އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ގޯލު ޖެހި ބެންޖަމިން ސެސްކޯ އަށް ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް  ތައުރީފު ބަންޑުން ކޮށްލައިފި އެވެ.

ކެރިކް ހަވާލުވި ފަހުން ކުޅުނު 6 މެޗުގެ ތެރެއިން އެއްވެސް މެޗެއްގައި ސެސްކޯ އަދި ފުރަތަމަ އެގާރައިގައި ހިމެނިފައެއް ނުވެއެވެ. ނަމަވެސް، ފަހަކަށް އައިސް ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗެއްގައި އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި މުހިންމު ގޯލުތަކެއް ޖަހައިދީފައެވެ. އޭގެ ތެރޭގައި ފުލަމްއާ ދެކޮޅަށް ޖެހި މޮޅުވި ގޯލާއި، ވެސްޓް ހޭމް އަތުން ޕޮއިންޓެއް ހޯދައިދިން ގޯލު ހިމެނެއެވެ.

މިދިޔަ ޖެނުއަރީ މަހު ރޫބެން އަމޯރިމް މަގާމުން ވަކިކުރި ފަހުން، ސެސްކޯ ވަނީ 7 މެޗުން 6 ގޯލު ޖަހާފައެވެ. ރޭގެ މޮޅާއެކު ޔުނައިޓެޑް ވަނީ ލިވަޕޫލާއި ޗެލްސީއަށްވުރެ 3 ޕޮއިންޓް ކުރީގައި އޮވެ، ތާވަލުގެ ގަދަ ހަތަރަކަށް ޖެހިލާފައެވެ.

ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް (ވ) އާއި ފޯވާޑް ބެންޖަމިން ސެސްކޯ (މ) އަދި މިޑްފީލްޑަރު ބްރަޔަން އެމްބެއުމޯ މެޗަށްފަހު އުފާފާޅުކުރަނީ: މި މެޗުގައި ސެސްކޯ ޖެހި ގޯލާއެކު ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ ތާވަލުގެ ގަދަ ހަތަރަކަށް ޖެހިލާފަ:  -- ފޮޓޯ: ޕޯލް އެލިސް | އޭއެފްޕީ
ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް (ވ) އާއި ފޯވާޑް ބެންޖަމިން ސެސްކޯ (މ) އަދި މިޑްފީލްޑަރު ބްރަޔަން އެމްބެއުމޯ މެޗަށްފަހު އުފާފާޅުކުރަނީ: މި މެޗުގައި ސެސްކޯ ޖެހި ގޯލާއެކު ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ ތާވަލުގެ ގަދަ ހަތަރަކަށް ޖެހިލާފަ: -- ފޮޓޯ: ޕޯލް އެލިސް | އޭއެފްޕީ

މެޗަށް ފަހު ވަކިވަކި ކުޅުންތެރިންނާ ބެހޭގޮތުން ކެރިކް އެންމެ ބޮޑަށް ވާހަކަ ދެއްކީ ސެސްކޯއާ ބެހޭގޮތުންނެވެ. ހާއްސަކޮށް އޭނާ ޖެހި ލަނޑަށް ތައުރީފު ކުރި އެވެ.

"އޭނާ އެހާ އިތުބާރާއެކު ބޯޅަ ގޯލަށް ފޮނުވާލި ގޮތް އަހަންނަށް ވަރަށް ކަމުދިޔަ. އަނެއްކާވެސް ބެން (ސެސްކޯ) ކުޅެން އަރައި ތަފާތު ދެއްކީތީ ވަރަށް ހިތްހަމަޖެހޭ." ކެރިކް ބުންޏެވެ.

ހަނި ލީޑަކުން މޮޅުވުމުން ޔުނައިޓެޑަށް ބުރަ މަސައްކަތެއް ކުރަން ޖެހުނު ކަމަށް ކެރިކް ބުންޏެވެ. އޭނާ ބުނީ އެވަޓަން ވެސް ވަރުގަދަކޮށް ފެނުމުން ޔުނައިޓެޑުން ދިފާއީ ގޭމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހުނު ކަމަށް ޔުނައިޓެޑްގެ ވަގުތީ ކޯޗު ކެރިކް ބުންޏެވެ.

ޔުނައިޓެޑްގެ ބެލްޖިއަމް ގޯލްކީޕަރު ސެން ލަމެންސް ޓީމުގެ ކުޅުންތެރިންނަށް އިރުޝާދު ދެނީ ފޮޓޯ: ޕޯލް އެލިސް | އޭއެފްޕީ
ޔުނައިޓެޑްގެ ބެލްޖިއަމް ގޯލްކީޕަރު ސެން ލަމެންސް ޓީމުގެ ކުޅުންތެރިންނަށް އިރުޝާދު ދެނީ ފޮޓޯ: ޕޯލް އެލިސް | އޭއެފްޕީ

އަހަރެމެންނަށް ވަރަށް ބުރަ މަސައްކަތް ކުރަން ޖެހުނު. އެވަޓަންއިން ވެސް ވަރަށް ވަރުގަދަކޮށް ފެނުނީ އަދި އަހަރެމެންގެ އޭރިއާ ތެރޭގައި ވަރަށް ގިނައިން ޑިފެންސް ކުރަން ޖެހުނު. އެކަމަކު އަހަރެމެން ޑިފެންސް ކުރި ވަރަށް ރަނގަޅު ފެންވަރެއްގައި،" ކެރިކް ބުންޏެވެ. 

ޔުނައިޓެޑްގެ ކީޕަރު ސެނަން ލަމަންސް ކުޅުމަށް ކެރިކް ތައުރީފު ކުރި އެވެ.

"އޭނާ ފެނުނީ ވަރަށް އާދަޔާޚިލާފު މޮޅުކޮށް. ގޯލްކީޕަރެއްގެ ކިބައިން މިއަށްވުރެ ބޮޑު ކަމަކަށް އުންމީދެއް ނުކުރެވޭނެ.

ކެރިކް ޔުނައިޓެޑާ ހަވާލުވި ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން  ބައިކޮޅަށް ގޯލެއް ވަނަނުދީ ވަނީ ތިން މެޗު ފުރިހަމަކޮށްފަ އެވެ. މިއީ އޭގެ ކުރިން ކުޅުނު 29 މެޗުގައިވެސް ޔުނައިޓެޑަށް ކުރެވިފައިވާ ކަމެއް ނޫނެނެވެ. (އޭއެފްޕީ)