06 ޑިސެމްބަރ 2025 - 09:40
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ މަހުގެ ކުރީކޮޅުު، ޕީއެސްޖީގެ ކަނާތު ބެކް އަޝްރަފް ހަކީމީ އަށް "ނުރައްކާތެރި" ފައުލެއް ކޮށްގެން ރަތް ކާޑު ދެއްކި ބެޔާން މިއުނިކްގެ ފޯވާޑް ލުއިސް ޑިއާޒްގެ ތިން މެޗުގެ ސަސްޕެންޝަން، ޔޫއެފާއިން ދެ މެޗަށް ލުއިކޮށް ދީފި އެވެ.
ޑިއާޒްގެ ފައުލާ ގުޅިގެން ހަކީމީގެ ކުޑަހުޅަށް އަނިޔާވެގެން އެ މެޗުގައި އޭނާ ވަނީ ބަދަލު ކޮށްފަ އެވެ. އަދި އެއަށް ފަހު ކުޅުމާ ދުރުގައި މަހެއްހާ ދުވަހު ހުރުމަށް ފަހު އޭނާ ވަނީ ބުރާސްފަތި ދުވަހު ފަރިތަކުރުތަކަށް ނުކުންނަން ފަށައިފަ އެވެ. އަދި މި މަހުގެ ފަހުކޮޅު ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް، މީގެ ދެ ހަފްތާ ކުރިން އެފްރިކާ ބައްރުގެ އެންމެ މޮޅު ފުޓްބޯޅަކުޅުންތެރިޔާ، މޮރޮކޯގެ ކެޕްޓަން ހަކީމީ ފިޓް ވާނޭ ކަމަށް ވެސް މީޑިއާތަކުން ހާމަކުރެ އެވެ.
ތިން މެޗަށް ސަސްޕެންޑް ކުރުމުން ޑިއާޒް ވަނީ މައްސަލަ އެޕީލް ކޮށްފަ އެވެ. މައްސަލަ ބަލައި ޔޫއެފާ އިން ވަނީ ދެ މެޗަށް ބަދަލު ކޮށްދީފަ އެވެ.
އެ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ޑިއާޒް އަށް ރަތް ކާޑު ދެއްކުމުގެ ކުރިން، ބެޔާނަށް ވަނީ ދެ ގޯލު ޖަހައިދީފަ އެވެ. އެ މެޗުން އެ ޓީމު ޕީއެސްޖީ ބަލިކުރީ 2-1 އިންނެވެ.
ރަތް ކާޑާ ގުޅިގެން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އާސެނަލް އަތުން ބަލިވި މެޗުގައި ޑިއާޒް އަކަށް ނުކުޅެވުނެވެ. އަދި މި ހަފްތާ ސްޕޯޓިންއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާ ނުކުޅޭނެ އެވެ. ނަމަވެސް ޔޫއެފާގެ ލުޔާ އެކު އަންނަ މަހު ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް-ގިލޮއިސްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ކުޅެވޭނެ އެވެ.
ދާދި ފަހުން، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް، މިދިޔަ މަހު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އަޔަލެންޑާ ދެކޮޅަށް ރަތް ކާޑު ދައްކައިގެން ފީފާ އިން ވަނީ އޭނާ ތިން މެޗަށް ސަސްޕެންޑް ކުރަން ނިންމައިފަ އެވެ. ކޮލިފައިންގެ ފަހު މެޗުގައި އަރްމީނިއާއާ ދެކޮޅަށް އޭނާ ނުކުޅެ އެވެ.
ނަމަވެސް ފީފާ އިން ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗުގެ ސަސްޕެންޝަން ވަކި މުއްދަތަކަށް ފަސްކޮށްދީފަ އެވެ. އެ ބަދަލާ އެކު ރެކޯޑް މުގުރާލާ އޭނާގެ ހަވަނަ ވޯލްޑް ކަޕްގެ އެއްވެސް މެޗެއް ރޮނާލްޑޯ އަށް ނުގެއްލޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy