އުމުރުން 15 އަހަރުންދަށުގެ ކުޅުންތެރިޔެއް ކަމުގައި ވިޔަސް މާޒިޔާގެ ސީނިއާ ޓީމާ ގުޅޭ ހިސާބުން އެއީ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ނުބަލައި، މަސައްކަތް ކުރަނީ ފުރިހަމަ ޕްރޮފެޝަނަލް އެތުލީޓެއްގެ ގޮތުގައި ދެކިގެން ކަމަށް އެ ކްލަބުގެ ކޯޗު ޓޯމާޝް ޓްރޫހާ ބުނެފި އެވެ.
މި ސީޒަނަށް މާޒިޔާގައި އޮތީ ނިސްބަތުން ޒުވާން ސްކޮޑެކެވެ. ސީނިއާ ކުޅުންތެރިންގެ ގޮތުގައި ތިބީ ކެޕްޓަން ސަމޫހް އަލީ އާއި އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އާއި އިބްރާހިމް އައިޝަމް (ޓޯނީ) ގޯލް ކީޕަރު ހުސައިން ޝަރީފާއި މިޑްފީލްޑަރު އަހްމަދު އައިހަމް (ފަޓޯ) އެވެ.
ދެން އެ ޓީމުގައި ނަގާކިޔަން ތިބީ ޒުވާން ކުޅުންތެރިންނެވެ.
ސްކޮޑްގެ އުމުރުގެ ނިސްބަތް ކިތަންމެ ހަގު ވިޔަސް ތަށި ހޯދުމުގައި އެ ކުޅުންތެރިންގެ ފަރާތުން އެ ހަގު ކަމެއް ނުފެނުނެވެ. އެ ޒުވާން ކުޅުންތެރިންގެ ޓީމުން ވަނީ ނިއު ރޭޑިއަންޓް ބަލިކޮށް ސީޒަންގައި ކުރިމަތިލި ފުރަތަމަ ދެ ޗެލެންޖްގައި ވެސް ދެ ތަށި ގެންގޮސްފަ އެވެ.
އެފްއޭއެމް ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕްގެ ތަށި މާޒިޔާ އަށް ހޯދައި ދިނުމުގައި ލީޑް ކުރީ ޒުވާން ކުޅުންތެރިންނެވެ. ޗެރިޓީ ޝީލްޑް މެޗު ކާމިޔާބު ކުރީ ބިދޭސީ އެއްވެސް ކުޅުންތެރިއެއްގެ ހިއްސާއަކާ ނުލަ އެވެ.
މާޒިޔާގެ ސްކޮޑުގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ ފެންވަރާއި ޓީމުގެ ބެލެންސާ ގުޅޭގޮތުން ޓްރޫހާ ބުނީ، ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް 18 އަހަރުން ދަށުގެ ހަތަރު ކުޅުންތެރިންނާއި 21 އަހަރުން ދަށުގެ ތިން ކުޅުންތެރިން ކުޅެފައިވާ ކަމަށެވެ. އަދި ޓީމުގެ އަދަދު ހަމަކުރުމުގެ ގޮތުން 15 އަހަރުން ދަށުގެ އެކެޑަމީ ދެ ކުޅުންތެރިން ވެސް މިހާރު ސީނިއާ ޓީމާ އެކު ފަރިތަކުރަމުންދާކަމަށް އޭނާ ބުންޏެވެ.
ޗެކިއާ (ކުރީގެ ޗެކް ރިޕަބްލިކް) ގެ ކޯޗު ބުނީ ޓީމުން ފުރުސަތު ދިނުމުގައި ކުޅުންތެރިއާގެ އުމުރަށް އޭނާ ނުބަލާ ކަމަށެވެ.
"އަހަރެން އެ ކުޅުންތެރިންނާ އެކު މަސައްކަތްކުރަނީ ފުރިހަމަ ޕްރޮފެޝަނަލް ކުޅުންތެރިންގެ ގޮތުގައި ދެކިގެން. އެމީހުންނަކީ ހަމައެކަނި ޒުވާން ކުޅުންތެރިންގެ ގޮތުގައެއް އަހަރެން ނުބަލަން،" ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި މިއަދު ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
"އަހަރެން ކުޅުންތެރިންނާ މެދު ގޮތް ނިންމަނީ އުމުރަކަށް (ބަލައިގެނެއް ނޫން). ނުވަތަ އެއީ ބޭރު ކުޅުންތެރިއެއްތޯ ނުވަތަ ދިވެހި ކުޅުންތެރިއެއްތޯ ބަލައިގެންނެއް ނޫން. ކޮންމެ ކުޅުންތެރިއަކަށް ވެސް ފުރުސަތު އެބައޮތް."
އޭނާ ބުނީ ކޮންމެ ކުޅުންތެރިއެއްގެ ކިބައިގައި ވެސް އުނިކަންކަމާއި ވަރުގަދަ ސިފަތަކެއް ހުންނާނެ ކަމަށެވެ. ހުރި އުނިކަންކަން ރަނގަޅުކޮށް ދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށް ޓްރޫހާ ބުންޏެވެ. އަދި އެކަންކުރުމުގައި ސީނިއާ ކުޅުންތެރިން ވެސް ދައުރު އަދާކުރާކަމަށް ކޯޗު ބުންޏެވެ.
"ކޮންމެ ކުޅުންތެރިއެއްގެ ކިބައިގައި ވެސް އުނިކަންތައްތަކާއި ވަރުގަދަ ސިފަތަކެއް ހުންނާނެ. އެ ކުޅުންތެރިންގެ ކިބައިން އުނިވާކަންކަން ރަނގަޅުކޮށްދިނުމަކީ ކޯޗެއްގެ ހައިސިއްޔަތުން އަހަރެންގެ މަސްއޫލިއްޔަތެއް،" އޭނާ ބުންޏެވެ.
"ޒުވާން ކުޅުންތެރިންގެ ކިބައިގައި ވަރުގަދަ ހަކަތައެއް އެބަހުރި. އެމީހުން ތިބީ ދަސްކުރަން އަދި މަސައްކަތްކުރަން ބޭނުންވެފައި. އަދިވެސް ޓީމުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް އެބަތިބި."
"ކެޕްޓަން ޝާމު [ސަމޫހް އަލީ] ގެ އިތުރުން އައިހަމް [ފަތޯ] އައިޝަމް އިބޭ [ފޭދޫ އިއްބެ] އަދި ގޯލްކީޕަރު ހުސެއިން ފަދަ ކުޅުންތެރިން ތިބުމަކީ ވަރަށް ރަނގަޅު ކޮމްބިނޭޝަނެއް،" ހިތްހަމަޖެހުމާ އެކު ޓްރޫހާ ބުންޏެވެ.
ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާގެ ފުރަތަމަ މެޗުގައި، އެ ޓީމުން މާދާމާ ހަވީރު ނުކުންނާނީ އޮޑި ސްޕޯޓްސްއާ ދެކޮޅަށެވެ.
އޭއެފްސީ 20 އަހަރުންދަށުގެ ކޮލިފައިންގައި ވާދަކުރަން ގައުމީ ޓީމު މިޔަންމާ އަށް ދަތުރު ކުރި ވަގުތުގައި މާޒިޔާގެ 10 ކުޅުންތެރިން މަދުވި އެވެ.
އެ ދަނޑިވަޅުގައި ކްލަބް މުބާރާތެއްގެ މެޗެއް ނެތި ލިބުނު ބްރޭކަކީ ޓީމު އަލުން ތަރުތީބުކޮށްލަން ލިބުނު ބޮޑު ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ދުރާލައި އަންގައިގެން ގައުމީ ޓީމު މެޗުތަކަށާއި އެހެން ކަމަކަމަށް ލީގު މެދުކަނޑާލުމަކީ މައްސަލައެއް ނޫން ކަމަށެވެ.
އޭނާ ބުނި ގޮތުގައި ބައެއް ގައުމުތަކުގައި ލީގުގެ މެޗު އޮންނާނެ ތާރީހެއް ވެސް ނޭނގޭ އެވެ. އެކަމަކު ރާއްޖޭގެ މުބާރާތްތަކުގެ ތާވަލު ކުރިއާލައި އެނގިފައި އޮތުމުން ފަސޭހަތަކެއް ހުރި ކަމަށް އޭނާ ބުންޏެވެ.