ވީއޭއެމް ރާއްޖެ ސުޕަ ލީގުގައި ގުރޫޕް ބީ ގައި ކ. ހުރާ އާއި ލ. މާބައިދޫ މޮޅުވުމުގެ ރޭހުގައި ދަމަހައްޓައިފި އެވެ. 

އެ ގުރޫޕްގައި މޮޅުވުމުގެ ރޭސް ދެމެހެއްޓި ހަމައެކަނި ދެ ޓީމަކީ ވެސް އެ ދެ ޓީމެވެ. 

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ރޭ ދ. މާއެނބޫދުއާ ދެކޮޅަށް، މާބައިދޫން ކާމިޔާބު ހޯދީ 3-1 ސެޓުންނެވެ. 

މާއެނބޫދޫން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު މާލޭގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދި އެވެ. އެކަމަކު ރޭ މާބައިދޫ ކައިރީގައި ގަދައެއް ނުވެވުނެވެ. ކުރެވުނު ހަމައެކަނި ކަމަކީ ސީދާ ފުރަތަމަ ތިން ސެޓުން މެޗު ނިންމާލުމުގެ ފުރުސަތު މާބައިދުއަށް ނުދިނުމެވެ. 

ދެވަނަ ސެޓާއި ތިންވަނަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މެޗުގެ ސެޓްތައް މާބައިދޫ ކޮޅަށް ދިޔައީ 25-21، 26-24، 24-26 އަދި 25-19 އިންނެވެ.

ކ. ހުރާ ވޮލީ ޓީމު: އެ ޓީމު ވަނީ މާލެ އަތުން ސީދާ ތިން ސެޓުން މޮޅު ވެފަ --- ފޮޓޯ: ވީއޭއެމް
ކ. ހުރާ ވޮލީ ޓީމު: އެ ޓީމު ވަނީ މާލެ އަތުން ސީދާ ތިން ސެޓުން މޮޅު ވެފަ --- ފޮޓޯ: ވީއޭއެމް

މުބާރާތުގައި އެންމެ ދަށް ނަތީޖާތަކެއް ނެރެމުންދަނީ މާލެއިންނެވެ. އެ ޓީމުން ކުޅުނު ދެ މެޗުން ވެސް ބަލިވީ ސީދާ ތިން މެޗުންނެވެ. އިއްޔެ ހަވީރު، ކ. ހުރާއާ ދެކޮޅަށް ކުޅުނު މެޗުގައި ތިން ސެޓްގައި ވެސް އެ ޓީމުގެ ނަތީޖާތައް ވެސް ދަށެވެ. 

ފުރަތަމަ ދެ ސެޓްގައި 10 ޕޮއިންޓަށް ވެސް މާލޭގެ ޓީމަށް ސްކޯ ނުކުރެވުނެވެ. އެ ދެ ސެޓް ހުރައިން ކާމިޔާބު ކުރީ 25-9، 25-9 އަދި ތިންވަނަ ސެޓް 25-17 އިންނެވެ. 

މުބާރާތުގައި މިއަދާއި މިރޭ ކުޅޭނީ ގުރޫޕް އޭ ގެ ފަހު މެޗުތަކެވެ. ހަވީރު ކުޅޭނީ އައްޑު އާއި ލ. ގަމުގެ މެޗެވެ. މިރޭ ބައްދަލު ކުރަނީ ށ. ފުނަދޫ އާއި ކ. މާފުއްޓެވެ. 

މިއަދުގެ މެޗުތަކުން ސެމީ ފައިނަލަށް ދާ ދެ ޓީމު ކަށަވަރު ވާނެ އެވެ.