އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗުގައި ކުޅެ، ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ބްރައިޓަންގެ ޖޭމްސް މިލްނާ މުގުރާލައިފި އެވެ.

ބްރެންޓްފޯޑްގެ ދަނޑުގައި އެ ޓީމު 2-0 އިން ބަލި ކުރި މެޗަކީ، އުމުރުން 40 އަހަރުގެ އިނގިރޭސި ކުޅުންތެރިޔާ ލީގުގައި ކުޅުނު 654 ވަނަ މެޗެވެ.

މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮންނަނީ 653 މެޗު ކުޅުނު ގެރެތު ބެރީ އަތުގަ އެވެ. މިހާރު ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ ބެރީ އެންމެ ފަހުން ޕްރިމިއާ ލީގު ކުޅުނީ 2017/2018 ސީޒަންގަ އެވެ. މިލްނާ ވަނީ މީގެ ހަފްތާއެއް ކުރިން އެސްޓަން ވިލާއާ ދެކޮޅަށް ބްރައިޓަން ކުޅުނު މެޗުގައި ބެރީގެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ.

"މެޗުގައި ނޫނީ ޓްރޭނިންގައި ވެސް އަބަދުވެސް ބޭނުންވޭ އެންމެ މޮޅަށް ކުޅެން، އެހެންވެ މި ފެންވަރުގަ ހިފާއްޓާލެވެނީ. އަހަރެންގެ ވަށައިގެން މިތިބީ ބައިވަރު ޒުވާން ކުޅުންތެރިން. އަހަރެން ބޭނުންވޭ އެ ކުޅުންތެރިންގެ ކެރިއަރުގައި އެހީތެރިވެދޭން، އެންމެ މަތީ ލެވެލްގައި ކުޅެން އެ ކުދިންނަށް އެހީތެރިވާން. އެކަން ކުރަން އަހަރެން މިހުރީ،" ރެކޯޑް މުގުރާލި މެޗަށް ފަހު މިލްނާ ބުންޏެވެ.

ބްރައިޓަންގެ ކޯޗު ފަބިއަން ހުރުޒެލާ ބުނީ މިލްނާ އަކީ ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި ވެސް ރޯލް މޮޑެލްއެއް ކަމަށާއި އޭނާ މި ހިސާބަށް އައީ އޭނާގެ ފުރިހަމަ އަހުލާގުގެ ސަބަބުން ކަމަށެވެ. އަދި އޭނާ އަކީ އަބަދުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަން ކޯޗު ފާހަގަ ކުރި އެވެ. މީގެ އިތުރުން ލީގުގައި އޭނާ އިތުރު ތިން ސީޒަން ކުޅުނަސް އެއީ ހައިރާން ވާނޭ ކަމެއް ނޫން ކަމަށާއި އޭނާ އަކީ އެ ފެންވަރު ހުރި ކުޅުންތެރިއެއްކަން ކޯޗު ފާހަގަ ކުރި އެވެ.

މިލްނާ ކުޅެން ފެށީ 2002 ވަނަ އަހަރު ލީޑްސް ޔުނައިޓެޑަށެވެ. އެއަށް ފަހު ނިއުކާސަލް ޔުނައިޓެޑާއި އެސްޓަން ވިލާ އަދި މެންޗެސްޓާ ސިޓީގެ އިތުރުން ލިވަޕޫލްގައި ވެސް އޭނާ އަކީ އެފަދަ ދެވަނައެއް ނެތް މުހިއްމު ކުޅުންތެރިއެކެވެ.

އިނގިރޭސި ގައުމީ ޓީމަށް 61 މެޗު ކުޅެދީފައިވާ މިލްނާ ވަނީ މެންޗެސްޓާ ސިޓީ އާއެކު ދެ ފަހަރު ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ އިތުރުން، ލިވަޕޫލްގައި ވެސް ޕްރިމިއާ ލީގު ތަށި އުފުލާލައިފަ އެވެ. އަދި ލިވަޕޫލާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

މިލްނާ ބްރައިޓަން އަށް ބަދަލުވީ 2023 ވަނަ އަހަރެވެ. އަދި ބްރައިޓަން އާއެކު އޮތް ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ.