ފޮޑެން (މ) ރޭގެ މެޗުގައި ލަނޑެއް ޖެހުމަށް ފަހު އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
30 ނޮވެމްބަރ 2025 - 10:50
މެންޗެސްޓާ (ނޮވެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދަން ކުރާ ދަތުރަކީ އެއްގޮތަކަށް ވެސް ފަސޭހަ ދަތުރެއް ނޫން ކަމަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލް ފޮޑެން ބުނެފި އެވެ.
ފޮޑެން މިހެން ބުނީ ރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގެ އިތުރު ވަގުތުގައި 3-2 އިން އެ ޓީމު މޮޅުކޮށްދޭން ޖެހި ލަނޑަށް ފަހު މީޑީއާއާ ވާހަކަ ދައްކަމުންނެވެ.
"ތައްޓާ ހަމައަށް ވާސިލުވާން ކުރާ ދަތުރު ސީދަލަކަށް ނުދާނެ. އަބަދުވެސް އުސްގަނޑަކަށް ފަހު އަޑިގަނޑުތަކާ ކުރިމަތިލާން ޖެހޭނެ. ކުރިއަށް ނުދެވޭނެހެން ހީވާ ކަހަލަ ވަގުތުތައް ވެސް އަންނާނެ. އަހަރެމެން އެ ހުރިހާ ހާލަތެއް ތަޖުރިބާ ކޮށްފިން،" ފޮޑެން ބުންޏެވެ.
"އާހިރުގަ މި ނަތީޖާ ނެރެވުނީ އެންމެން އެކުގައި އިތުބާރާ އެކު މަސައްކަތް ކޮށްގެން."
ރޭޣެ މެޗުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ފޮޑެން (މ) އާއި ގްވާޑިއޯލް (ވ).-- ފޮޓޯ: އޭއެފްޕީ
ސިޓީ ވަނީ މެޗުގެ ފުރަތަމަ މިނިޓުގައި ފޮޑެންގެ ގޯލަލުން ލީޑު ނަގައިފަ އެވެ. އަދި 25 ވަނަ މިނިޓުގައި ޖޮސްކޯ ގްވާޑިއޯލްގެ ގޯލަކުން ލީޑު ފުޅާ ވެސް ކުރި އެވެ. ނަމަވެސް ދެވަނަ ހާފުގައި ލީޑްސް ވަނީ ދެ ގޯލު ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ.
ލީޑްސްގެ ފުރަތަމަ ލަނޑު 49 ވަނަ މިނިޓުގައި ޖެހީ ޑޮމިނިކް ކެލްވަޓް-ލެވީން އެވެ. އެއްވަރު ކުރި ގޯލު 68 ވަނަ މިނިޓުގައި ޖަހައިދިނީ ލޫކަސް އެންމޭޗާ އެވެ.
މި ނަތީޖާއާ އެކު، ސިޓީ ވަނީ 13 މެޗުން 25 ޕޮއިންޓް ހޯދައިގެން ދެވަނައަށް ޖެހިލައިފަ އެވެ. އެއްވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 29 ޕޮއިންޓް ހޯދާފައިވާ އާސެނަލް އެވެ. އަދި ތިންވަނައިގައި އޮތީ 23 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އެވެ. އާސެނަލް އާއި ޗެލްސީ މިރޭ ބައްދަލުކުރާނެ އެވެ.
މި ވަގުތު ލީގުގެ ހަތަރުވަނައިގައި އޮތީ ރޭ 3-2 އިން ބޯންމަތު ބަލިކުރި ސަންޑަލެންޑެވެ. ސަންޑަލެންޑް ވަނީ މި މޮޅާ އެކު 22 ޕޮއިންޓް ހޯދައިފަ އެވެ.
ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑުން ވަނީ ފަހު ވަގުތު ޖެހި ލަނޑުތަކާ އެކު 3-1 އިން ބާންލީ ބަލިކޮށްފަ އެވެ. އަދި ނިއުކާސަލް ޔުނައިޓެޑް ވަނީ 4-1 އިން އެވަޓަންގެ މައްޗަށް ކުރި ހޯދައިފަ އެވެ. ޓޮޓްނަމް ހޮޓްސްޕާ އާއި ފުލަމް ރޭ ކުޅުނު މެޗު 2-1 އިން ކާމިޔާބު ކުރީ ފުލަމް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy