އޮޑި އާއި ބުރު މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
26 އޮކްޓޯބަރ 2025 - 19:14
ބުރު ސްޕޯޓްސްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އޮޑި އަލުން މޮޅުވުމުގެ ރޭހަށް ވަދެއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މޮޅުވުމުގެ ޓްރެކުގައި ކުރިއަށްދަނިކޮށް، އޮޑި އަށް ހުރަސް އެޅީ މިދިޔަ ހަފުތާގައި އީގަލްސްއިންނެވެ. އީގަލްސް އާއި އޮޑީގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ.
އަލުން މޮޅުވުމުގެ ރޭހަށް އެނބުރި އައި މެޗުގައި، ފުރަތަމަ ލީޑް ނެގީ ބުރުންނެވެ. މެޗުގެ 36 ވަނަ މިނެޓްގައި އެ ޓީމަށް ލަނޑު ޖަހައި ދިނީ މުހައްމަދު ނާއިމް އެވެ. އޭނާ ލަނޑު ޖެހީ އެ ޓީމުގެ އިބްރާހިމް އުސާމާ ހުސައިން މަޖީދު ނަގައި ދިން ހުރަސް ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.
އުސާމާ ނަގައިދިން ހުރަސް ދިފާއު ކުރަން، އޮޑީގެ ހެންގޭރީގެ ޑިފެންޑަރު ބާނަބަސް ޓޯތު ބޯޅަ އަށް ޓެކުލު ވެސް ކުރި އެވެ. އެކަމަކު އޭނާ ފައިގައި ބޯޅަ ލައްވާނުލުމުން އެ ބޯޅަ ނާއިމް އަށް ލިބުނީ މުޅިން ހުސްކޮށެވެ.
ބުރުން ލީޑްގައި އޮވެގެން ފުރަތަމަހާފު ނިންމާލި ނަމަވެސް އެ ޓީމަށް ލީޑްގައި ނުހިފެހެއްޓުނެވެ. ދެވަނަ ހާފު ފަށައިގެން ތިން މިނެޓްތެރޭ އޮޑިން ނަތީޖާ ހަމަހަމަ ކުރި އެވެ. އަހްމަދު އައިހަމް ނެގި ކޯނަރު ބޮލުން ވައްދާލައިގެން އޮޑި އަށް ނަތީޖާ ހަމަހަމަކޮށް ދިނީ އަބްދުﷲ ލޫތު އިބްރާހިމެވެ.
މެޗު ހަމަހަމަވެގެން ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް އޮޑިން ނަތީޖާ ބަދަލު ކުރީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ.
ބުރުގެ އޭރިއާގެ ބޭރުން އަހްޒަމް ރަޝީދު ދިން ބޯޅަ މުޒުދާން ހަސަން، ކޮންޓްރޯލުކޮށްލުމަށް ފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނާނެ ޖާގަ ނުލިބުމުން ޑީއޭރިއާގެ ތެރޭގައި ހުރެފައި އޭނާ ބޯޅަ ދުރުން ފޮނުވާލައި ލަނޑު ޖެހި އެވެ.
މުޒުދާން ބޯޅަ ފޮނުވާލީ ތިރިތރިންނެވެ. އެ ބޯޅަ ދަނޑިކައިރިން ގޮސް ވަނީ ގޯލްގެ ކަނަށެވެ. ކީޕަރު މުހައްމަދު ފައިސަލް އަށް ވެސް އެ ބޯޅަ ދިފާއު ކުރަން މަސައްކަތް ކުރި ނަމަވެސް އޭނާ އަށް އެކަން ކާމިޔާބެއް ނުވި އެވެ.
މި ނަތީޖާއާ އެކު އޮޑި ވަނީ 13 ޕޮއިންޓް ދެވަނަ އަށް ޖެހިލާފަ އެވެ. މިހާރު ތިންވަނައިގައި އޮތީ އެއް މެޗު މަދު ކުޅެފައިވާ ނިއު ރޭޑިއަންޓެވެ. ބުރު އޮތީ ހަތަރުވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެދުހެންވޭރު.
27 October 2025
ގާނޫނެއްއޮވެޔޯ ގޭންގުނަންލައިގެން ކަންކަން ނުކުރެވޭގޮތައް.
ދަގަތްފާނު
26 October 2025
ރަށްރަށުގައި ބޯޅަކުޅޭ ހަބަރުތަކުގައި ކޮންރަށެއްކަން ހަބަރުގަ ޖަހާލާނަމަ ވަރަށްރަނގަޅުވީސް. މިހަބަރުން މިއެނގުނީ ތިބަޔަކު ކުޅުނީ މޮޅުވުމުގެ ޓްރެކުގައިކަން. އެއީ ކޮންރަށެއްގައި އޮންނަ ޓުރެކެއްކަމާއި ތިޔައީ ކޮންރަށަކު ބައެއްކަން ނޭނގުނު.
ޑަކު
26 October 2025
ދެ ގޭންގު.
މުލޭ
26 October 2025
ބައިބަލާ ދެ ޓީމު ދޯ.