެ ހިއްސާ ވެސް އޮތެވެ. ވިކްޓަރީގެ ބޯޑު މެމްބަރު އިބްރާހިމް ޝިނާޒް (ސިނާ) އާއި އެ ޓީމުގެ ގޯލްކީޕަރު އަހުމަދު ރިޔާޒް (ގާނާ) އެވެ. ހަތަރު ބެއިން ވަނީ މީގެ ކުރިން އެއްކޮށް ވިކްޓަރީން ފެނިފަ އެވެ.

ހަސަން އަލީ (ވ-2) އޭނާގެ ކުދިން ކަމަށްވާ ސިނާ (ކ) އާއި ގާނާ (ކ-2) އަދި ނަޒީހު އާއި ސުޒޭން (ވ) އާ އެކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުޒޭން ބުނީ މެޗުން ފެނިގެން ދިޔައީ ވަރަށް ރީތި މަންޒަރެއް ކަމަށެވެ. އަދި އޭނާގެ ބައްޕަ އަށް ދައުވަތު ދީގެން މެޗަށް ގެނައުމުން ދައްކުވައިދިނީ އެފްއޭއެމުން އެ އާއިލާގެ ހިދުމަތް ބަލައިގަތީ ކަމަށެވެ.

"އަޅުގަނޑުމެން ދެ މީހުން ދެ ޓީމުގެ ބެންޗުގައި ތިބެ ނުކުތް މެޗަށް ބައްޕައަށް ދައުވަތު ދީގެން ގެނައުމުން އެފްއޭއެމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. ވަރަށް ރީތި މަންޒަރެއް ފެނިގެން ދިޔައީ. ބައްޕަ އާއި އާއިލާއިން ކޮށްދިން މަސައްކަތް އެފްއޭއެމުން ބަލައިގަންކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ސުޒޭން ބުންޏެވެ.

ހަސަން އަލީ އަކީ ކްލަބް އީގަލްސްގެ ވެސް މަސްއޫލުވެރިޔެކެވެ. މާފަންނުގެ ޒުވާނުންތަކެއްގެ އެދުމުގެ މަތިން 1980ގެ ފަހުކޮޅު އީގަލްސް ރެޖިސްޓްރީކޮށްދީ އެ ކްލަބް ފަށައިގަތުމަށް ބޮޑު އެހީތެރިކަމެއް ދިނެވެ. އެކަމަކު އަބަދުވެސް ހިތްއޮތީ ގޭދޮށު ކްލަބް ވިކްޓަރީގަ އެވެ. ފުޓްބޯޅައިގެ ހަރަކާތްތެރިވާ ހަތަރު ކުދިން ވެސް އެންމެ ގިނައިން ހިދުމަތްކުރީ ވިކްޓަރީއަށެވެ.

ސުޒޭނާއި ނަޒީހު ކޯޗުންގެ ގޮތުގައި ރޭ އަލަށް ކުރިމަތިލީ ނަމަވެސް، ކުޅުންތެރިންގެ ގޮތުގައި ސުޒޭނާއި ނަޒީހު މީގެ ކުރިން ވަނީ ކުރިމަތިލައިފަ އެވެ. އެގޮތުން ނަޒީހު ވާދަވެރި ނިއު ރޭޑިއަންޓަށް 2000 ވަނަ އަހަރު ކުޅުނުއިރު ސުޒޭނަކީ ވިކްޓަރީގެ މުހިއްމު ކުޅުންތެރިއެކެވެ. އަދި އޭގެ ފަހުން ސުޒޭނާއި ނަޒީހު އެކުގައި ވިކްޓަރީ އަށް ކުޅުނުއިރު ސިނާ ވަނީ ނިއު އަށް ކުޅެފަ އެވެ. މީގެ އިތުރުން ސުޒޭނުގެ ކޯޗުކަމުގެ ދަށުން ނަޒީހާއި ސިނާ ވަނީ ވިކްޓަރީ އަށް ކުޅެފަ އެވެ.