އަމިއްލަ ދަނޑުގައި ވެސް ނޯވޭގެ ބޯޑޯ/ގްލިމްޓް އަތުން ބަލިވެގެން އިންޓަ މިލާން ޗެމްޕިއަންސް ލީގުން ކެޓީ ކުޅުންތެރިންގެ ހަކަތަ ނެތިގެން ކަމަށް ކޯޗު ކްރިސްޓިއަން ކީވޫ ބުނެފި އެވެ.

ނޮކައުޓް ބުރުގެ ޕްލޭއޮފް ފުރަތަމަ ލެގުގައި ނޯވޭގައި ކުޅުނު މެޗުން 3-1 އިން އެންމެ ފަހުގެ ރަނަރަޕް އިންޓަ މިލާން ބަލި ވި އިރު، ރޭ ސެން ސީރޯގައި ކުޅުނު ދެވަނަ ލެގުން ބަލިވީ 2-1 އިންނެވެ.

މިއާ އެކު ބޯޑޯ/ގްލިމްޓް ވަނީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ.

"އެމީހުންގެ ގޯލު ހުޅުވާލަން އަހަރެމެން ހުރިހާ ގޮތަކުން މަސައްކަތް ކުރިން. އަހަރެމެންނަށް ފުރަތަމަ ގޯލު ޖެހުނު ނަމަ އެމީހުނަށް އުނދަގޫ ވީސް. އެމީހުންގެ ޑިފެންސް ކުރި ވަރަށް ރަނގަޅަށް އެއްވެސް ޖާގައެއް ނުދިން އަހަރެމެންނަކަށް،" މެޗަށް ފަހު އިންޓަގެ ކޯޗު ކީވޫ ބުންޏެވެ.

"ދެވަނަ ހާފުގަ އަހަރެމެންގެ ހަކަތަ ހުސްވެއްޖެ، އެހެންވެ ހެދުނު ގޯހަކުން އެމީހުން ލީޑު ނެގީ. ދެވަނަ ގޯލުގައި ވެސް ވީ އެހެން. ބޯޑޯ/ގްލިމްޓް އަށް ވަރަށް ބޮޑަށް މަރުހަބާ."

ރޭގެ މެޗުގައި ބޯޑޯގެ ފުރަތަމަ ލަނޑު 58 ވަނަ މިނިޓުގައި ޖަހައިދިނީ ޖެންސް ޕެޓަ ހޯގް އެވެ. އަދި 72 ވަނަ މިނިޓުގައި ޖެހީ ހޮކުން އެވްޔެން އެވެ. އޭގެ ހަތަރު މިނިޓު ފަހުން އަމިއްލަ ދަނޑުގައި އިންޓަ އަށް ސުން ކަނޑުވައިދިނީ އަލެސަންދްރޯ ބަސްޓޯނީ އެވެ.

ރޭގެ މެޗުތަކަށް ފަހު ބޯޑޯ/ގްލިމްޓްގެ އިތުރުން ނިއުކާސަލް ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑް އަދި ބެޔާ ލެވަކޫސަން ވެސް ވަނީ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ.