ރައީސް ޔާމީންގެ ސަރުކާރު ދެބައިވުމާ ގުޅިގެން އެކަން ފާހަގަ ކުރުމަށް ބާއްވާ ކުޅިވަރު ފެސްޓިވަލްގައި ފުޓްސަލް މެޗެއް ކުޅެނީ. - ފޮޓޯ: އަސުރުމާ
16 މެއި 2016 - 18:57
ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ދެބައިވުމާ ދިމާކޮށް "ފަހި 913" ނަމުގައި ކުރިއަށް ގެންދާ ކުޅިވަރު ފެސްޓިވަލްގައި ހަ ކުޅިވަރަކުން 1500 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މާފަންނު ސްޓޭޑިއަމްގައި ބާއްވާ ކުޅިވަރު ފެސްޓިވަލުގައި ބައިބަލާ މުބާރާތަކާއި ބަށި މުބާރާތަކާއި ފުޓްސަލް މުބާރާތަކާއި ނެޓްބޯޅަ މުބާރާތެއްގެ އިތުރުން ބާސްކެޓްބޯޅަ އަދި ހޭންޑްބޯޅަ މުބާރާތެއް ކުރިއަށް ގެންދާނެ އެވެ.
މި ކުޅިވަރުތަކުގެ ތެރެއިން ފުޓްސަލް މުބާރާތް މިއަދު ވަނީ ފަށައިފަ އެވެ.
ކެމްޕެއިން އޮފީހުން ބުނީ ފެސްޓިވަލްގައި ދެ ޖިންސުގެ ހުރިހާ އުމުރުފުރައެއްގެ މީހުން ބައިވެރިވާ ކަމަށެވެ. އެގޮތުން 59 ޓީމެއް އެކި ކުޅިވަރުތަކުގައި ބައިވެރިވެ އެވެ.
ރައީސް ޔާމީންގެ ވެރިކަމަށް 913 ދުވަސްވުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ކުޅިވަރު ފެސްޓިވަލް ރަސްމީކޮށް ފަށާނީ މާދަމާ ހަވީރު 4:00 ގަ އެވެ. އަދި މޯލްޑިވިއަން އައިޑޮލްގެ ބައިވެރިންނާ އެކު މާދަމާ ރޭ ހާއްސަ މިއުޒިކް ޝޯއެއް ވެސް ކުރިއަށް ގެންދާނެ އެވެ.
ކެމްޕެއިން އޮފީހުން ބުނި ގޮތުގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދާ ފެސްޓިވަލްގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އަދި ހުރިހާ އެންމެންނަށް ބައިވެރިވެވޭނެ ގޮތަށް ޒުންބާ ވެސް ފެސްޓިވަލްގައި ކުރިއަށް ގެންދާނެ އެވެ.
ފެސްޓިވަލްގައި ސްޓޯލްތަކެއް ބަހައްޓައި އެ ތަންތަނުން ގަންނަ ތަކެތިން ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނަސީބުވެރިން ހޮވައި، އިނާމްތައް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy