02 ސެޕްޓެމްބަރ 2025 - 08:58
ލަންޑަން (ސެޕްޓެމްބަރު 2) - ޗެލްސީން އެ ޓީމުގެ ސެނެގާލް ފޯވާޑް ނިކޮލަސް ޖެކްސަން ފަހު ވަގުތު ކްލަބުގައި ބަހައްޓަން ނިންމި ނިންމުން ބަދަލުކޮށް، އޭނާ ލޯނުގައި ބެޔާން މިއުނިކަށް ފޮނުވާލައިފި އެވެ.
ޗެލްސީގެ ފޯވާޑްލިއަމް ޑިލެޕް އަށް އަނިޔާވެ، ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެތީ، 13 މިލިއަން ޕައުންޑްގެ ލޯނުގެ ޑީލް ކެންސަލް ކުރަން ނިންމި ނަމަވެސް ޗެލްސީ މި ފަހަރު އެއްބަސްވީ 14.3 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ހަމަ އެއާ އެކު، ކުރިން ވެސް އޮތް، ވަކި މިންވަރަކަށް މެޗު ކުޅެވުމުން 56.2 މިލިއަން ޑޮލަރަށް އެއްބަސްވުން ދާއިމީ ކުރުން ވެސް އެއްބަސްވުމުގައި ހިމެނެ އެވެ.
ސްޕެއިންގެ ވިޔަރެއާލުން 32 މިލިއަން ޕައުންޑަށް 2023 ގައި ގެނައި ޖެކްސަން ވަނީ 81 މެޗުން 30 ގޯލު ޖަހައިދީފަ އެވެ.
ޖެކްސަން ވެސް ބެޔާނަށް ބަދަލުވާން ބޭނުންވެފައި ވުމުން ޗެލްސީން އޭނާ ފޮނުވާލަން ނިންމީ މި ސީޒަނަށް ލޯނުގައި ސަންޑަލެންޑަށް ފޮނުވާލި މާކް ގިއޫ އަލުން ޓީމަށް ގެންނަަން ހަމަޖައްސަައިފަ އެވެ. ގިއޫ ވަނީ މިދިޔަ ސީޒަންގައި ޗެލްސީއަށް ކުޅެދިން 16 މެޗުން ހަ ގޯލު ޖަހައިދީފަ އެވެ.
ޗެލްސީގެ އެޓޭކް ވަރުގަދަކުރަން ވަނީ ބްރައިޓަންގެ އިތުރު ފޯވާޑެއް ގެނެސްފަ އެވެ. އުމުރުން 20 އަހަރުގެ އާޖެންޓީނާ ފޯވާޑް ފަކުންޑޯ ބުއާނަނޯޓޭ ގެނެސްފަ އެވެ. މިދިޔަ ސީޒަންގައި ލެސްޓަ ސިޓީއަށް ލޯނު އުސޫލުން ކުޅުނު މި ކުޅުންތެރިޔާ ގެނައީ ދެ މިލިއަން ޕައުންޑްގެ ލޯން ފީއަކަށެވެ. އޭނާ ވަނީ ލެސްޓަ ސިޓީއަށް ލީގުގައި ކުޅެދިން 35 މެޗުން ހަ ގޯލު ޖަހައި ތިން ގޯލު އެސިސްޓް ކޮށްފަ އެވެ.
ހަމަ އެއާ އެކު، ބްރައިޓަންގެ ފޯވާޑް ހޫލިއޯ އެންސީސޯ، 21، ވެސް ވަނީ ޗެލްސީގެ ވެރިން ހިންގާ ފްރާންސްގެ ސްޓްރާސްބޯގަށް ބަދަލުވާން ނިންމައިފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފްރާންސްގައި އަހަރެއް ކޮށްފައި އޭނާ ޗެލްސީއާ ގުޅޭނެ އެވެ.
ޗެލްސީން ވަނީ އިނގިރޭސި ލެފްޓް ބެކް ބެން ޗިލްވެލް ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސްޓްރާސްބޯގަށް ފޮނުވާލަން އެއްވަސްވެފަ އެވެ. މީގެ އިތުރުން ޗެލްސީ ވަނީ 22 މިލިއަން ޕައުންޑަށް ޒުވާން ވިންގާ ތައިރީގް ޖޯޖް، ފުލަމް އަށް ވިއްކާލަން އެއްބަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy