09 މެއި 2025 - 10:18
ބިލްބާއޯ (މެއި 9) އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ރެލިގޭޝަނުން ސަލާމަތް ވެފައިވާ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ، ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މެންޗެސްޓާ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ސެމީގެ ދެވަނަ ލެގުގައި ފަހަތުން އަރައި 4-1 އިން މޮޅުވެ، 7-1 ގެ އެގްރިގޭޓް ނަތީޖާއަކުން އެތުލެޓިކް ބިލްބާއޯ ބަލި ކޮށްފަ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ބިލްބާއޯގެ ދަނޑުގަ އެވެ.
ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ ލެގުގައި 2-0 އިން ނޯވޭގެ ބޯޑޯ/ގްލިމްޓް ބަލިކޮށް، 5-1ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިފަ އެވެ. ދެ ވަނަ ހާފުގައި ޓޮޓެންހަމްގެ ލަނޑުތައް ޖަހައިދިނީ ޑޮމިނިކް ސޮލަންކޭ އާއި ޕެޑްރޯ ޕޯރޯ އެވެ.
ޓޮޓެންހަމުން ފުރަތަމަ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ. -- ފޮޓޯ: ގެޓީ
ޔޫރޮޕާ ލީގު ކާމިޔާބު ކުރާ ޓީމަކަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ. އިނގިރޭސި ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ އަށް މިއީ އުނދަގޫ ސީޒަނެކެވެ. ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތް އިރު، ޔުނައިޓެޑް އޮތީ 20 ޓީމު ވާދަކުރާ ލީގުގެ 15 ވަނައިގަ އެވެ. އަދި ޓޮޓެންހަމް އޮތީ 16 ވަނައިގަ އެވެ.
ދަށް ސީޒަނެއްގައި ނަމަވެސް ޔުނައިޓެޑް މިވަނީ ޔޫރޮޕާ ލީގުގައި މެޗަކުން ބަލި ނުވެ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ. ޓޮޓެންހަމް ވަނީ ލީގު ބުރުގެ މެޗަކާއި ނޮކައުޓް ބުރުގެ ފުރަތަމަ މެޗުން ރަށުން ބޭރުގައި ބަލިވެފަ އެވެ.
ޔުނައިޓެޑާ ދެކޮޅަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މިކެލް ޖައުރެގީޒާ ބިލްބާއޯ އަށް ލީޑު ނަގައިދީފައި ވަނިކޮށް ޔުނައިޓެޑްގެ ލަނޑުތައް ޖެހީ މެޗުގެ ފަހު 20 މިނިޓު ތެރޭގަ އެވެ. މޭސަން މައުންޓް ފުރަތަމަ ލަނޑު ޖަހައިދިން އިރު، ކަސެމީރޯ އާއި ރަސްމުސް ހޮއިލަންޑް ވަނީ ލަނޑެއް ޖަހައިދީފަ އެވެ. އަދި ފަހު ލަނޑު ޖަހައިދިނީ މައުންޓް އެވެ.
މައުންޓް އޭނާގެ ދެވަނަ ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
މިއާ އެކު މައުންޓް ވެފައި ވަނީ، ޑޭވިޑް ބެކަމް އަށް ފަހު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ޔޫރަޕްގެ ނޮކައުޓް މެޗެއްގައި ޔުނައިޓެޑަށް ދެ ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ. ބެކަމް މި ރެކޯޑް ހެދީ 2003 ވަނަ އަހަރު ރެއާލް މެޑްރިޑާ ދެކޮޅަށެވެ.
މިއީ ހަ ސީޒަން ތެރޭ ޓޮޓެންހަމް، ޔޫރަޕްގެ ފައިނަލެއް ކުޅޭ ދެވަނަ ފަހަރެވެ. އެޓީމު ވަނީ 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލް އަތުން ބަލިވެފަ އެވެ. ޔުނައިޓެޑް އެންމެ ފަހުން ޔޫރަޕްގެ ފައިނަލެއް ކުޅުނީ 2019 ވަނަ އަހަރެވެ. އެ އަހަރު ވަނީ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވިޔަރެއާލް އަތުން ބަލިވެފަ އެވެ.
މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ޔޫރޮޕާ ލީގުގެ ފައިނަލް ކުޅުމުގެ ކުރިން ދެ ޓީމަށް ވެސް ލީގުގައި ދެ މެޗު އެބަ އޮތެވެ. ޓޮޓެންހަމް ބައްދަލު ކުރާނީ ކްރިސްޓަލް ޕެލަސް އާއި އެސްޓަން ވިލާއާ ދެކޮޅަށެވެ. އަދި ޔުނައިޓެޑް ކުޅޭނީ ވެސްޓް ހޭމް ޔުނައިޓެޑާއި ޗެލްސީއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy