ގަސްދުގައި މެޗަށް ހާޒިރު ނުވުމާއި ގަސްދުގައި މެޗު ދޫކޮށްލުމުގެ ތާރީހެއް އޮތް ގްރީން ސްޓްރީޓްސް އިން އަނެއްކާވެސް އެ ސަގާފަތް ދިރުވައި މެޗު ދޫކޮށްލައިފި އެވެ. 

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް މެޗަށް ގްރީންގެ ޓީމުގެ ކުޅުންތެރިން ހަމައެއް ނުވި އެވެ. އަދި މެޗުގެ ކުރިން ނެރޭ ޓީމު ލިސްޓް އާންމު ކުރީ ގްރީންގެ ފުރަތަމަ 11 ހިމަނައިގެންނެވެ. 

ގްރީން އަށް ތުހުމަތު ކުރެވޭނީ ތަފާތުބޮޑުކޮށް ބަލިވެދާނެތީ އެ މަޅިން ސަލާމަތްވީ ކަމަށް

ގަސްދުގައި މެޗު ދޫކޮށްލުމުގެ ނުބައި އާދަ ފަސްބައިގައި އޮތް ގްރީން އިން މިއަދު ތަފާތު ބޮޑުކޮށް ބަލިވި ނަމަ އެ ކްލަބް ދެވަނަ ޑިވިޝަނަށް ވެއްޓޭނެ އެވެ. އެހެންވެ، ބެލެވެނީ އެ ޓީމުން ގަސްދުގައި މިފަހަރު މެޗު ދޫކޮށްލީ ތަފާތުބޮޑުކޮށް ބަލިނުވެ ސަލާމަތް ވުމަށެވެ.

ގަސްދުގައި މެޗު ދޫކޮށްލުމުން އިދިކޮޅު ޓީމު މޮޅުވި ކަމަށް ނިންމާނީ ދެ ލަނޑުންނެވެ. 

އެކަމަކު މެޗު ފަށަން ވަގުތު ޖެހުނު އިރު ވެސް އެ ޓީމުގެ ކުޅުންތެރިން ހަމައެއް ނުވެ އެވެ. އެފްއޭއެމުން ނިންމީ ދެ ލަނޑާ އެކު ނިއު މެޗުން މޮޅުވެފައިވާ ކަމަށެވެ.

 ގްރީން އިން ވަނީ 2023 ގައި ލީގުގެ މެޗުތަކެއް ދޫކޮށްލާފަ އެވެ. އަދި އެ އަހަރު ލީގުގެ ފަހު ބުރުގެ އެއްވެސް މެޗެއް ނުކުޅެ އެ ޓީމުން ދޫކޮށްލި އެވެ. އެކަމަކު އެ އަހަރު އެއްވެސް ޓީމެއް ރެލިގޭޓް ނުވާނެ ކަމަށް އެފްއޭއެމުން ނިންމާފައި އޮތުމުން އެ ބިރެއް އެފަހަރު ނެތެވެ. 

މެޗު ދޫކޮށްލައި، ދެ ލަނޑުން ގްރީން ބަލިވި ކަމަށް ނިންމުމުން ފައިދާ ގޯލްގެ ތަފާތުން ވެލެންސިއާ އަށް ވުރެ ގްރީން އަށް ކުރި ލިބެ އެވެ. އެ ނިންމުމާ އެކު، ވެލެންސިއާ މިހާރު ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ.