ލިވަޕޫލުން ބޮޑުއަގުގައި ގެނައި ކުޅުންތެރިންނަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކާ ހެދި، ކޯޗު އާނެ ސްލޮޓް މާޔޫސްވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ދެ ކްލަބެއްގެ ދެމެދުގައި ކުރި އެންމެ އަގުބޮޑު ޓްރާންސްފާގެ މުއާމަލަތުގެ ގޮތުގައި ނިއުކާސަލުން ލިވަޕޫލަށް ބަދަލުވި އެލެގްޒެންޑާ އިސާކް ވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.

އޭނާ އެކަންޏެއް ވެސް ނޫނެވެ. މި ސީޒަނުގައި އެ ޓީމުން ސޮއި ކުރުވި މައި ބެކް ޖިއޮވަނީ ލިއޯނީ، ލިވަޕޫލްގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި އަނިޔާ ވެއްޖެ އެވެ. އޭނާ އަށް ކުރިމަތިވި އަނިޔާއާ ގުޅިގެން އޭނާ އަށް ސީޒަން ވަނީ ނިމިފަ އެވެ. ޖެރްމީ ފްރިމްޕޮން ލިވަޕޫލަށް ބަދަލުވެ ކުޅެވުނީ އެންމެ ފަސް މެޗުގަ އެވެ. ދެން ވީ އަނިޔާ އެވެ.

އެ ތިން ކުޅުންތެރިންގެ ޓްރާންސްފާ އަށް ލިވަޕޫލުން 270 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ. އެ ކުރި ހޭދައިގެ އެއްވެސް ފައިދާއެއް އަދި އެ ކްލަބަކަށް ނުހޯދެ އެވެ.

"އަހަރެމެން ހަރަދު ކުރި ފައިސާއާ ބެހޭގޮތުން ލައްކަ ގިނަ މީހުން ލައްކަ ގިނަ ވާހަކަ ދައްކާފައިވާހެން ހީވޭ،" ސްލޮޓް ބުންޏެވެ.

"ހިތާމައަކީ އަހަރެމެން ހޭދަކުރި ހުރިހާ ހަރަދެއްގެ ފައިދާ އަދި މިހާތަނަށް ބޭނުންކުރެވޭ ގޮތް ނުވާތީ. އެއީ މި ކުޅުންތެރިންގެ އަނިޔާތަކާ ހެދި."

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު 10 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ.