ދިގު ބްރޭކެއް ނެތި ދިވެހި ޕްރިމިއާ ލީގު ނިންމާލި ފަހަރެކެވެ. މިއީ ހެތް ވަރަކަށް އަހަރަށް ފަހު ދިގުދެމިގެންދިޔަ ބްރޭކެއް ނެތި ލީގު ނިންމާލި ފުރަތަމަ ފަހަރެވެ. އަދި އެހެން އަހަރުތަކުގައި ލީގުގެ ފަހު ބުރާ ކުރިމަތިލާއިރު ވާދަވެރިކަން އޮންނަނީ ހިނދިފަ އެވެ. 

އެކަމަކު މި ފަހަރު ލީގުގެ ދެވަނަ ބުރު ފެނުނީ މާ ބޮޑަށް ވާދަވެރިކޮށެވެ. މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނީ ލީގުގެ ފަހު ބުރުގައި ފެނުނު ވާދަވެރިކަމާ އެކު އެހެން ޓީމުތަކަށް ވެސް މަރުހަބާ ކިޔަން ޖެހޭނެ ކަމަށެވެ. 

"އަނެއްކާވެސް ލީގުގެ ޗެމްޕިއަންކަން ލިބުމުން އަހަރެމެން އުފާކުރަން. ހަމައެޔާ އެކު އަހަރެމެންޖެހޭނެ އެހެން ކްލަބްތަކަށް ވެސް މަރްހަބާ ކިޔަން. (އެއީ) އެ ޓީމުތައް ވެސް ފެންވަރު ރަނގަޅު ކުރި. ހާއްސަކޮށް ލީގުގެ ދެވަނަ ބުރުގައި އެ ޓީމުތަކުން ފެނުނީ ވަރަށް ވާދަވެރި ކުޅުމެއް،" ޕީއެސްއެމް އަށް ދިން އިންޓަވިއުގައި ލުއިސްމާ ބުންޏެވެ. 

މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް: އޭނާ ބުނީ އެހެން ޓީމުތަކުން ފެނުނު ވާދަވެރިކަމަށްޓަކައި އެ ޓީމުތަކަށް ވެސް މަރްހަބާ ކިޔަން ޖެހޭ ކަމަށް --- ފޮޓޯ: މާޒިޔާ
މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް: އޭނާ ބުނީ އެހެން ޓީމުތަކުން ފެނުނު ވާދަވެރިކަމަށްޓަކައި އެ ޓީމުތަކަށް ވެސް މަރްހަބާ ކިޔަން ޖެހޭ ކަމަށް --- ފޮޓޯ: މާޒިޔާ

މާޒިޔާގެ މެނޭޖަރު އިބްރާހިމް ވަހީދު ބުނީ ރާއްޖޭގެ ފުޓްބޯޅައިގައި އޮންނަން ޖެހޭ ވާދަވެރިކަމާ ދިމާލަށް މަޑުމަޑުން ވާސިލުވާ ކަމަށެވެ. މި އަހަރުގެ ލީގުގައި އެ މަންޒަރު ފެނުނު ކަމަށާއި ގައުމީ ޓީމަށް ކުރާނެކަމަށް ވަހީދު ބުންޏެވެ. 

"ރާއްޖޭގެ ފުޓްބޯޅަ މަޑުމަޑުން މިދަނީ އަޅުގަނޑުމެންގެ ފުޓްބޯޅަ އަސްލު އޮންނަންވާ ލެވަލަށް. ވާދަވެރި މެޗުތަކެއް ލިބޭ ކަމަށްވަންޏާ ކުޅެވޭ ކަމަށް ވަންޏާ އަޅުގަނޑުމެން [ރާއްޖެ] ދާނީ ކުރިއަށް. މި ސަރަހައްދުގައި ވެސް އެހެން ގައުމުތަކާ މިހާރަށް ވުރެ ރަނގަޅަށް ވާދަކުރެވޭނެ،" ޕީއެސްއެމަށް ވަހީދު ބުންޏެވެ. 

ދިވެހި ޕްރިމިއާ ލީގުގެ މެޗަކުން މާޒިޔާ ބަލި ނުވާތާ ހަތަރު އަހަރު ވެއްޖެ އެވެ.  އެ ޓީމު އެންމެ ފަހުން ލީގުގެ މެޗަކުން ބަލިވީ އޭޕްރީލް 2022 ގައި ކްލަބް އީގަލްސް އަތުން، 1-0 ންނެވެ.

މާޒިޔާގެ މެނޭޖަރު އިބްރާހިމް ވަހީދާއި އެ ޓީމުގެ ގޯލް ކީޕަރު ޓްރޭނަރު ސުވައިދު --- ފޮޓޯ: މާޒިޔާ
މާޒިޔާގެ މެނޭޖަރު އިބްރާހިމް ވަހީދާއި އެ ޓީމުގެ ގޯލް ކީޕަރު ޓްރޭނަރު ސުވައިދު --- ފޮޓޯ: މާޒިޔާ

އެއީ މާޒިޔާގެ މެނޭޖްމެންޓުން އެކަމަށް ބޭނުންވާ އެހީތެރިން ހޯދައި ކުޅުންތެރިންނަށް އެ ފުރުސަތު ހޯދައިދޭން ކުރި މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ނުކުޅެ ދިޔަ މުއްދަތުގައި ކުޅުންތެރިންގެ ހިފަހައްޓައި ފިޓްނަސް ދެމެހެއްޓުމަށް މާޒިޔާއިން މަސައްކަތް ކުރި ކަމަށެވެ. 

"އެކަމަށް ބޭނުންވާ ޕާޓްނަރުން ހޯދައިގެން ކުޅުންތެރިންގެ ވެލްބީން އަށް މަސައްކަތް ކުރަމުން މިދަނީ،" ވަހީދު ބުންޏެވެ. 

ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި މިހާރު އޮތް 10 ކްލަންގެ ތެރެއިން މެދުނުކެނޑި އެންމެ ގިނަ މުއްދަތެއް ހޭދަކުރި ކްލަބަކީ މާޒިޔާ އެވެ. މިދިޔަ މަހު 23 ގައި 30 އަހަރު ފުރުނު ކްލަބުން ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި ހޭދަކުރާތާ 20 އަހަރު ވަނީ އެވެ. 

މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް --- ފޮޓޯ: މާޒިޔާ
މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް --- ފޮޓޯ: މާޒިޔާ

މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް (ޓޯނީ) ޕީއެސްއެމަށް ދިން އިންޓަވިއުގައި ބުނީ ދުވަސްތަކަކަށް ފަހު މިފަހަރުގެ ލީގު ވާދަވެރިކަން ފެނުނު ކަމަށެވެ. އޭނާ ބުނީ މި ވާދަވެރިކަން ކުރިއަށް އޮތް ސީޒަނަށް ވެސް ދެމެހެއްޓިއްޖެނަމަ އޭގެ ފައިދާ ވަރަށް ބޮޑަށް ފެންނާނެ ކަމަށެވެ. 

"ދުވަސްތަކަކަށް ފަހު ވަރަށް ރަނގަޅަށް މިދިޔައީ ވަރަށް ވާދަވެރި ކޮށް ރަނގަޅު ޓީމުތަކެއް (ފެނުނު). މި ގޮތަށް މީތި އަންނަ ސީޒަނަށް ވެސް ދަމަހައްޓާ ލެވިއްޖެއްޔާ ވަރަށް ރަނގަޅު ވާނެ،" 

މާޒިޔާ އަށް ކުރިއަށް އޮތީ ޕްރެޒިޑެންޓް ކަޕެވެ. މި ސީޒަނުގައި އަދި މިހާތަނަށް އެއްވެސް މެޗަކުން އެ ޓީމު ބައްޔެއް ނުވެ އެވެ.