ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވެފައިވާކަން، މެންޗެސްޓާ ސިޓީފެ މައްޗަށް ސާބިތުވެއްޖެނަމަ، ދޭން ޖެހޭނީ ބޮޑު އަދި ވަރުގަދަ އަދަބެއްކަމަށް އެ ކްލަބްގެ ކުރީގެ ޗެއާމަން ޑޭވިޑް ބާންސްޓީން ބުނެފި އެވެ.
ޕްރިމިއާ ލީގުގެ މާލީ އުސޫލުތަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކޮށް ސިޓީގެ 115 އަށް ވުރެ ގިނަ މައްސަލަ ޕްރިމިއާ ލީގުން ދަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލައިގައި މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެ ކްލަބުން، 2009-2010 ގެ ސީޒަނުން ފެށިގެން މާލީ ގަވާއިދުތަކާ ހިލާފަށް ހޭދަކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. އެ މައްސަލަތައް ބަލަމުންދާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ.
ސިޓީގެ ޗެއާމަންކަން 1998 ން 2003 އަށް ކުރި ބާންސްޓީން، ބޭނުންވަނީ މައްސަލައިގެ ހުކުމް އަވަހަށް ނެރުމަށެވެ. އަދި އިސްތިއުނާފު މަރުހަލާގެ ފުރުސަތު ވެސް އަވަހަށް ދިނުމަށެވެ.
ބާންސްޓީން ބުނިގޮތުގައި 70 އަހަރުވަންދެން އޭނާ ސަޕޯޓްކުރި ކްލަބުގެ ނަން ކިލަނބުވެދިއުމަކީ ހިތާމަހުރި ކަމެކެވެ.
"ކްލަބްގެ ޗެއާމަންކަމުގައި އަހަރެން ހުރިއިރު ކްލަބް އޮތް އުނދަގޫ ހާލަތުން ސަލާމަތްކޮށް ރަނގަޅު މިސްރާބަކަށް އަނބުރާލަދިނިން. އެކަމަކު އެތައް އަހަރެއްގެ ކާމިޔާބީތަކަށް ފަހު މިފަދަ ކަމަކުން ކްލަބުގެ ނަން ކިލަނބުވެގެން ދިއުމަކީ ވަރަށް ދެރަވާކަމެއް. މިއީ ސިޓީގެ ސަޕޯޓަރުންނަށް ވަރަށް ހިތާމަވެރި ދުވަހެއް،" ޓައިމްސް ރޭޑިއޯ އަށް ދިން އިންޓަވިއުގައި ބާންސްޓީން ބުންޏެވެ.
އެ މައްސަލައިގައި އެ ކްލަބަށް ދޭން ޖެހޭ އަދަބަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ބުނީ ޖޫރިމަނާގެ އަދަބަކުން އެކަނި ފުއްދާލައިގެން ނުވާނެ ކަމަށެވެ.
"އިސްތިއުނާފަށް ފަހު 115 މައްސަލައިގައި ކްލަބު ކުށްވެރިވެއްޖެނަމަ އަހަރެންގެ ލޯބިވާ ކްލަބަށް ވަރަށް ބޮޑު އަދަބަކާ ކުރިމަތިލާންޖެހޭނެ. އަހަރެން ބުނާނީ ހަމައެކަނި ފައިސާގެ ޖޫރިމަނާއަކުން އެކަނި ނުފުދޭނެޔޭ. ދޭންޖެހޭނީ އެއަށްވުރެ ބޮޑު، ވަރުގަދަ އަދަބެއް،" އިނގިރޭސި އެފްއޭގެ ޗެއާމަންކަން ވެސް ކުރިން އަދާކުރި ބާންސްޓީން ބުންޏެވެ.
ސިޓީގެ މިހާރުގެ ޗެއާމަން ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޝާހީ އާއިލާއާ ގުޅުން އޮންނަ ހަލްދޫން އަލް މުބާރަކް ވިދާޅުވެފައި ވަނީ، އެ ކްލަބަށް ކުރާ ތުހުމަތުތަކުން ބަރީއަވާކަމަށެވެ. އަދި މައްސަލައިން އެ ކްލަބް ސަލާމަތްވާނެކަމުގެ ޔަގީނަކްނަ ސަޕޯޓަރުންނަށް އޭނާ ދިނެވެ.