ގަދަ ފަސް ކްލަބްގެ ތެރެއިން ލީޑް ކުރަމުން އައި އީފަލްސްގެ އޮފިޝަލުން، މިދިޔަ އަހަރު އެފްއޭއެމުން ބޭއްވި ކޮންގްރެސްއެއްގައި ވާދަކުރަނީ --- ފައިލް ފޮޓޯ: ފަޔާޒު މުސާ | މިހާރު
25 ޖޫން 2025 - 14:25
ބަދަހިކޮށް އޮތް "ނުފޫޒު ގަދަ ފަހެއް" ނިސްބަތް ވަނީ އެއް ވަނަ ޑިވިޝަނަށެވެ. އެ ފަސް ކްލަބަކީ؛ އީގަލްސް، ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓަރީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ބުރު ސްޕޯޓްސް އެވެ.
މި ފަސް ކްލަބްގެ ކޯލިޝަނަކީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއީދު ކުރުމުގައި މި ހަފުތާއާ ހަމަށް ދެމިއޮތް ފަސް ކަލްބެވެ.
ފުޓްބޯޅައިގެ ކުރީގެ އެޑްމިނިސްޓްރޭޓަރެއްގެ ބަހުންނަމަ، މި ފަސް ކްލަބްގައި ވެސް "ހަގީގަތުގައި ލީޑަރަކީ ބައްސާމް" އެވެ.
އޭނާ ދެއްކި ކޮންމެ މަގަކުން އެ ފަސް ކްލަބް ހިނގި އެވެ. މިދިޔަ އަހަރު ޖެނުއަރީ މަހު އެފްއޭއެމުން ބާއްވަން އުޅުނު އިންތިހާބުގައި ބައްސާމް ވާދަނުކުރައްވައި އޭނާގެ ފަރާތުން ކެންޑިޑޭޓަކަށް ދެއްކީ، އޭރުގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމް (މުފާ) އެވެ. އީގަލްސްގެ ނައިބު ރައީސް އަދި އެ ކްލަބްގެ ހުރިހާ ކޮންޓްރޯލެއް އޮތް ކްލަބްގެ ހިދުމަތްތެރިޔާ އެވެ.
ބައްސާމްގެ ނިންމުމުމާ މެދު "ސުވާލެއް ވެސް ކޮށްނުލައި" އޭނާ ދެއްކި ކެންޑިޑޭޓްގެ ފަހަތަށް މި ފަސް ކްލަބުން އެރި އެވެ. އެހާ ބަދަހިކޮށް އޮތް މި ފަސް ކްލަބްގެ ކޯލިޝަން "ރަސްމީކޮށް" ރޭގައި ރޫޅުނީ އެވެ.
އެފްއޭއެމުން ކުރިން ބޭއްވި ކޮންގްރެސްއެއްގައި މުފާ އާއި ބައްސާމް: މިދިޔަ އަހަރު ޖެނުއަރީ މަހު ބާއްވަން އުޅުނު އިންތިހާބުގައި ބައްސާމް ކެންޑިޑޭޓަކަށް ދެއްކީ މުފާ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވާނެކަމަށް އިއުލާންކޮށްފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ތޮމް) އަށް ތާއީދު ކުރާކަން ގްރީން އިން ރޭ ވަނީ އިއުލާންކޮށްފަ އެވެ. އަދި ހުކުރު ދުވަހުގެ ރޭ ބާއްވާ ކޮންގްރެސްގައި ވެސް ތޯރިގްގެ ޓީމާ އެކު އޮތްކަން އެ ކްލަބުން ހާމަ ކުރި އެވެ.
އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތަކަށް ވޯޓަށް އަހަން ހަމަޖެހިފައިވާ، އެ ކޮންގްރެސް ބޭއްވޭނީ ކޯރަމްގެ ތިންބައިކުޅަ ދެބައި ހަމަވެގެންނެވެ. މާޗް މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސް، އެ ފަސް ކްލަބުން ބޮއިކޮޓް ކުރި އެވެ. އެކަމަކު އެއީ އަސާސީ ގަވާއިދު ފާސް ކުރާ ކޮންގްރެސްއަކަށް ނުވާތީ ކިރިކިރިޔާ ކޯރަމް ހަމަވާ ވަރަށް ކްލަބްތައް ހާޒިރުވުމުން ކުރިއަށް ގެންދިޔަ އެވެ.
މި ހަފުތާއާ ހަމައަށް އޮތީ އަސާސީ ގަވާއިދު ފާސްކުރާ ކޮންގްރެސް އަށް ކޯރަމް ހަމަވެދާނެތޯ ސުވާލު އުފެދިފަ އެވެ. އެކަމަކު "މިހާރު" އާ ވާހަކަ ދެއްކި ހާލަތު ރަނގަޅަށް އެނގޭ އޮފިޝަލަކު ބުނީ ފަސް ކަލްބްގެ ކޯލިޝަނުގެ ތެރެއިން އިތުރު ކްލަބެއް ވެސް ތޯރިގްގެ ޓީމާ ގުޅިއްޖެ ކަމަށެވެ.
"ކޯރަމް ހަމަކުރަން ބޭނުން ވަނީ އެ ފަސް ކްލަބްގެ ތެރެއިން ދެ ކްލަބް. ގްރީންއިން އޮފިޝަލީ އެ އި އިއުލާން ކުރީ (ތޯރިގާ އެކު އޮތްކަން). އިތުރު ކްލަބެއް ވެސް ގުޅިއްޖެ،" ހާލަތު އެނގޭ އޮފިޝަލް "މިހާރު" އަށް ބުންޏެވެ.
އެފްއޭއެމްގެ ކޮންގްރެސްގައި ގްރީންއިން އެ ކްލަބްގެ ރައީސް މުއާވިޔަތު ހަލީލް (ކ) އާއި ނައިބު ރައީސް އިބްރާހިމް އަބްދުﷲ: އެ ކްލަބުން ވަނީ ތޯރިގްގެ ޓީމާ ގުޅިފައި. --- ފައިލް ފޮޓޯ: މިހާރު
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފަސް ކްލަބް ހިމެނުނު ބައްސާމްގެ ކޯލިޝަނުން ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން ވާހަކަ ދައްކާފައި އޮތީ ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލެވެ. ބައްސާމްގެ ދައުރުގައި އެކްސްކޯ މެންބަރެކެވެ. އެކަމަކު ގްރީންއިން ކޮޅު ބަދަލު ކުރުމުން އެ ފުރުސަތު މިހާރު އޮތްކަމަކަށް ނުފެނެ އެވެ.
ބަދަހިކޮށް އޮތް ކޯލިޝަން ރޫޅުނީ ކީއްވެ ހެއްޔެވެ؟ އެ ކްލަބްތަކުގެ ވިސްނުން ބަދަލު ކުރެވޭތޯ މިދިޔަ އަހަރެއްހާ ދުވަސްތެރޭ އެކިފަހަރު މަތިން ތޯރިގް ވެސް ވާހަކަތައް ކުރިއަށް ގެންދިޔަކަން ވެސް "މިހާރު" އަށް އެނގިފައ ވެ އެވެ. އެކަމަކު އޭނާ އަށް ވެސް އެ ކޯލިޝަން ރޫޅައެއް ނުލެވުނެވެ.
ތޯރިގަކީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރެކެވެ. އެފްއޭއެމްގެ ރައީސްކަމަށް އޭނާ ގެނައުމަށް ސަރުކާރުން ނުސީދާކޮށް ތާއީދު ކުރެ އެވެ. ކުޅިވަރު އެސޯސިއޭޝަންތަކަށް އޭރެއްގެ އޮންނަ ސަރުކާރަކަށް ތާއީދު ކުރާ ބަޔަކު ގެންނަން މަސައްކަތް ކުރުމަކީ ހުރިހާ ވެރިކަމެއްގައި ވެސް ހިނގާފައިވާ އަދި ހިނގަމުން އަންނަ ކަމެކެވެ.
އެފްއޭއެމުން މާޗް މަހު ބޭއްވި ކޮންގްރެސް ޝަރަފުވެރިކޮށްދެއްވަން ވަޑައިގެން ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ)، ކޮންގްރެސްގައި މަހިބަދޫ ސްޕޯޓްސްގެ މަންދޫބު ތޯރިގާ އެކު: ސަރުކާރުން ނުސީދާކޮށް ތާއީދު ކުރާ ކެންޑިޑޭޓަކީ ތޯރިގް --- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
ބަދަހި ފަސް ކްލަބްގެ ކޯލިޝަން ރޫޅުނު އެއް ސަބަބެއް ކަމަށް ފުޓްބޯޅައިގެ ކުރީގެ އެޑްމިނިސްޓްރު ވިދާޅުވީ އެފްއޭއެމުން ކްލަބްތަކަށް ދިން ފައިސާ އަށް އެ ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަން ފެށުމެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފަސް ކްލަބްގެ ތެރެއިން ހަތަރު ކްލަބެއްގެ މައްސަލަ ފުލުހުން ތަހުގީގުގައި ބަލަ އެވެ.
"ބައެއް (ކްލަބް) ތަކުގެ މީހުން ޕޮލިހަށް ވެސް ހާޒިރު ކުރި،" ހާލަތު އެނގޭ އެހެން އޮފިޝަލަކު ބުންޏެވެ.
ކޯލިޝަން ރޫޅުނު އަނެއް ސަބަބަކީ ކްލަބްތަކުގެ ވަކިވަކި އޮފިޝަލުންނަށް ސަރުކާރުގެ އެކި މަގާމުތައް ދީފައިވުމެވެ. ތޯރިގްގެ ޓީމުގައި ހިމޭނެ ކްލަބްތަކުގެ ބައެއް އޮފިޝަލުން މިހާރު ވެސް ތިބީ ސަރުކާރުގެ ކުންފުނިތަކުގައި ނުވަތަ ސިޔާސީ ބައެއް މަގާމުތަކުގަ އެވެ.
ތޯރިގްގެ ޓީމުގައި ކުރިން ވެސް އޮތް މޒިޔާގެ އޮފިޝަލުން މާޗް މަހު ބޭއްވި ކޮންގްރެސްގައި: ފުރަތަމަ ޑިވިޝަނުން ތޯރިގަށް ތާއީދު ކުރާ ކްލަބްޔަކުގެ ރަސްމީ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފަ --- ފޮޓޯ: ފަޔާޒު މުސާ | މިހާރު
މިފަހުން ވެސް ގަދަ ފަސް ކްލަބްގެ ތެރެއިން ކްލަބެއްގެ އޮފިޝަލަކަށް ސަރުކާރުގެ ކުންފުންޏަކުން ވަޒީފާ އިއުލާންކޮށް މަގާމު ދިންކަން ވެސް "މިހާރު" އަށް ވަނީ އެނގިފަ އެވެ.
"އެކަހަލަ މެޓީރިއަލިސްޓިކް ކަންތައްތަކެއް ކުރިމަތިވީމާ ތިބުނާ ފަސް ކްލަބްގެ ޓީމު ރޫޅުނީ،" ކުރިން ވާހަކަ ދެއްކި ކުރީގެ އެޑްމިސްޓްރޭޓަރު ބުންޏެވެ.
ތޯރިގްގެ ޓީމުގައި ފުރަތަމަ ޑިވިޝަނުން ކުރިން އޮތީ ތިން ކްލަބެވެ. އެއީ ވެލެންސިއާ، މާޒިޔާ އަދި ޓީސީ އެވެ. މިހާރު ގްރީންއިން އެ ޓީމާ ގުޅެން ނިންމުމުމުން، އޭނާ އަށް ތާއީދު ކުރާ އެއްވަނަ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދު ރަސްމީކޮށް ހަތަރަކަށް ބަދަލު ވީ އެވެ. ނުރަސްމީކޮށް އިތުރު ކްލަބެއް ވެސް މިހާރު އޮތީ އޭނާ އާ އެކު އެވެ. އެހެންވެ ހުކުރު ދުވަހުގެ ރޭ ބާއްވާ ކޮންގްރެސްގެ ކޯރަމް ހަމަވެގެން ބޭއްވޭނެކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
26 June 2025
ތިޔަ ކުލަބް ތަކުން އެފްއޭގެ މައްޗަށް ހިންގަނީ ނުޙައްޤު ނުފޫޒު ތަކެއް. އަދި ލިއުން ފަށައި ގަންނަމުން 5 ކުލަބް ނިސްބަތް ވަނީ ފުރަތަމަ ޑިވިޝަނަށް ކަމަށް ބުނެފައި އޮތް ކަމަށްވިޔަސް ތިއީ ކ.އަތޮޅު މާލެއަށް ނިސްބަތްވާ މާލޭގެ އެކި ސަރަޙައްދު ތަކުގެ ކަންމަތީ ޤުރޫޕް ތަކެއްގެ ތެރެއިން އުފެދި އެމްއޭ ޙިސޯރު ކޮށްގެން އުޅޭ ބައެއް. ރާއްޖެ 3 ސަރަޙައްދަށް ވަކިކޮށް ރީޖަންތަކުގެ ކުލަބު ތަކަށް ހަމަހަމަކަމާއިއެކު ވާދަކުރަން ފުރުސަތު ދޭން އަދިވެސް މާލޭ މީހުން ދެކޮޅު.