އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އެވަަޓަންއާ ދެކޮޅަށް ކުޅުނު މެޗު 3-3 އިން އެއްވަރުވުމުން ތަށި ދިފާއުކުރުމުގެ ފުރުސަތު މެންޗެސްޓާ ސިޓީގެ އަމިއްލަ އަތްމަތިން ބީވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލަށް ވުރެ ފަސް ޕޮއިންޓް ފަހަތުގައެވެ. ސިޓީއަށް ބާކީ ހަތަރު މެޗު އެބައޮތެވެ. އާސެނަލްއަށް ވުރެ އެއް މެޗު މަދުން ކުޅެފައިވީ ނަމަވެސް، ތަށީގެ ރޭހުގައި ކުރި ހޯދުމަށް ސިޓީއަށް މިހާރު ވަނީ އާސެނަލްގެ ރޭހަށް ބުރޫއަރާނެ ވަގުތަކަށް އިންތިޒާރު ކުރަން ޖެހިފަ އެވެ.

"[ލީގު ތަށި ކާމިޔާބުކުރުން] މިހާރު އޮތީ އަހަރެމެންގެ އަތްމައްޗަކު ނޫން. މި މެޗުގެ ކުރިން އެ ފުރުސަތު އަހަރެމެންގެ އަތުގައި އޮތް. އަދި އާސެނަލްގެ އަތުގައި ވެސް އޮތް. އެކަމަކު މިހާރު އަހަރެމެންގެ އަމިއްލަ ބާރެއް ނެތް،" މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޖެރެމީ ޑޯކޫގެ ގޯލުން ސިޓީ ކުރި ހޯދި އެވެ. ނަމަވެސް، ދެވަނަ ހާފުގައި އެވަަޓަން އިން ވަނީ 14 މިނެޓުގެ ތެރޭގައި ތިން ގޯލު ޖަހައި ސިޓީ ސިއްސުވާލާފަ އެވެ. އެވަަޓަންގެ ބެންޗުން ކުޅެން އެރި ތިއެނޯ ބެރީ ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ޖެހީ ޖެކް އޯބްރަޔަން އެވެ. ސިޓީން މެޗުގެ ނަތީޖާ އެއްވަރުކުރީ ފަހު ވަގުތު އާލިން ހާލަންޑާއި ޑޯކޫ ޖެހި ގޯލުތަކުންނެވެ.

ލިވަޕޫލްގެ ހިލް ޑިކިންސަން ސްޓޭޑިއަމްގައި ރޭ ކުޅުނު ޕްރެމިއާ ލީގުގެ މެޗަށް ފަހު، މެންޗެސްޓާ ސިޓީގެ ސްޕެއިން ކޯޗު ޕެޕް ގާޑިއޯލާ (ވ) އެވަަޓަންގެ އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް (ކ) އާ ވާހަކަދައްކަނީ: ގާޑިއޯލާ ބުނީ ތަށި ހޯދުމުގެ ބާރު މިހާރު އޮތީ އާސެނަލްގެ އަތްމަތީގައި ކަމަށް --- ފޮޓޯ: ޕީޓާ ޕަވަލް / އޭއެފްޕީ
ލިވަޕޫލްގެ ހިލް ޑިކިންސަން ސްޓޭޑިއަމްގައި ރޭ ކުޅުނު ޕްރެމިއާ ލީގުގެ މެޗަށް ފަހު، މެންޗެސްޓާ ސިޓީގެ ސްޕެއިން ކޯޗު ޕެޕް ގާޑިއޯލާ (ވ) އެވަަޓަންގެ އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް (ކ) އާ ވާހަކަދައްކަނީ: ގާޑިއޯލާ ބުނީ ތަށި ހޯދުމުގެ ބާރު މިހާރު އޮތީ އާސެނަލްގެ އަތްމަތީގައި ކަމަށް --- ފޮޓޯ: ޕީޓާ ޕަވަލް / އޭއެފްޕީ

"އަހަރެމެން ދެއްކީ ވަރަށް މޮޅު ކުޅުމެއް. ފުރަތަމަ ހާފު އާދަޔާ ހިލާފަށް ރަނގަޅު. އެ ޓީމުގެ ފިޒިކަލް ކުޅުމާ ހެދި އުނދަގޫތަކެއްވި. ދެވަނަ ހާފުގައި ކޮންޓްރޯލް ކުޑަވި ވަގުތު އެމީހުން އަނބުރާ މެޗުގެ ތެރެއަށް އައީ. އެކަމަކު ޖުމްލަގޮތެއްގައި މިއީ ރަނގަޅު ޕާފޯމަންސެއް،" ގާޑިއޯލާ އިތުރަށް ބުންޏެވެ.

މެޗަށް ފަހު އެވަަޓަންގެ ކޯޗު ޑޭވިޑް މޮއިސް ބުނީ 3-1 އިން ކުރީގައި އޮވެ މެޗު އެއްވަރުވުމުން މާޔޫސްވި ކަމަށެވެ. ނަމަވެސް ސިޓީ ކަހަލަ ވަރުގަދަ ޓީމެއް އަތުން ޕޮއިންޓެއް ލިބުމަކީ ގޯސް ނަތީޖާއެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ފުރަތަމަ ހާފު ނިމުނުއިރު މި ނަތީޖާ ލިބުނު ނަމައޭ ހިތަށް އެރި. ސަބަބަކީ ފުރަތަމަ ހާފުގައި ސިޓީން އަހަރެމެން ކުޅެން އުޅުނު ގޭމަށް އިންތިހާއަށް ހުރަސްއެޅި. އެކަމަކު 3-1 އަށް ނަތީޖާ ބަދަލުވުމުން މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އޮތް،" މޮއިސް ބުންޏެވެ.

ސިޓީ ދެން ނުކުންނާނީ އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށެވެ. އެ މެޗަކީ ތަށީގެ އުއްމީދު ދަމަހައްޓަން ސިޓީއަށް މޮޅުވުން މަޖުބޫރު މެޗެކެވެ.