އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ ރޭހުގައި އާސެނަލް އަތުލުމުގެ ފުރުސަތު މެންޗެސްޓާ ސިޓީ އަށް އަދި ވެސް އެބަ އޮތް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގާޑިއޯލާ މިހެން ބުނީ ރޭ އެންފީލްޑުގައި މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން 2-1 އިން މޮޅުވި މެޗަށް ފަހު އެވެ.
މެޗުގެ 74 ވަނަ މިނިޓުގައި ޑޮމިނިކް ސޮބޮޒްލައި ފްރީކިކަކުން ޖެހި ގޯލުން ލިވަޕޫލް ލީޑު ކުރި ނަމަވެސް ބެނާޑޯ ސިލްވާ ވަނީ 84 ވަނަ މިނިޓުގައި ސިޓީއަށް އެއްވަރު ކޮށްދީފަ އެވެ. ސިޓީ މޮޅުވި ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ޖެހީ އާލިން ހާލަންޑެވެ.
އިތުރު ވަގުތުގެ 10 ވަނަ މިނިޓުގައި ލިވަޕޫލްގެ މުޅި ޓީމު ކުރިއަށް އަރައި އޮތް ވަގުތު ސިޓީގެ ރަޔާން ޗާކީ ލިވަޕޫލްގެ ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިފާއު ކުރަން ދުވި ސޮބޮޒްލައި، ހާލަންޑްގެ ޖޯޒީއަށް ދެމުމުން ވީއޭއާރު ރިވިއު އަށް ފަހު ވަނީ ގޯލް ކެންސަލް ކޮށްލައި ސޮބޮޒްލައި އަށް ރަތް ކާޑު ދައްކައިފަ އެވެ.
"އަހަރެމެން [ދެ ވަނައިގައި] މި އޮތީ ހަ ޕޮއިންޓް ފަހަތުގައި. މިއީ ބޮޑު ގެޕެއް، އެކަމު ވަރަށް ބައިވަރު ކަންކަން ދިމާވާނެ. އެންމެ މުހިއްމު ކަމަކީ ތިން ޕޮއިންޓް ހޯދުން،" ގާޑިއޯލާ ބުންޏެވެ.
"ކާކާށް އެނގޭނީ އާސެނަލް އަށް ހަ ޕޮއިންޓް ތަފާތުން ފުދޭނެ ކަމެއް. [ލީގުގައި] 13 މެޗު ބާކީ އެބަ އޮތް، އެފްއޭ ކަޕް އެބަ އޮތް، ލީގް ކަޕް ފައިނަލް އެބަ އޮތް، މާޗުގަ ޗެމްޕިއަންސް ލީގު އޮންނާނެ، އިންޖަރީތައް ވެސް ކުރިމަތި ވާނެ."
ގާޑިއޯލާ ބުނީ އިދިކޮޅުން ނުކުންނަ ކޮންމެ ޓީމެއް ވެސް ނުކުންނާނީ ތަފާތު ކަމެއް ހާސިލް ކުރަން ކަމަށާއި، ޔޫރަޕްގެ މުބާރާތްތަކަށް ކޮލިފައި ވާން ކުޅޭ ޓީމުތަކާއި ރެލިގޭޝަނުން ސަލާމަތް ވާން ކުޅޭ ޓީމުތައް ކުޅޭނީ ކޮންމެ މެޗެއްގައި ވެސް އެ ޓީމެއްގެ ބެސްޓު ދައްކައިގެން ކަމަށެވެ.
"އަހަރެންގެ ތަޖުރިބާއިން 13 މެޗަކީ ވަރަށް ގިނަ ދުވަސް. ސީޒަންގެ ފަހު ބަޔަކީ އަބަދު ވެސް އުނދަގު ދުވަސްވަރެއް. އެންމެ މުހިއްމު ކަމަކީ [ފަހު ވަގުތާ ޖެހެންދެން ވެސް] މުބާރާތުގައި ދެމި އޮތުން،" ގާޑިއޯލާ ބުންޏެވެ.
"އަހަރެމެންނަށް އޮތީ އާސެނަލް އާ ވީހާވެސް ގާތެއްގައި އޮތުން. އެމީހުނަށް ގޯހެއް ހެދިއްޖެ ނަމަ އޭގެ ފައިދާ ނަގަން އަހަރެމެންނަށް މަޖުބޫރު. އަހަރެމެން އަދި އެބަ އޮތް އާސެނަލް އާ ހޯމް ގަ ކުޅޭ މެޗު. އަހަރެމެން މޮޅު ވާން ޖެހޭ."