ވެލެންސިއާއާ ދެކޮޅަށް މެޗު އެއްވަރުވާން ދަނިކޮށް އޮޑި ސްޕޯޓްސް ފަހު ވަގުތު ސަލާމަތް ވެއްޖެ އެވެ. 

އޮޑިން މެޗު ކާމިޔާބު ކުރީ 2-1 ންނެވެ. 

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޮޑީގެ އަޔާޒު އަހްމަދު (އަޔާ) އެ ޓީމަށް ލަނޑު ޖަހައި ދިނެވެ. މެޗުގެ ބޮޑުބައެއްގައި އެ ނަތީޖާގައި އޮޑިން ހިފެހެއްޓި އެވެ. 

މެޗުގެ 81 ވަނަ މިނެޓާ ހަމައަށް ދިޔައިރު ވެސް އޮޑި އޮތީ ލީޑްގަ އެވެ. އެކަމަކު ހިތްވަރުގަދަ ވެލެންސިއާގެ ޓީމުން 81 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކުރި އެވެ. 

އެ ލަނޑު އެ ޓީމަށް ޖަހައި ދިނީ ޒުވާން ފޯވާޑް އައިދު މުހައްމަދު ޖަވީޒެވެ. 

މެޗު އެއްވަރުވެގެން ނިމިދާނެކަމަށް ބެލެވުނު ނަމަވެސް، އޮޑި މެޗުން މޮޅުކޮށްދިން ލަނޑު އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ޖެހީ ނައިޖީރިއާގެ ފޯވާޑް ގަނީއު އޯގަންޖެވެ. 

އޮޑި މެޗުން މޮޅުވެ، ވަނީ މާޒިޔާ އާ އަށް ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު އެއީ، ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމާ ކައިރީގައި އޮތް މާޒިޔާ އަށް ޕެރެޝަރެއް ނޫނެވެ. މާޒިޔާއިން އަންނަ ބުރާސްފަތި ދުވަހު ކުޅޭ މެޗުން މޮޅުވުމުން، ލީގު ޗެމްޕިއަންކަން އެ ޓީމަށް ކަށަވަރުވާނެ އެވެ.