އެފްއޭއެމް ވިމެންސް ލީގުގައި މާޒިޔާ އާއި ޓީސީ ހެންވޭރު ދަނޑުގައި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
20 ޑިސެމްބަރ 2025 - 14:06
އެފްއޭއެމް ވިމެންސް ލީދުގެ ފަހު ތިން މެޗު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެން ނިންމައިފި އެވެ.
ގަލޮޅު ދަނޑުގައި ކުޅޭ ގޮތަށް ފުރަތަމަ ތާވަލް ކުރި، ރާއްޖޭގެ ފުރަތަމަ އަންހެން ފުޓްބޯޅަ ލީގު މިހާރު ކުޅެމުން އަންނަނީ ހެންވޭރު ދަނޑުގަ އެވެ. އެންމެ މި މަހުގެ އެއްވަނަ ދުވަހު ލީގު ފަށަން ވެފައި އޮއްވައި ފަހު ވަގުތު މެޗުތައް ހެންވޭރު ދަނޑަށް ބަދަލު ކުރަން ޖެހުނީ އެ ދުވަސްވަރު ކުރި ވިއްސާރައިގައި ގަލޮޅު ދަނޑުގެ ވިނަގަނޑަށް ވަރަށް ބޮޑަށް ގެއްލުން ވެފައި ވާތީ އެވެ.
ގަލޮޅު ދަނޑަކީ އެއްވަނަ ޑިވިޝަންގެ ކްލަބް މުބާރާތްތަކާއި ގައުމީ ޓީމުގެ ވެސް ހުރިހާ މެޗަކަށް ބޭނުން ކުރަން އޮންނަ ހަމައެކަނި ދަނޑަށް ވުމާ އެކު ސްޕޯޓްސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު މެޗުތައް ހެންވޭރު ދަނޑަށް ބަދަލުކުރަން އެފްއޭއެމުން ނިންމީ އެވެ. ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުރިއަށް ދާއިރު، އަންހެން ލީގު ފެށުމުގެ ކުރީ ތިން ދުވަހު ޕްރިމިއާ ލީގުގެ ފަސް މެޗު ގަލޮޅު ދަނޑުގައި ކުޅެފައިވެ އެވެ.
ޖުމްލަ ހަ ޓީމު ވާދަކުރާ އެފްއޭއެމް ވިމެންސް ލީގުގައި ހެންވޭރު ދަނޑުގައި ޖުމްލަ 12 މެޗު ކުޅެފައިވެ އެވެ. ލީގުގެ އެންމެ ކުރީގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އާއި އޮޑި ސްޕޯޓްސް އެވެ. ލީގުގައި އަދި ބަލި ނުވެ އޮތީ ވެސް ހަމައެކަނި މި ދެ ޓީމެވެ. ވިކްޓަރީ އާއި ނިއު ރޭޑިއަންޓަށް ފަސް ޕޮއިންޓް ލިބިފައި ވާއިރު، ޓީސީ ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. ޕޮއިންޓެއް ނުލިބި އޮތީ ބިސް ބުރު ސްޕޯޓްސް ކްލަބަށެވެ.
އާދިއްތަ ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި ޓީސީ އާއި ނިއު ރޭޑިއަންޓް ބައްދަލު ކުރާ އިރު ހޯމަ ދުވަހު ބައްދަލުކުރާނީ ބިސް ބުރު ސްޕޯޓްސް އާއި ވިކްޓަރީ އެވެ.
އަދި ފަހު މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ މާޒިޔާ އާއި އޮޑި ސްޕޯޓްސް އެވެ. ލީގުގެ ޗެމްޕިއަނުން ކަނޑައަޅާނީ މި މެޗުންނެވެ.
އެފްއޭއެމުން މި އަހަރު މުޅިން އަލަށް ފެށި މި ލީގުގެ ކުޅުމަށް ފަހު ގައުމީ އަންހެން ފުޓްބޯޅަ އަދި ފުޓްސަލް ޓީމަށް ކުޅުންތެރިން ހޮވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނޑު އޮނޑި.
20 December 2025
ނިއު ވިކްޓަރީ ފިޔަވާ ދެންހުރި ނަންތައް ފެނިފައި ބިރުވެސް ގަނޭ.
ހަސަދަވެރި ނުވޭ
20 December 2025
ތިވަރުގެ މީހުން ރާއްޖޭގެ ފުޓްބޯޅަ ބަލާނެ ކަމެއް ނެތް. ޒާތީވުމަކީ ރީތި ސިފައެެއް ނޫން.
ރިލެކްސ
20 December 2025
ނަމަކުންވާ ކަންކަން ހުރޭތަ؟