17 ޑިސެމްބަރ 2025 - 09:30
ވޯލްޑް ކަޕުގެ ޓިކެޓްގެ އަގު ބޮޑުވެގެން ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން، އަގު ހެޔޮ ޓިކެޓްތަކެއް ވިއްކަން ފީފާ އިން ނިންމައިފި އެވެ.
ފީފާ އިން ނިންމާފައި ވަނީ މުބާރާތުގައި ކުޅޭނެ 104 މެޗަށް ވެސް 60 ޑޮލަރަށް (45 ޕައުންޑް) މަދު އަދަދެއްގެ ޓިކެޓްތަކެއް ވިއްކާށެވެ. ފީފާ އިން ބުނާ ގޮތުގައި މި ޓިކެޓްތައް ވިއްކަން ހަމަޖެހިފައި ވަނީ، މުބާރާތަށް ކޮލިފައި ވެފައިވާ ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ގައުމީ ޓީމަށް ވަފާތެރި މަދު އަދަދެއްގެ ސަޕޯޓަރުންނަކަށެވެ.
އަދި މިއާ ގުޅިގެން މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ އެސޯސިއޭޝަންތަކަށް ކަނޑައަޅާފައިވާ ސަޕޯޓަރުންގެ ޖާގަ ވެސް ވަނީ އަށް ޕަސެންޓުން 10 ޕަސެންޓަށް އިތުރު ކޮށްދީފަ އެވެ.
"އެންޓްރީ ޓަޔާ ޓިކެޓް ހާއްސަ ވާނީ ކޮލިފައި ވެފައިވާ ގައުމުތަކުގެ ސަޕޯޓަރުންނަށް. މި ޓިކެޓްތައް ވިއްކުމުގެ ކަންކަން ބަލަހައްޓާނީ ބައިވެރިވެފައިވާ މެމްބަރު އެސޯސިއޭޝަންތައް (ޕީއެމްއޭ) އިން،" ފީފާގެ ބަޔާނުގައިވެ އެވެ.
"ކޮންމެ ޕީއެމްއޭ އަކުން ކަނޑައަޅާނެ ޓިކެޓަށް އެދެވޭނެ ކްރައިޓީރިއާއެއް، އަދި ޓިކެޓަށް އެދުމުގެ ޕްރޮސެސް ކުރިއަށް ގެންދާނެ ގޮތް ވެސް. މި ޓިކެޓްތައް ވިއްކާނީ ސީދާ އެ ގައުމެއްގެ ވަފާތެރި ސަޕޯޓަރުންނަށް ކަން ޔަގީން ކުރާނީ އެ އެސޯސިއޭޝަނަކުން. ކޮންމެ ޕީއެމްއޭ އަކަށް ލިބިފައިވާ ސަޕޯޓަރުންގެ ޖާގައިގެ 50 ޕަސެންޓް ޖާގައަށް ވިއްކާނީ އެންމެ އަގު ހެޔޮ ޓިކެޓް."
އަންނަ އަހަރުގެ ވޯލްޑް ކަޕް މެޗުތަކުގެ ޓިކެޓް އަގު ބޮޑުވެގެން، ފުޓްބޯޅަ ސަޕޯޓަރުންގެ އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ މެޗުތަކުގެ ޓިކެޓްގެ އަގު ހުރީ 98.50، 164.50 އަދި 219 ޕައުންޑަށެވެ. ނަމަވެސް އަންނަ އަހަރުގެ ގުރޫޕް ސްޓޭޖު މެޗުތަކުގެ އަގު ކަނޑައަޅާފައި ހުރީ 198، 373 އަދި 523 ޕައުންޑަށެވެ.
ނޮކައުޓް ބުރުގެ ޓިކެޓް އަގު އެއަށް ވުރެ މަތީގައި ހުރި އިރު، ކުއާޓާ ފައިނަލްގެ ޓިކެޓް އަގު ހުރީ 507، 757 އަދި 1073 ޕައުންޑަށެވެ. އަދި ސެމީގެ ޓިކެޓް އަގު ހުރީ 686، 1819 އަދި 2363 ޕައުންޑުގަ އެވެ.
ފައިނަލް މެޗުގެ އެންމެ އަގު ހެޔޮ ޓިކެޓް ހުރީ 3119 ޕައުންޑަށެވެ. މިއީ ގަތަރު ވޯލްޑް ކަޕްގެ ފައިނަލްގެ ޓިކެޓް ވިއްކި އަގަށް ވުރެ ހަތް ގުނަ ބޮޑު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy