ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކްލަބްތަކަށް ފުރަތަމަ ފައިސާ ދިނުމަށް 2017 ގައި ކުންފުނިތަކާއި ކްލަބްތައް ބައިވެރިވި ރަސްމިއްޔާތެއްގެ ތެރެއިން --- ފައިލް ފޮޓޯ
10 ޖޫން 2025 - 20:22
ރާއްޖޭގެ ފުޓުބޯޅައާ ބެހޭ މައި އިދާރާ އެފްއޭއެމުން ކްލަބްތަކަށް ސަބްސިޑީގެ ގޮތުގައި ދިން ފައިސާ އަށް އެ ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެފްއޭއެމަށް ބޭރުގެ އިދާރާތަކުން ދޭ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަމަހަ ގޮތުގައި ބޭނުންކޮށް، މަނީލޯންޑަރިންގެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރިއަށް ގެންދާކަން ހާމަކޮށް ފުލުހުން ފޮނުވި މީޑިއާއާ ހިއްސާކުރި މެސެޖްގައި ބުނީ ކްލަބްތަކުގެ ވެރިންގެ މައްސަލަ ވެސް ތަހުގީގު ކުރާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، ކްލަބްތަކުގެ ވެރިން އަމިއްލަ އެކައުންޓުތަކަށާއި އެ މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޖަމާކޮށް، ހިޔާނާތްތެރިވެފައިވާކަން ތުހުމަތު ކުރެވޭ ކަމަށެވެ.
"އެފްއޭއެމުން ކްލަބްތަކަށް ދެމުންދާ ސަބްސިޑީ، އެ ކްލަބްތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ އަށް ހިޔާނާތްތެރި ވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަހުގީގުވެސް ކުރިއަށް ދާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ،" ފުލުހުންގެ މެސެޖްގައި ވެ އެވެ.
ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ދިނުމަށް ވީ ވައުދާ އެކު 2016 ގައި އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގެންނެވި ބައްސާމްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ދެ އަހަރު ކްލަބްތަކަށް ފައިސާ ދިނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށެވެ.
އެކަމަކު 2018 ގައި ސަރުކާރު ބަދަލުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމީ ކުންފުނިތައް މެދުވެރިކޮށް ކްލަބްތަކަށް ފައިސާ ނުދިނުމަށެވެ. އޭގެ ފަހުން އެ ފައިސާ ކްލަބްތަކަށް އެފްއޭއެމުން ދޭ ގޮތަށް ބައްސާމް ނިންމެވި އެވެ.
އޭނާ އަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބައްސާމްގެ ހިއްސާ އޮންނަ ކުންފުންޏަކާއި އޭރު އެފްއޭއެމްގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ފައިސާ ޖަމާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި މިހާރު ވެސް ދެ ދައުވާއެއް ބައްސާމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެ އެވެ. ބައްސާމަށް އަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޝަރީއާތް ނިމެންދެން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ވަނީ ކޯޓު އަމުރެއްގެދަށުން ހިފަހައްޓައިފަ އެވެ.
މިދިޔަ އަހަރު ފީފާއިން ވެސް ބައްސާމަށް ނުވަ މަސްދުވަހުގެ ސަސްޕެންޝަންގެ ފިޔަވަޅު އެޅި އެވެ. އެ ސަސްޕެންޝަނުގެ މުއްދަތު މިދިޔަ މާޗް މަހު ވަނީ ހަމަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވގމުފާ
13 June 2025
އީގަލްސްއަށް ސަރުކާރުން ދިން 1 މިލިއަން ރުފިޔާއަށް ހަރަދުކުރި ގޮތް ބަލާވަލަ، ފީފާއަށް ދައްކަންޖެހޭ 32 ހާސް ޑޮލަރުގެ ތެރެއިން އެންމެ ލާރިއެއްވެސް ނުދައްކާ. މިހާރު މަގުމައްޗަށް ނުކުމެ އުލެނީ ސަލާންޖަހަން ޑޮލަރު ހޯދަން. ހައްތާވެސް ވގނ. ބައްސާމުގެ ބީއެމްޑަވްލިއު ކާރުވެސް ގެންދިޔައީ މފ.
މާލޭ މުސްކުޅިއެއް
11 June 2025
އަހަރެން ހަނދާނުގަ ހުރޭ ފުޓުބޯޅަ ކުލަބްތަކަކީ މާޒީގަ ޒުވާނުން ގެ އެއްބައިވަންތަ ކަން އާލާ ކޮށް ސިއްހަތު ރަނގަޅުކޮށް މަސްތުވާ ތަކެއްޗާ ދުރުކުރަން ކުލަބްތައް އުފެއްދި ޒަމާނެއް. އޭރު ކުޅެނީ ފައިސާ އަކަށް ނޫން. ހިތާމަ އަކީ މިއަދު ރައްޔިތުންގެ ޓެކްސް ފައިސާ އިން ގޭނގު ހަރަކާތް ތަކަށް ފާޅުގަ ފަންޑު ކުރަނީ .ޔާމީނު ފެއްޓި ކަމެއް. އިބޫ ވެސް ހުރީ އަތް އުރާލައިގެން. މުއިއްޒު ވެސް ހުންނާނީ އަތް އުރާލައިގެން. ގައިމު ސިޔާސީ ފައިދާ ތަކެއް ވާތީ ދޯ!
މައްސަލަ
11 June 2025
ބިމުގެ އަގު ބޮޑު މާލެ ސަރަހައްދުގެ ބަންޑާރަ ބިން ބިމުގައި ދައުލަތުގެ ޚަރަދުގައި ހަދާފައިވާ ފުޓްސަލް ދަނޑުތަކަށް ގޭންގް ތަކުން އަތްގަދަކޮށް އެމީހުންގެ ތަރިކަ މުދަލަށް އެތަންތަން ހަދައިގެން އުޅޭ މައްސަލަވެސް ބަލަންވީ ނޫންތޯ
ގޭންގު ކުލަބުތައް އުވާލާ!!
10 June 2025
ރާއްޖޭގެ ފުޓްބޯޅައިގެ ހަލާކަކީ ގޭންގުކުލަބްތަކުން ރާއްޖޭގެފުޓްބޯޅައަށް އަތްގަދަކޮށް ކޮންޓްރޯލުނަގާފައިވުން. އެފް.އޭމް ގައި ބައްސާމު ހުރެ ކޮރަފްޝަން ހިންގަމުންދާކަމަށް މުޅިރާއްޖޭގައި އެވާހަކަދައްކަމުން ދިޔައިރުވެސް ކުލަބުތަކުން އެތައްދައުރަކަށް ބައްސާމު ހޮވާފަބެހެއްޓި ސަބަބު މިއިނގުނީ. ދުވަސްކޮޅެއް ކުރިން ރާއްޖޭގެ އެކިރަށްރަށުން ވާދަކުރާގޮތަށް ބޭއްވި ފުޓްބޯޅަމުބާރާތް ގޯލްޑްކަޕް 2024 ކަހަލަ މުބާރާތްތަކަށް ތިޔަފަައިސާތައް ޚަރަދުކުރާނަމަ ކިހާރަނގަޅު.
މުލޭ
10 June 2025
ތިޔަ ގޭންގް ކްލަބުތައް ފުޓުބޯޅައިން ދުރުކުރޭ. ބައިބަލާ ކުޅެން އެމީހުން ބައިތިއްބާ. ޚިޔާނަތްތެެރިވި ފައިސާ އއމީހުން އަތުން ހޯދައި އަސްލު ކްލަބުތައް އަލުން ފުޓުބޯޅައިގެ ތެރެއަށް ގެންނަންޖެހޭ.
ވަގުންގެ އަަތް ކަނޑާ!
10 June 2025
ބަލާލި ހުރިހާ ދިމާލެއްގަވެސް އަދުގެ މި މުޖްތަމަޢުގައި މިވަނީ ވައްކަންކުރުން މެކުހަށް ޖަހާފައި. މި ރާއްޖޭގައި ވައްކަންކުރުން ހުއްޓުވޭނީ ވަގުންގެ އަތް ކަނޑަން ފެށުމުން. އެންމެ ވަގެއްގެ ވެސް އަތް ކަނޑާބަލަ ދެން ކިތައް މީހުނަށްތޯ ވައްކަންކުރަން ކެރޭނީ ބަލަން.
ބާޒީގަރު
10 June 2025
އެހެން ރަށްރަށުގަ ސައިހޮޓާ ހިންގާމީހުނާ މަހަށްދާމީހުން ކުލަބު ހިންގާއިރު ތިރަށު ކުލަބުތައް ހިންގަނީ ދައުލަތުގެ ފައިސާއިންތޯ. ރާއްޖޭ އަތޮޅުތަކުގެ ފަޅުރަށްތަކުގަ ސަތޭކައަހަރަށް ރިސޯޓު ހިންގާމީހަކުވެސް ތިރަށުގަ ނެތީތޯ. ތިރަށު ސާދާގަރުން ރަށުގެ އެއްވެސް ކަމަކަށް އެހީ ނުވަނީތޯ.
މުޑަހަންޖާ
10 June 2025
ދައުލަތުގެ ފައިސާ ސަބްސިޑީއޭ ކިޔާފަ ބަހާއިރު "ކްލަބަކަށް" ވަނީ ކ.މާލޭގެ އެކިއެކި ކަންމަތީ "ކްލަބުތައް" އެކަނިތޯ. މިރަށު މަސްވެރިންގެ ރޫހު ކުލަބު ކުލަބަކަށް ނުވަނީތޯ. ގަބީލާ ރޭސިސްޓް އާދަކާދަ ކަނޑުވަން ހަރުކަށި ގާނޫނުހަދަންޖެހޭ.
ބައްތު
10 June 2025
ބައެއް ކުލަބުތަކުގެ ވެރިން ޕައިލެޓްކަން ކިޔެވީ ފީފާ ޕްރޮޖެކްޓްސް ފަންޑުބް
ވަކިއިއްސޭ
12 June 2025
ސަތޭކައިގެ ވާހަކައެއް !!! ރާއްޖޭގެ އެންމެ ދުވަސްވީ އެއް ފުޓުބޯޅަ ކުލަބުގެ ނަމަށް ނިސްބަތްވާ ކުލަބެއްގައި ހުރެ އެ ވައްޓާލީ ބޮޑު ކުލަބުގެ އަގު
ޓިބާރޯފީފާފަންޑު
10 June 2025
ކޮބާތަ ފީފާ ޕްރޮޖެކްޓްސް ހަވާލުކުތި ޓިބާރޯ ކުންފުނީގެ އަފްރާދު، ސަސް ކުލަބު ހަދައިގެން ވ ކުރީ.