މި ސީޒަނުގެ ޕްރިމިއާ ލީގުގައި 16 އެސިސްޓް ހަމަކޮށް މީގެ 26 އަހަރު ކުރިން މަޝްހޫރު ޑޭވިޑް ބެކަމް ހެދި ރެކޯޑް މުގުރާލައި ކެޕްޓަން ބްރުނޯ ފެނާންޑޭޒް މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހުން ޖާގަ ހޯދައިފި އެވެ. 

އެސްޓަން ވިލާ އަތުން 3-1 އިން ޔުނައިޓެޑް ރޭ މޮޅުވި މި މެޗުގައި ކާލޯސް ކަސެމީރޯ ޖެހި ފުރަތަމަ ލަނޑާއި މަތިއަސް ކޫންޔާ ޖެހި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށް ދިނީ ބްރުނޯ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖެހީ ބެންޖަމިން ސެސްކޯ އެވެ، ވިލާގެ ހަމައެކަނި ލަނޑު ޖެހީ ރޯސް ބާކްލީ އެވެ. 

މެޗުގައި ދިން ދެ އެސިސްޓާއެކު، މި ސީޒަނުގެ ޕްރިމިއާ ލީގުގައި އޭނާ ހެދި އެސިސްޓްގެ އަދަދު ވަނީ 16 އަށް އަރާފައެވެ. މިއީ 1998-99 ވަނަ އަހަރުގެ ސީޒަނުގައި ބެކަމް ހެދި 15 އެސިސްޓްގެ ރެކޯޑަށް ވުރެ އިތުރު އަދަދެކެވެ.

ލީގުގައި ބާކީ އޮތް އަށް މެޗުގެ ތެރޭގައި އިތުރު ހަތަރު އެސިސްޓް ހަމަކޮށް، ތިއަރީ އޮންރީ އާއި ކެވިން ޑި ބްރޮއިނާ ގާއިމްކޮށްފައިވާ 20 އެސިސްޓްގެ ލީގު ރެކޯޑާ އަރާ ހަމަކުރުމުގެ ފުރުސަތު ޕޯޗުގީޒުންގެ މިޑްފީލްޑަރަށް އެބައޮތެވެ.

މި މޮޅާ އެކު ޔުނައިޓެޑުން ވަނީ ގަދަ ހަތަރެއްގެ ތެރޭގައި މަގާމު ވަރުގަދަކޮށްފަ އެވެ. 

މި ސީޒަނުގައި ބްރުނޯ ޖެހި ލަނޑުތަކާއި ހެދި އެސިސްޓްތަކުން އެކަނިވެސް ޔުނައިޓެޑަށް 25 ޕޮއިންޓް ހޯދައި ދިނެވެ. މިއީ ކްލަބުގެ ތާރީހުގައި ރޮބިން ވެން ޕާސީ އާއި އެރިކް ކެންޓޯނާ ފަދަ ކުޅުންތެރިންނަށް ފަހު އެންމެ ރަނގަޅު ފަރުދީ ނަތީޖާ އެވެ.

ނަމަވެސް ޔުނައިޓެޑްގައި ބްރުނޯގެ މުސްތަގުބަލާ މެދު އަދިވެސް އޮތީ ސުވާލު އުފެދިފަ އެވެ. މިދިޔަ ހޫނު މޫސުމުގައި ސުއޫދީ އަރަބިޔާގެ އަލް ހިލާލުން ހުށަހެޅި އަގިބޮޑު އެއްބަސްވުން ދޫކޮށްލި އެވެ.

އެހެން ކްލަބަކުން އޭނާ ގެންދަން ބޭނުންވެއްޖެނަމަ 57 މިލިއަން ޕައުންޑުގެ ޔުނައިޓެޑަށް ދޭން ޖެހޭނެ ކަމަށް އޭނާ އާ އެކު އެ ޓީމުން ހެދި އެއްބަސްވުމުގައި ވެއެވެ. ނަމަވެސް ކްލަބްގައި ދެމިހުރުމާ ނުހުރުން އޮތީ އޭނާގެ އަތްމަތީގައެވެ.

ވަގުތީ ކޯޗު މައިކަލް ކެރިކް ބުނިގޮތުގައި ބްރުނޯއަކީ ޔުނައިޓެޑަށް ދޫކޮށްލެވެން ނެތް މުހިންމު ކުޅުންތެރިއެކެވެ. ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުން މިޑްފީލްޑް އަލުން ބިނާކުރަން މަސައްކަތް ކުރާނެ އެވެ.

އެ ޕްރޮޖެކްޓްގައި އެންމެ މުހިންމު ކަމަކީ ބްރުނޯ ކްލަބްގައި ބެހެއްޓުމެވެ. ކްލަބުގައި އޭނާ މަޑުކުރުވުމަކީ މެނޭޖްމަންޓަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.