ާއާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
14 ޑިސެމްބަރ 2025 - 08:26
އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ވުލްވްސް އަތުން ބައިކޮޅަށް ވަން ދެ ގޯލުން، 2-1 އިން ފަހު ވަގުތު މޮޅުވެ އާސެނަލް އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލީގުގައި މިދިޔަ ހަފުތާގައި ކުޅުން މެޗުން ބަލިވެ ކޮންމެވެސް ވަރެއްގެ މާޔޫސްކަމާ ކުރިމަތިލި އާސެނަލް އެއް ވަނައިގައި އޮތީ 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 31 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީ އެވެ. މިރޭ ކްރިސްޓަލް ޕެލަސް އަތުން ސިޓީ މޮޅުވެއްޖެ ނަމަ އާސެނަލްގެ ލީޑު އަނެއްކާ ވެސް ދެ ޕޮއިންޓަށް ހަނިވާނެ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މެޗުގެ 70 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ލިބުނީ ވުލްވްސްގެ ގޯލްކީޕަރު ސޭމް ޖޯންސްޓޯން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
އާސެނަލް މޮޅުވާން ދަނިކޮށް ވުލްވްސް އިން 90 ވަނަ މިނެޓުގައި އެއްވަރުކުރި އެވެ. މި ގޯލް ޖެހީ ޓޮލޫ އަރޮކޮޑާރޭ އެވެ. އާސެނަލް ލަދަކުން ސަލާމަތްވީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ވުލްވްސްގެ ޔާސަން މުސްކެރާ އަތުން ބައިކޮޅަށް ވަން ގޯލުގެ ސަބަބުންނެވެ. މިއީ ބުކާޔޯ ސަކާ ނެގި ހުރަހެއް ގެބްރިއަލް ޖީސުސް ބޮލުން ފޮނުވާލުމުން، އެ ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭ މުސްކެރާ އަތުން ބައި ކޮޅަށް ވަން ގޯލެކެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މިއީ މިއަށް ވުރެ މާ ފަސޭހައިން މޮޅުވެވޭނެ މެޗެއް ކަމަށާއި، މައްސަލައަކަށްވީ އެޓޭކް ކުރި ނަމަވެސް ގޯލް ޖަހާނެ ސީދާ ފުރުސަތުތަކެއް ތަނަވަސް ނުކުރެވުން ކަމަށެވެ.
"އެކަމަކު މި މޮޅާ އެކު ޓީމަށް އިތުބާރު ލިބޭނެ. އެއީ މެޗު ކޮންމެ ގޮތަކަށް ދިޔަޔަސް މޮޅުވެވޭނެ ގޮތެއް ހޯދުނީމާ،" އާޓެޓާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
14 December 2025
ލަދުން ބޯ ހަލާކު!
ލެއްގި ކޮމިޝަނަރު
14 December 2025
ކޮބާ އެއްކަލަ ރަދީފް
ކޑޛޑޚޑ
14 December 2025
ކީއްވެތޯ ހެޑިން ނުޖެހީ " އާސަނަލް އިން ވޯލްސް ލައްވާ ބައިކޮޅަށް ޖެހުވި ލަނޑުން" މޮޅުވި ވާހަކަ. ( ނަފްރަތު ވަނީތޯ؟)