ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ފަސް ސެޓަށް ކުޅެ ށ. ފުނަދޫން، ލ. ގަން ބަލިކޮށްފި އެވެ.

ވީއޭއެމުން އިއްޔެ ހަވީރު ފެށި މުބާރާތުގައި ރޭ ކުޅުނު މެޗު ފުރަތަމަ ސެޓް ފުނަދޫން ކާމިޔާބު ކުރީ ވާދަވެރި ކުރިމަތިލުމަކަށް ފަހު އެވެ. ފުނަދޫގެ ފަހަތުން ގަން ވެސް ވިއްދަމުން ސެޓް ދިޔައީ ވަރަށް ވާންކޮށެވެ. ފުނަދޫން ސެޓް ކާމިޔާބު ކުރީ 27-25 ންނެވެ.

 

ވިދިގެން އައި ދެ ސެޓް، 25-23 އަދި 25-17 އިން ކާމިޔާބުކޮށް ގަމުން ލީޑް ނެގި އެވެ.

 

އަނެއް ސެޓް ވެސް ހޯދައި ގަމުން މެޗު ކާމިޔާބުކޮށް ނިންމާލަން ފުރުސަތު އޮތް ނަމަވެސް ފުނަދޫން އެ ފުރުސަތެއް ނުދިނެ އެވެ. އެ ސެޓް އެ ޓީމުން ކާމިޔާބުކޮށް ފަސް ސެޓަށް މެޗު ގެންދިޔަ އެވެ.

 

އެ ދެ ސެޓް ވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ފުނަދޫން އެ ދެ ސެޓް ގެންދިޔައީ 25-23 އަދި 17-15 އިންނެވެ.

 

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފުނަދޫގެ އާއިޝަތު ޝަހާ ޝާމިން އެވެ.

 

ސޯޝަލް ސެންޓަރުގެ އިންޑޯހޯލްގައި ކުޅޭ މުބާރާތުގައި މިއަދާއި މިރޭ ވެސް މެޗެއް އޮންނާނެ އެވެ. ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގައި އަށް ޓީމު ވާދަކުރެ އެވެ.

 

އެ އަށް ޓީމު ބަހާލާފައި ވަނީ ދެ ގުރޫޕަކަށެވެ. މިއަދުގެ މެޗާ އެކު ގުރޫޕް ބީގެ މެޗުތައް ފަށާނެ އެވެ. މިއަދުގެ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ލ. މާބައިދުއާއި ކ. ހުރާ އެވެ. މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ދ. މާއެނބޫދޫ އާއި މާލެ އެވެ.