ލަންޑަން (މެއި 20) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 22 އަހަރު ފަހުން އާސެނަލް ހޯދައިފި އެވެ.

އެއް މެޗު ބާކީ އޮއްވައި އާސެނަލް އަށް ޗެމްޕިއަންކަން ޔަގީންވީ، ދެ ޕޮއިންޓް ފަހަތުގައި އޮތް މެންޗެސްޓާ ސިޓީ މިރޭ ބޯންމަތާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވުމުންނެވެ.

އެއްވަރުވި މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ (ވ) އާއި ބޯންމަތުގެ ކޯޗު އެންޑޮނީ އީރައޯލާއާ ސަލާމް ކުރަނީ.-- ފޮޓޯ: އޭއެގްޕީ
އެއްވަރުވި މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ (ވ) އާއި ބޯންމަތުގެ ކޯޗު އެންޑޮނީ އީރައޯލާއާ ސަލާމް ކުރަނީ.-- ފޮޓޯ: އޭއެގްޕީ

އެލީ ޖޫނިއާ ކްރޯޕީ މެޗުގެ 38 ވަނަ މިނިޓުގައި ބޯންމަތަށް ލީޑު ނަގައިދީފައި ވަނިކޮށް ސިޓީ އެއްވަރު ކުރީ މެޗުގެ އިތުރު ވަގުތުގައި އާލިން ހާލަންޑް ޖަހައިދިން ގޯލުންނެވެ.

މިއާ އެކު އާސެނަލްގެ ގިނަ ސަޕޯޓަރުންނެއް ވަނީ ލަންޑަންގެ މަގުތަކުގައި އުފާފާޅު ކޮށްފަ އެވެ.

އާސެނަލްގެ ސަޕޯޓަރުން މަގުތަކުކގައި އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
އާސެނަލްގެ ސަޕޯޓަރުން މަގުތަކުކގައި އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ތާވަލްގެ އެއްވަނައިގައި އޮތް އާސެނަލް އަށް 37 މެޗުން 82 ޕޮއިންޓް ލިބިފައި ވާއިރު، މިރޭގެ ނަތީޖާއިން ސިޓީއަށް ލިބިފައި ވަނީ 78 ޕޮއިންޓެވެ. އަދި ބޯންމަތު އޮތީ 53 ޕޮއިންޓާ އެކު ހަވަނައިގަ އެވެ.

އާސެނަލް ވަނީ އަންގާރަ ދުވަހުގެ ރޭ ބާންލީއާ ވާދަކޮށް ކައި ހަވާޓްޒް ޖަހައިދިން ގޯލަކުން 1-0 އިން މޮޅު ވެފަ އެވެ.

މިއީ އާސެނަލްގެ ހަތަރުވަނަ ޕްރިމިއާ ލީގު ކާމިޔާބީ އެވެ. މީގެ ކުރިން އާސެނަލް ތަށި އުފުލާލާފައި ވަނީ ލީގު މެޗަކުން ބަލި ނުވެ ނިންމާލި 2003/2004ގެ މަޝްހޫރި "އިންވިންސިބަލް" ސީޒަންގަ އެވެ.

އާސެނަލް އެންމެ ފުރަތަމަ ޕްރިމިއާ ލީގު ކާމިޔާބު ކުރީ 1998ގަ އެވެ. އެއަށް ފަހު 2002 ގައި ވެސް ލީގު ކާމިޔާބު ކޮށްފައިވެ އެވެ. އަދި އާސެނަލް ވަނީ ޕްރިމިއާ ލީގު ފެށުމުގެ ކުރިން އިނގިރޭސިވިލާތުގެ އެއްވަނަ ޑިވިޝަންގެ ލީގު 10 ފަހަރު ކާމިޔާބު ކޮށްފަ އެވެ.

އާސެނަލް އާ 2019 ވަނަ އަހަރު ހަވާލުވި ކޯޗު މިކެލް އާޓެޓާ، 44، އާއެކު އެ ޓީމުން އެންމެ ފަހުން ކުޅުނު ތިން ސީޒަންގައި ވެސް ނިންމާލީ ލީގުގެ ދެވަނައިގަ އެވެ. ނަމަވެސް މި އަހަރު މިވަނީ ޗެމްޕިޕއަންކަން ޔަގީން ކޮށްފަ އެވެ. އޭނާ ރިޓަޔާ ކުރީ 2011 އިން 2016 އަށް އާސެނަލް އަށް ކުޅުމަށް ފަހު އެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ.-- ފޮޓޯ: އޭއެފްޕީ
އާސެނަލްގެ ކޯޗު މިކެލް އާޓެޓާ.-- ފޮޓޯ: އޭއެފްޕީ

އިނގިރޭސި ލީގުގެ އިތުރުން އާސެނަލް އަށް ވަނީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ލިބިފަ އެވެ. އެ މުބާރާތުގެ ފައިނަލްގައި މި މަހުގެ 30 ވަނަ ދުވަހުގެ ރޭ، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅޭނެ އެވެ.

އޭގެ ކުރިން ލީގުގެ އެންމެ ފަހު މެޗުގައި އާދިއްތަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭނެ އެވެ.