ކްލަބް އެޗްޑީސީ.-- ފޮޓޯ: ވީއޭއެމް
13 ޖުލައި 2025 - 07:12
މި އަހަރުގެ ގައުމީ ވޮޅީބޯޅަ މުބާރާތުގައި ވެސް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާއި ކްލަބް އެޗްޑީސީ ބައްދަލުކުރަން ޖެހިއްޖެ އެވެ.
އެޗްޑީސީ ފައިނަލްގެ ފަހު ޖާގަ ހޯދީ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު ތިންވަނަ ސެމީގައި ފަހަތުން އަރައި 3-1 ސެޓުން ފުވައްމުލަކު ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓު ދަޑިމަގުން 25-23 އިން ގެންގޮސްފައި ވަނިކޮށް އެޗްޑީސީ މޮޅުވީ ދެން ކުޅުނު ތިން ސެޓު ވެސް ކާމިޔާބު ކޮށްގެންނެވެ. އެޗްޑީސީ ސެޓްތައް ގެންދިޔައީ 25-16، 25-20 އަދި 25-23 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ.
ދަޑިމަގު ސްޕޯޓްސް.-- ފޮޓޯ: ވީއޭއެމް
މި ނަތީޖާއާ އެކު، ދަޑިމަގު ސްޕޯޓްސް އަށް ވަނީ ގައުމީ މުބާރާތުގެ ތިންވަނަ ލިބިފަ އެވެ.
ގައުމީ ލީގުގެ ދެވަނަ ހޯދި ދަޑިމަގު ވަނީ ގައުމީ މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ސިފައިންގެ ކްލަބް އަތުން ބަލިވެފަ އެވެ. މިއާ އެކު، ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ސިފައިންނެޗެ.
ގައުމީ ލީގުގެ ހަތަރުވަނަ ހޯދައިގެން ގައުމީ މުބާރާތުގެ ޖާގަ ހޯދި އެޗްޑީސީ ވަނީ ފުރަތަމަ މެޗުގައި ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށްފަ އެވެ. ދަޑިމަގު ބަލިކޮށް އެ ޓީމު ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ފައިނަލަށް ދަތުރު ކޮށްފަ އެވެ.
ސިފައިންގެ ކްލަބް.-- ފޮޓޯ: ވީއޭއެމް
މިދިޔަ ދެ އަހަރު ވެސް ގައުމީ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައި ވަނީ ސިފައިންނާއި އެޗްޑީސީ އެވެ. އެޗްޑީސީ 2023 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރީ ކްލަބް އާބަންކޯގެ ނަމުގަ އެވެ. ދެ އަހަރު ވެސް ސިފައިން ވަނީ އެޗްޑީސީގެ މައްޗަށް ކުރި ހޯދައިފަ އެވެ.
މިއީ ސިފައިން ގައުމީ މުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ވާދަކުރާ 10 ވަނަ ފަހަރެވެ. އެންމެ ފަހުން އޮތް ނުވަ މުބާރާތުގެ ފައިނަލްގައި ވާދަކޮށް ސިފައިން ވަނީ ހަތަރު ފަހަތު ތަށި ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗެމް
13 July 2025
މަ މި މިލިޔުން ކިޔާލީ ފައިނަލް މެޗް އޮންނަ ގަޑި ބާލާލަން އެހެން ހުރިހާ އެޗެއް ހުރި ފައިނަލް މެޗް ކުޅޭ ތަނާއި ގަޑި އެއް ނެތް ފުރުހަމަ ލިޔުމެއް ކަމަށް ނުބެލެވޭ
ސަ×ައފޗަްދފއ
13 July 2025
އާޓިކަލް ފުރިހަމަ ވާނީ ފައިނަލް މެޗް އޮންނަ ތާރީޙް އަދި ގަޑި ޖަހާލިނަމަ!