ކްލަބް ވޯލްޑް ކަޕްގައި ވާދަކުރަން ރެއާލްއާ އެކު މޮޑްރިޗް އެމެރިކާގައި: އެ މުބާރަތަށް ފަހު އޭނާ އޭސީ މިލާނަށް ސޮއި ކުރާނެ --- ފޯޓޯ: އޭއެފްޕީ
25 ޖޫން 2025 - 22:57
އެމެރިކާގައި މިހާރު ކުރިއަށްދާ ކްލަބް ވޯލްޑް ކަޕް ނިމުމުން، ރެއާލް މެޑްރިޑްގެ ކެޕްޓަން ލުކަ މޮޑްރިޗް އޭސީ މިލާނަށް ސޮއި ކުރާނެ ކަމަށް އެ ކްލަބްގެ ސްޕޯޓިން ޑައިރެކްޓާ އިގްލީ ޓާރޭ ބުނެފި އެވެ.
އިޓަލީގެ ގެޒެޓާ ޑެލޯ އަށް ދިން އިންޓަވިއުގައި ޓާރޭ ބުނީ މޮޑްރިޗާ އެކު އަނގަ ބަހުން އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށެވެ. އޭނާ އެކު އެއް އަހަރުގެ އެއްބަސްވުމެއްގައި މިލާނުން ސޮއި ކުރާނެކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި މިލާނުން ބޭނުންނަމަ އިތުރު އެއް އަހަރަށް އޭނާ ބެހެއްޓުމުގެ ފުރުސަތު ވެސް އެ އެއްބަސްވުމުގެ ދަށުން އެ ކްލަބަށް ލިބޭނެ އެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި މިލާނުން ދޭނީ އަހަރަކަށް ހަތަރު މިލިއަން ޑޮލަރެވެ.
ކްރޮއޭޝިއާގެ ކެޕްޓަން މިލާނަށް ބަދަލު ވާނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ރެއާލްއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ރެއާލްގެ މިހާރުގެ ކޯޗު ޒަބީ އޮލޮންސޯ އަންނަ ސީޒަނަށް އޭނާގެ ޕްލޭން އެކުލަވާލަނީ މޮޑްރިޗް ނުލަ އެވެ. އެހެންވެ ރެއާލުން ނިންމީ އަންނަ ސެޕްޓެމްބަރު މަހު 40 އަހަރު ފުރޭ މިޑްފީލްޑަރުގެ ކޮންޓްރެކްޓް އާ ނުކުރުމަށެވެ.
ޓާރޭ ބުނީ މިލާނުގައި މިހަރު އޮތް ސްކޮޑަށް މޮޑްރިޗް ފަދަ ލީޑަރެއް ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ވާދަވެރި ކަމާ އެކު ކުޅެން މޮޑްރިޗް ބޭނުންވާ ކަމަށެވެ.
"އޭނާ އަހަރެން ގާތު އެހި ފުރަތަމަ ސުވާލަކީ 'އަހަރެމެން ވާނީ ތަށި ހޯދަން ބިނާކުރި ޓީމަކަށްތޯ؟'،" ރެއާލް އާ އެކު ހަ ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި މޮޑްރިޗާ ބެހޭގޮތުން ޓާރޭ ބުންޏެވެ.
"އެންމެ ފުރަތަމަ ފެށިގެން ވެސް އޭނާ ބޭނުން ވަނީ ޓީމުގެ ތަރިއަކަށް [މުހިންމު ކުޅުންތެރިޔަކަށް] ވާން."
ޓޮޓްނަމް ހޮޓްސްޕާސްއިން މޮޑްރިޗް ރެއާލަށް ބަދަލުވީ 2012 ގަ އެވެ. ފުރަތަމަ ކޮޅު އޭނާ އަށް ރަނގަޅަށް ނުކުޅެވުނެވެ. އެކަމަކު ފަހުން އޭނާ ވީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަށެވެ. އޭނާ ރެއާލުން ވަކިވެގެންދަނީ އެ ކްލަބްގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެ ކްލަބާ އެކު 28 ތަށި އޭނާ ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy