މާފަންނު ސްޓޭޑިއަމްގައި ހަދާ، އެފްއޭއެމްގެ އެރީނާގެ ބިން ހުސްކުރުމުގެ މަސައްކަތް އެކި އެ ބިންތައް ބޭނުންކުރަމުން ދިޔަ އެކި ފަރާތްތަކުން ކުރަމުންދާކަމަށް އެފްއޭއެމުން ބުނެފި އެވެ. 

އެ ބިމުގައި ހަދާފައިވާ ވަގުތީ އިމާރާތަތްކާއި މީހުންގެ އުޅަދާއި މުދާތައް ހުސްކުރުމަށް އެފްއޭއެމުން ވަނީ ފަހު ފުރުސަތު ދީފަ އެވެ. އެ މުއްދަތު ހަމަވާނީ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެއަށް ފަހު ވެސް އެތަން ހުސްނުކޮށްފިނަމަ، އެފްއޭއެމުން އެތަން ހުސްކުރަން ފަށާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ އިއުލާން ކޮށްފަ އެވެ. 

ތަން ހުސްކުރުމުގެ މަސައްކަތް އެފްއޭއެމުން ކުރާއިރު މުދަލަށާއި އުޅަނދަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް އެ އެސޯސިއޭޝަނުން ގެޒެޓްގައި އާންމު ކުރި ބަޔާނުގައި ބުނެފައި ވެއެވެ. 

އެފްއޭއެމްގެ އޮފިޝަލް ވިދާޅުވީ، ގިނަ ކުންފުނިތަކުން އެ އެސޯސިއޭޝަނަށް އިޖާބަދީ ބިމުގެ އެކި ސަރަހައްދުތައް ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ފުލުހުންގެ ޓޯޔާޑެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އެ ސަރަހައްދުގައި ހުރި ވެހިކަލްތައް ވެސް ނެރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

"ހެވީ ވެހިކަލް ފިޔަވައި ވަރަށް ގިނަ އަދަދެއްގެ ވެހިކަލް މިހާރު ވެސް އެތަނުން ނެރެ ފުލުހުން ވަނީ ވަރަށް ބޮޑު ސަރަހައްދެއް ހުސްކޮށްފަ،" އެފްއޭއެމްގެ އޮފިޝަލް ވިދާޅުވި އެވެ. 

"އެތަން ކުއްޔަށް ނަގާފައިވާ އަމިއްލަ ގިނަ ކުންފުނިތަކުން ވެސް އެ ތަންތަން ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ތަން ހަވާލު ކުރާނެ ކަމަށް ވަނީ ވިދާޅުވެފަ."

އޮފިޝަލް ވިދާޅުވި ގޮތުގައި ބައެއް ކުންފުނިތަކުގެ އިސްވެރިންނާ އެކު އެފްއޭއެމްގެ ވަގުތީ އިދާރާގައި މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ. އެ ކުންފިތަކުން ވެސް އެތަންތަން ހުސްކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މާފަންު ސްޓޭޑިއަމްގެ އެފްއޭއެމް އެރީނާ ބިމުގައި ދެ ދަނޑު އަޅަން ހަމަޖައްސާފައިވާ ސަރަހައްދު އެނެގޭނެ ގޮތުގެ ކުރެހުމެއް: އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތަށް ގިނަ ކުންފުނިތަކުން އެއްބާރުލުން ދެމުންދާކަމަށް އެފްއޭއެމުން ބުނޭ
މާފަންު ސްޓޭޑިއަމްގެ އެފްއޭއެމް އެރީނާ ބިމުގައި ދެ ދަނޑު އަޅަން ހަމަޖައްސާފައިވާ ސަރަހައްދު އެނެގޭނެ ގޮތުގެ ކުރެހުމެއް: އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތަށް ގިނަ ކުންފުނިތަކުން އެއްބާރުލުން ދެމުންދާކަމަށް އެފްއޭއެމުން ބުނޭ

"މަޝްހޫރު ބައެއް ކުންފިތަކުން ވެސް އެތަނުގެ ބިން ބޭނުން ކުރަމުން ދިޔަ. އެ ކުންފުނިތަކުގެ ވެރިން ވެސް އަޅުގަނޑުމެން ބައްދަލުވުމަކަށް ގޮވާލުމުން ވަޑައިގެން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަނީ ދީފަ،" އެފްއޭއެމްގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ބިމުގައި އިލެވެން ސައިޑްގެ ފުޓްބޯޅަ ދެ ދަނޑު އެޅުމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އޮފިޝަލް ވިދާޅުވީ އެ ދެ ދަނޑު އެޅުމުގެ ހަރަދުތައ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ (އޭއެފްސީ) ގެ ޕްރޮގްރާމެއްގެ ތެރެއިން ހޯދުމަށް، އެ ކޮންފެޑެރޭޝަނަށް ޕްރޮޕޯސަލް ވެސް މިހާރު ފޮނުވާފައިވާނެ ކަމަށެވެ. 

ފީފާގެ ހަރަދުގައި ސޕޯޓްސް އެރީނާއެއް ތަރައްގީ ކުރުމަށް، ސަރުކާރުން ވަނީ އެ ބިން 50 އަހަރަށް އެފްއޭއެމަށް ދީފަ އެވެ.

ނަމަވެސް ބިމުގެ ބޭނުން ކުރަމުންދަނީ، އެފްއޭއެމަށް އެ ބިން ދިން މަގުސަދާ މުޅިން ހިލާފަށެވެ. އޮފީސް އިމާރާތަކާ އެކު، ފުޓްބޯޅައިގެ ހިދުމަތަށް ބޭނުން ކުރަން ހަދާފައިވާ އިމާރާތުގައި ހުރީ އަމިއްލަ ވިޔާފާރިތަކުގެ ގުދަންބަރިތަކެވެ.

ގުދަންބަރި ހަދަން، އަމިއްލަ ވިޔާފާރިތަކަށް އެ އިމާރާތުގެ އެކި ބައިތައް ކުއްޔަށް ދީފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގަ އެވެ. އެ ނިންމުން އެފްއޭއެމުން ނިންމީ އެކްސްކޯއިން ވެސް ފާސްނުކޮށެވެ. އަދި ސްޕޯޓްސް މިނިސްޓްރީ އާއި ފީފާގެ މަޝްވަރާއެއް ވެސް ހުއްދައެއް ވެސް ހޯދާފައި ނުވާ ކަމަށް އެފްއޭއެމުން ބުންޏެވެ.

އެ ބިމުގައި ހަދާފައިވާ އިމާރާތުގެ އެކި ބައިތަކާއި ބިމުގެ އެކި ޖާގަތައް އެކި ފަރާތްތަކަށް ކުއްޔަށް ދިނުމަށް ހަދާފައިވާ އެއްބަސްވުންތަކަށް އަމުލުކުރަން ހުއްޓާލުމަށް މިދިޔަ މަހު 29 ގައި އެފްއޭއެމްގެ އެކްސްކޯއިން ނިންމި އެވެ.

އެކަމަކު އަދި ގުދަން ބަރިތައް ހުސްކުރަން ނޯޓިސް ނެރެފައެއް ނުވެ އެވެ