24 ޑިސެމްބަރ 2025 - 10:17
ހަތަރު ދުވަހުގެ ޗުއްޓީން އަންނައިރު ކުޅުންތެރިންގެ ބަރުދަން އިތުރުވެދާނެތީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކަންބޮޑުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ވެސްޓްހޭމް ޔުނައިޓެޑްގެ މައްޗަށް 3-0 ން މޮޅުވި މެޗަށް ފަހު ގާޑިއޯލާ ވަނީ އޭނާގެ ކުޅުންތެރިންނަށް ހަތަރު ދުވަހުގެ ޗުއްޓީއެއް ދީފަ އެވެ.
ކުޅުންތެރިން ޓީމުގެ ޕްރެކްޓިހަށް އަލުން ރިޕޯޓްކުރަން ޖެހޭނީ މާދަމާ އެވެ. ޗުއްޓީ ދިނުމުގެ ކުރިން ސިޓީން ވަނީ ކުޅުންތެރިންގެ ބަރުދަން ބަލައިފަ އެވެ. އަދި ކުޅުންތެރިންނަށް ގާޑިއޯލާ އިރުޝާދު ދިނީ ކެއުން ކޮންޓްރޯލް ކޮށްގެން އުޅުމަށެވެ.
"އެ މީހުންނަށް ބޭނުން އެއްޗެއް ކެވޭނެ. އެކަމަކު އަހަރެން ބޭނުމީ އެ މީހުން ކެއުން ކޮންޓްރޯލްކޮށްގެން ކުރިއަށްދާން،" މީޑީއާގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ޗުއްޓީ ނިންމާފައި އަންނަ އިރު ކުޅުންތެރިންނަށް އަންނަ ބަދަލު އޭނާ ދެނެގަންނާނެ ކަމަށެވެ. ބަރުދަން އިތުރުވެފައިވާނަމަ އެ ކުޅުންތެރިޔަކަށް، ކުރިއަށް އޮތް މެޗުގައި ފުރުސަތު ގެއްލިދާނެކަމުގެ އިންޒާރު އޭނާ ވަނީ ކޮށްފަ އެވެ.
ސިޓީ އަށް ކުރިއަށް ދެން އޮތީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އެ މެޗު އޮންނާނީ ހޮނިހިރު ދުވަހު އެވެ. ސިޓީ އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އާއި ސިޓީއާ ދެމެދު ހުރީ ދެ ޕޮއިންޓްގެ ފަރަގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy