އޮޑިން ކުރިން ކުޅުނު މެޗެއްގައި: ރޭ އީގަލްސް އަތުން އޮޑި ބަލިވީ 2-0 ން --- ފައިލް ފޮޓޯ: އޮޑި
27 ޑިސެމްބަރ 2025 - 07:41
އީގަލްސް އަތުން ބަލިވެ މާޒިޔާއާ ފަރަގުކުޑަކުރަން ލިބުނު ފުރުސަތު އޮޑި ސްޕޯޓްސް އަށް ގެއްލިއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑިއާ ދެކޮޅަށް ކުޅުނު މެޗު އީގަލްސްއިން ކާމިޔާބު ކުރީ 2-0 ންނެވެ.
އޮޑިން މޮޅުވިނަމަ މާޒިޔާއާ ހަތަރު ޕޮއިންޓާ ކައިރިއަށް ޖެހިލެވުނީހެވެ. އޮޑިއާ މާޒިޔާއާ ދެމެދު މިހާރު ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އޮޑި ދެވަނައިގައި އޮތީ ތިންވަނަ އާއި ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސް އާއި ނިއު ރޭޑިއަންޓްގެ މައްޗަށް އަށް ޕޮއިންޓްގެ ލީޑާކާ އެކު އެވެ،
ލީގުގައި މިރޭ ވާދަކުރާނީ ނިއު އާއި ބުރެވެ. އެ ދެ ޓީމުގެ ތެރެއިން ކޮންމެ ޓީމެއް މޮޅުވިޔަސް އޮޑިއާ ފަސް ޕޮއިންޓަށް ކައިރިއަށް ޖެހިލެވޭނެ އެވެ. ނިއު އާއި އޮޑިއަށް ވެސް މި ވަގުތު އޮތީ 20 ޕޮއިންޓް ލިބިފަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އީގަލްސްގެ ލަނޑުތައް ޖެހީ ޒައިން ޒަފާރާއި ސިއަރަލިއޯންގެ ފޯވާޑް އިބްރާހިމް ލެބީ އެވެ.
މެޗުގެ 31 ވަނަ މިނެޓްގައި އީގަލްސްގެ ސާބިއާގެ ފޯވާޑް ޑްރޭގޯ މަކްސިމޮވިޗް، އޮޑިގެ ހާފުގެ މެދެއްހާހިސާބުގައި ހުރެފައި ކުރިއަށް ދިން ބޯޅަ އިބްރާހިމް މަހްދީ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާ ތެރެއަށް ވަންނަން އުޅުމުން އޭނާ އަށް ހުރަސް އަޅަން އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އޭރިއާގެ ބޭރަށް ނުކުތެވެ. އޭނާ ކުރި ޓެކްލުން އިއްބެ ނެއްޓެން ބޯޅަ ކުރިއަށް ފޮނުވާލައި ބޯޅަ އަލުން ހޯދަން އޭނާ ދުއްވައިގަތެވެ. އެ ބޯޅަ ހޯދިއިރު ގޯލަށް އޭނާ އަށް ބޯޅަ ފޮނުވާލެވޭނެ ޖާގައެއް އޭނާ ހުރި ދިމާލުން ނެތެވެ. އޭނާ އެ ބޯޅަ ޕާސްކޮށްލީ އޭރިއާ ތެރެއަށް ވަން ޒައިން އަށެވެ. އޭނާ ވަނީ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.
އިބްރާހިމް ލެބީ ލަނޑު ޖެހީ 66 ވަނަ މިނެޓްގަ އެވެ. ޒައިން ޒަފަރު އޭރިއާގެ އަރިމަތިން ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ ގޯލް ދަނޑި ކައީރީގައި ހުރެފައި ލެބީ ގޯލްގެ ތެރެއަށް ވައްދާލި އެވެ.
ރެފްރީގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހުމުން މެޗަށް ފަހު އޮޑީގެ ކުޅުންތރިޔާ އަބްދުﷲ ލޫތު އިބްރާހިމަށާއި އެ ޓީމުގެ ގޯލްކީޕަރު ކޯޗު ހަސަން ހަމީދު (ޑަކޭ) އަށް ރަތް ކާޑް ދެއްކި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy