04 ޑިސެމްބަރ 2025 - 12:26
ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އެންމެ ރަނގަޅަށް ކުޅުނު މެޗުގައި އޭނާ އަށް އަނިޔާވެއްޖެ އެވެ.
ލިވަޕޫލް ދޫކޮށް ހިލޭ ޓްރާންސްފާގައި ރެއާލް އަށް މި ސީޒަނުގައި ބަދަލުވި ޓްރެންޓް، އެ ކްލަބްގައި މިހާތަނަށް އެންމެ މޮޅަށް ކުޅުނު މެޗަކީ ރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ރޭ ކުޅުނު މެޗެވެ.
މިދިޔަ މަހު އަނިޔާއިން ރަނގަޅުވެ، ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ރެއާލްގެ ފުރަތަމަ ލަނޑު ޖަހަން ކިލިއަން އެމްބާޕޭ އަށް ކޮރޮސް ފީލްޑް ޕާހެއް ތަނަވަސްކޮށް ދިނީ އޭނާ އެވެ.
މެޗު ފެށިގެން ހަތްވަނަ މިނެޓްގައި ތަނަވަސްކޮށް ދިން އެ ފުރުސަތުގައި ލީޑް ނެގި އެވެ. އެކަމަކު ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓްގައި އޭނާ ބަދަލު ކުރަން ޖެހުނެވެ.
އޭނާ އަށް އަނިޔާވީ ދަނޑުމަތީގައި އިތުރަށް އޮތް ބޯޅައެއް ބޭރުކޮށްލަން ޖެހި ވަގުތު އެވެ. ބެލެވޭ ގޮތުގައި އޭނާގެ ފަޔަށް ތަދެއް އެރީ އެވެ. ބަދަލުކުރަން އެދުނީ އޭނާ އަމިއްލަ އަށެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ރައުލް އެސެންސިއޯ އެވެ.
އޭނާގެ އަނިޔާއާ ގުޅޭ އިތުރު ތްފަސީލު އެނގޭނީ މިއަދު ހަދާ ޓެސްޓްތަކަށް ފަހު އެވެ. އެ އަނިޔައަކީ ރެއާލް އަށް ބަދަލުވި ފަހުން އޭނާ އަށް ކުރިމަތިވި ތިން ވަނަ އަނިޔާ އެވެ.
އިނިރޭސި ޑިފެންޑަރަށް ފުރަތަމަ އަނިޔާވީ ޖޫން ޖުލައި މަހު ބޭއްވި ކްލަބް ވޯލްޑް ކަޕްގަ އެވެ. އެ އަނިޔާއިން ރަނގަޅުވާން ގާތްގަނޑަށް ދޮޅު މަސް ހޭދަވި އެވެ. އޭގެ ފަހުން އަނެއްކާ އޭނާ އަށް އަނިޔާވީ އޮކްޓްބަރު މަހު އެވެ.
ދެވަނަ ފަހަރަށް އޭނާ އަށް އަނިޔާވި ވަގުތު ކަނާތު ޑިފެންޑަރަށް ކުޅޭ ޑެނީ ޖަވާހާލް އަށް ވެސް އަނިޔާވި އެވެ. އެ މުއްދަތުގައި ކަނާތު ބެކަށް ކުޅުނީ ސެންޓްރަލް މިޑްފީލްޑަށް ކުޅޭ ފެޑްރީކޯ ވަލްވާޑޭ އެވެ.
ބިލްބާއޯގައި ރޭ ކުޅުނު މެޗުގައި އެމްބާޕޭ ދެ ލަނޑު ޖެހި އެވެ. އަނެއް ލަނޑު ޖެހީ އެޑްއާޑޯ ކަމަވިންގާ އެވެ. އޭނާ އަށް ކުރިމަތިވި އަނިޔާއަކާ ގުޅިގެން އޭނާ ވެސް ބަދަލު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިހްސާސް
04 December 2025
ރެއާލަށް ޕުރެމިއަރ ލީގުން ގެންދާ މޮޅެތި ކުޅުންތެރިންނަށް އަނިޔާއާ މާއަވަހަށް ކުރިމަތިވާކަން ފާހަގަވޭ.. ބޭލް، ހަޒާޑު، މިހާރު ޓުރެންޓު..