މާޒިޔާގެ ކީޕަރު ހުސައިން ޝަރީފަށް ކުރިމަތިވި، އަނިޔާއިން ރަނގަޅުވެ އަލުން ކުޅެން ފެށުމުން ގައުމީ ޓީމަށް ނަގައިފި އެވެ.
މިދިޔަ ދެ އަހަރު ގައުމީ ޓީމުގެ އެއްވަނަ ކީޕަރުގެ މަގާމު އަދާކުރި ހުސައިން އަށް އަނިޔާވީ އޮފްސީޒަން މުބާރާތެއްގައި ކުޅެނިކޮށެވެ.
އެނގިފައިވާ ގޮތުގައި އަނިޔާވީ އޭނާގެ އަތުގެ އިނގިއްޔަކަށެވެ.
ދެކުނު އޭޝިއާގެ ސުޕަ ކަޕްގެ ނަމުގައި މިދިޔަ މަހު ލަންކާގައި ކުޅުނު ދެ މެޗަށް އެކުލާވާލީ ގައުމީ ސްކޮޑްގައި ހުސައިން ނުހިމެނީ، އޭރު އަނިޔާގައި ހުރުމުންނެވެ. އޭނާގެ ބަދަލުގައި އެ ފަހަރު ނެގި ސްކޮޑުން ޖާގަ ލިބުނީ މާޒިޔާގެ ތިންވަނަ ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) އަށެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސްއާ ދެކޮޅަށް މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައި ގޯލް ބެލެހެއްޓީ ހުސައިންނެވެ. އޭގެ ކުރީގެ މެޗުގައި ޓީސީއާ ދެކޮޅަށް ގޯލް ބެލެހެއްޓީ އިޔާން އެވެ.
މިފަހަރު ސްކޮޑުން އިޔާން އަށް ޖާގަ ދީފައެއް ނުވެ އެވެ. ހުސައިންގެ އިތުރުން ދެން ޓީމަށް ނެގި ދެ ކީޕަރުންނަކީ ބުރު ސްޕޯޓްސްގެ މުހައްމަދު ފައިސަލް އާއި ވިކްޓަރީގެ މުހައްމަދު ޔާމީންނެވެ.
މިދިޔަ ދެ އަހަރު ފައިސަލް އަނިޔާގައި ހުރުމުން ރާއްޖޭގެ ގޯލް ބެލެހެއްޓީ ހުސައިންނެވެ. އިންޑިއާގެ ބެންގަލޫރުގައި 2023 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަކީ ގައުމީ ޓީމުގެ އެއްވަނަ ކީޕަރުގެ ގޮތުގައި ހުސައިން ކުޅުނު ފުރަތަމަ މުބާރެތެވެ.
އެ މުބާރާތުގައި ރާއްޖޭގެ ނަތީޖާ ދިޔައީ ގޯސްކޮށެވެ. އެކަމަކު ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މުޅި ޓީމުން ވެސް އެފަހަރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ހުސައިންނެވެ.
ކުރިން ނެގި ސްކޮޑުން ފުރުސަތު ލިބުނު ޓީސީގެ ހަސަން އީނާޒާއި ނިއު ރޭޑިއަންޓްގެ ހަސަން ރާއިދު، މިފަހަރު ސްކޮޑްގައި ހިމަނާފައެއް ނުވެ އެވެ. ގައުމީ ސްކޮޑް
މާޒިޔާ:-
ސަމޫހް އަލީ
ހުސައިން ސިފާއު ޔޫސުފް
އިބްރާހިމް އައިސަމް
ނާއިޒު ހަސަން
ހަމްޒާ މުހައްމަދު
ހައިޝަމް ހަސަން
ހުސައިން ޝަރީފް
ހަސަން ނަޒީމު
ހަސަން ޝިފާޒު
އަހްމަދު އައިހަމް
މުހައްމަދު އިލާން އިމްރާން
އޮޑި ސްޕޯޓްސް:-
ހުސައިން ނިހާން
އަހްމަދު އައިހަމް
އަހްޒަމް ރަޝީދު
އީގަލްސް:-
އިބްރާހިމް މަހްދީ ހުސައިން
އަހްމަދު ރިޒުވާން
ހިޝާމް ސަލީމް
ބުރު ސްޕޯޓްސް:-
މުހައްމަދު ފައިސަލް
އިބްރާހިމް އުސާމާ ހަސަން މަޖީދު
މުހައްމަދު ނާއިމް
ނިއު ރޭޑިއަންޓް:-
މުހައްމަދު އިރުފާން
އަލީ ފާސިރު
ހަސަން ރާއިފް އަހްމަދު
ވިކްޓަރީ:
މުހައްމަދު ޔާމީން