އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ވުލްވްސްއާ ފަހު ވަގުތު 2-2 އިން އެއްވަރުވެ، އެއްވަނައިގައި އޮތް އާސެނަލަށް މަގާމު ގެއްލުމުގެ ބިރު ބޮޑު ވެއްޖެ އެވެ.
މެޗުގެ ފަސްވަނަ މިނިޓުގައި ބުކަޔޯ ސަކާ ޖަހައިދިން ގޯލާއި ޕިއޭރޯ ހިންކަޕީ 56 ވަނަ މިނިޓުގައި ޖަހައިދިން ގޯލާ އެކު، އާސެނަލް ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް ވުލްވްސް ވަނީ 61 ވަނަ މިނިޓުގައި ހޫގޯ ބުއޭނޯގެ ގޯލަކުން ފަރަގު ކުޑަ ކޮށްފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ވުލްވްސް އެއްވަރު ކުރީ، އެ ޓީމަށް މުޅިން އަލަށް ކުޅެން އެރި ޓޮމް އެޑޯޒީ ފޮނުވާލި ހަމަލާ ގޯލް ލައިން މަތީ ހުރި ރިކާޑޯ ކަލަފިއޯރީ ފައިގައި ޖެހިފައި ގޯލު އަރިމަތީ ދަނޑީގައި ޖެހިފައި ދެވަނަ ފަހަރަށް ކަލަފިއޯރީ ފައިގައި ޖެހިފައި ވަން ލަނޑުންނެވެ.
މިއާ އެކު، އާސެނަލް އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ފަސް ޕޮއިންޓްގެ ތަފާތަކުންނެވެ.
ލީގުގައި އާސެނަލް އާއި ސިޓީ ބައްދަލުކުރާ މެޗެއް ބާކީ އެބަ އޮތެވެ. މީގެ އިތުރުން ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު މޮޅު ވެފައި ވަނީ އެންމެ ދެ މެޗުންނެވެ.
"މިއީ ދެރަވަރު ކަމެއް. އަހަރެމެން އަމިއްލަ ގޯސްތަކުން ނަތީޖާ ނުނެރެވުނީ. ދެވަނަ ހާފުގައި ލީގު ހޯދާ ފެންވަރުގެ ކުޅުމަކާ ގާތަށް ވެސް ނުކުޅެވުނު. އެކަމަކު މިއީ އަހަރެމެން ހިތަށް އަރާހާ ވާހަކައެއް ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫން،" މެޗަށް ފަހު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުންޏެވެ.
"އަހަރެމެން ދެވަނަ ހާފުގައި ދެވަނަ ގޯލެއް ޖެހި ނަމަވެސް މެޗު ޑޮމިނޭޓެއް ނުކުރެވުނު. އެއީ ހަގީގަތަކީ."
އިނގިރޭސި ލީގުގައި ފާއިތުވި ތިން ސީޒަންގައި ވެސް އާސެނަލް ނިންމާލީ ދެވަނައިގަ އެވެ. އާޓެޓާ ބުނީ ޓީމަށް އަމާޒުވާ ކޮންމެ ފާޑުކިޔުމެއް ބަލައިގަންނަން މަޖުބޫރު ވެފައިވާ ކަމަށާއި އާދިއްތަ ދުވަހު ޓޮޓްނަމް ހޮޓްސްޕާއާ ދެކޮޅަށް ނަތީޖާ ނެރެން ވެސް މަޖުބޫރު ކަމަށެވެ.