މި ސީޒަނުގައި ލިވަޕޫލަށް ކުރިމަތިވެފައި ވަނީ ބަދު ނަސީބު ކަމަށާއި އަލަށް ސޮއި ކުރުވި ޑިފެންޑަރަށް އަނިޔާވީ ވެސް އޭގެ އަސަރުގައި ކަމަށް އެ ޓީމު ކޯޗު އާނެ ސްލޮޓް ބުނެފި އެވެ.
ފްރާންސްގެ ރެންގެ ޑިފެންޑަރު ޖެރެމީ ޖެކޭ އަކީ 82 މިލިއަން ޑޮލަރަށް ލިވަޕޫލުން، ޖެނުއަރީ ޓްރާންސްފާގެ އެންމެ ފަހު ދުވަހު ސޮއި ކުރުވި ކުޅުންތެރިޔާ އެވެ. ނަމަވެސް، ލިވަޕޫލާ ގުޅުމުގެ ކުރިން ރެންގައި ހުރެ ކުޅުނު މެޗެއްގައި އޭނާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މިހާރު ވަނީ އޮޕރޭޝަނެއް ކުރަން ޖެހިފައެވެ.
ލިވަޕޫލަށް އޭނާ ބަދަލު ވާން ކުރިން ވެސް ހަމަޖެހިފައި އޮތީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގަ އެވެ. ފްރާންސްގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ކުޅެފައިވާ 20 އަހަރުގެ ޖެކޭގެ އަނިޔާ ސްލޮޓް ގުޅުވީ، އޭނާ ސިފަ ކުރާ، ލިވަޕޫލްގެ ބަދު ނަސީބު ސީޒަނާ އެވެ.
"އަހަރެމެން ކުޅުންތެރިއަކު ސޮއިކުރިޔަސް، އޭނާ އަދި އަހަރެމެންނަށް ކުޅެން ނުފަށަނީސް އަނިޔާ މިވަނީ. ބައެއް ފަހަރު ހީވަނީ ހުރިހާ ކަމެއް މިދަނީ ނަސީބު ދެރަކޮށްހެން،" ސްލޮޓް ބުންޏެވެ.
މެޗުތަކުގެ ފަހު ވަގުތު ބައިކޮޅަށް ވަންނަ ލަނޑުތަކުގެ ސަބަބުން ވެސް ސްލޮޓް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އިތުރު ވަގުތުގެ ތެރޭގައި، މެޗުގެ ފަހުކޮޅު ބައިކޮޅަށް ލަނޑު ވަންނަ މިންވަރު އާދަޔާ ހިލާފަށް ގިނަވެއްޖެ. ސުވާލަކީ މިއީ ހަމަ ނަސީބު ދެރަވުން ހެއްޔެވެ؟ ނޫނީ މިއީ އަހަރެމެންގެ އިހުމާލު ހެއްޔެވެ؟،" ސުވާލު އުފައްދައި ސްލޮޓް ވާހަކަ ދެއްކި އެވެ.
"(އެކަން ހައްލު ކުރުމަށްޓަކައި) އަހަރެން ވަރަށް ގިނަ ތަފާތު ގޮތްގޮތަށް މަސައްކަތް ކޮށްފިން. ދިފާއީ ބަދަލުތައް ގެނައި ފަހުންވެސް ބޯޅަ ގޯލަށް ވަދެއްޖެ، އަދި ބަދަލެއް ނުގެނެސް އެއް ކުޅުންތެރިންތަކަކާ އެކު ކުޅެގެން ވެސް (ފަހު ވަގުތު) ބޯޅަ ގޯލަށް ވަދެއްޖެ. އަހަރެމެން ވަރަށް މަސައްކަތް ކޮށްފިން. އަހަރެމެންނަށް ނަސީބު އެއްގޮތަކަށްވެސް އެހީނުވެޔޭ ބުނުމަކީ ހަމަ ހަގީގަތެއް.
"ސުވާލަކީ އަހަރެމެންގެ ނަސީބު ދެރީ ހެއްޔެވެ؟ ނޫނީ މިއީ އަހަރެމެންގެ ހުރި ގޮތް ހެއްޔެވެ؟."
އޭނާ ބުނީ އެ ސުވާލުތަކުގެ ޖަވާބު ކުރިއަށް އޮތް ަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ނޫނީ ނޭނގޭނެ ކަމަށެވެ.
"މިއީ ކުރިއަށް އޮތް ތިން ހަތަރު މަސްދުވަހުގެ ތެރޭގައި ނޫނީ އަހަރެމެންނަށް އެނގޭނެ ކަމެއް ނޫން."
ސްލޮޓް އިތުރަށް ފާހަގަކުރި ގޮތުގައި، މިއީ އޭނާގެ ކެރިއަރުގައި ކުރިމަތިލާން ޖެހުނު އެންމެ އުނދަގޫ ސީޒަނެވެ. އަދި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބިއްޖެނަމަ، ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ހޯދުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އޭނާ އެއްބަސްވިއެވެ.