ބޯޑޯ (ފެބްރުއަރީ 19) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ރޭ އެންމެ ފަހުގެ ރަނަރަޕް އިންޓަ މިލާނާ ވާދަކޮށް ނޯވޭގެ ބޯޑޯ/ގްލިމްޓް އަމިއްލަ ދަނޑުގައި 3-1 އިން މޮޅު ވެއްޖެ އެވެ.

ބޯޑޯ ވަނީ 20 ވަނަ މިނިޓުގައި ސޮންޑްރޭ ބްރަންސްޓަޑް ފެޓްގެ ގޯލަކުން ލީޑު ނަގައިފަ އެވެ.

އޭގެ 10 މިނިޓު ފަހުން ޕިއޯ އެސްޕޮސީޓޯ އިންޓަ އަށް ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް ބޯޑޯ ވަނީ ދެވަނަ ހާފުގައި ދެ ލަނޑު ޖަހައިފަ އެވެ. އަލުން ލީޑު ނެގި ލަނޑު 61 ވަނަ މިނިޓުގައި ޖެންސް ޕެޓަ ހޯގް ޖަހައިދިން އިރު އޭގެ ތިން މިނިޓު ފަހުން އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ކެސްޕާ ހަގް އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ނޯވޭގެ ސީޒަން ނިމުނު ފަހުން، ބޯޑޯ ވަނީ މި އަހަރު ރަސްމީ ތިން މެޗު ކުޅެފަ އެވެ. ފުރަތަމަ ދެ މެޗަކީ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ފަހު ދެ މެޗެވެ. ޖެނުއަރީގައި ކުޅުނު އެ ދެ މެޗުގައި ބޯޑޯ ވަނީ މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް ވެސް ބަލި ކޮށްފަ އެވެ.

ނޯވޭގެ އާ ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ. އޭގެ ކުރިން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ އިޓަލީގެ ސެން ސީރޯގައި އިންޓަ މިލާނާ ދެކޮޅަށް ޕްލޭއޮފްގެ ދެވަނަ ލެގު ކުޅޭނެ އެވެ.

 ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފް ފުރަތަމަ ލެގުގެ ނަތީޖާ:

ގަލަތަސަރާއި 5-2 ޔުވެންޓަސް

މޮނާކޯ 2-3 ޕީއެސްޖީ

ބެންފީކާ 0-1 ރެއާލް މެޑްރިޑް

ބޮރޫޝިއާ ޑޯޓްމަންޑް 2-0 އެޓަލާންޓާ

ޤަރަބާގް 1-6 ނިއުކާސަލް ޔުނައިޓެޑް

އޮލިމްޕިއާކޯސް 0-2 ބެޔާ ލެވަކޫސަން

ބޯޑޯ/ގްލިމްޓް 3-1 އިންޓަ މިލާން

ކްލަބް ބުރޫޖް 3-3 އެތުލެޓިކޯ މެޑްރިޑް