ވޯލްޑް ކަޕަށް ފުރަތަމަ ފަހަރަށް ކޮލިފައިވި ކިޔުރަސާއޯ ޤައުމީ ޓީމުގެ ކޯޗުކަމުން، ޑިކް އެޑްވޮކާޓް އިސްތިއުފާ ދީފިއެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ޖޫން މަގހު ފަށާ ވޯލްޑް ކަޕަށް ކިޔުރަސޯއޯ ކޮލިފައިކޮށްދިނީ ތަޖުރިބާކާރު އެޑްވޮކާޓްގެ ކޯޗުކަމުގެ ދަށުންނެވެ. ދޮޅު ލައްކަ މީހުންގެ އާބާދީއެއް އޮނަން ކިޔުރަސޯއޯ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމާ އެކު އެޑްވޮކާޓް ވެފައިވަނީ ދުނިޔޭގެ އެންމެ ކުޑަ ގައުމު ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިން ކޯޗަށެވެ.
އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނިގޮތުގައި، އުމުރުން 78 އަހަރުގެ އެޑްވޮކާޓް މަގާމުން ވަކިވީ އާއިލީ ސަބަބުތަކާ ހެދި އެވެ. އެއީ އޭނާގެ އަންހެން ދަރިފުޅަށް ސިއްޙީ މައްސަލަތަކެއް ކުރިމަތިވެފައިވުމުން އެ ދަރިފުޅަށް ވަގުތު ދިނުމަށެވެ.
"އަހަރެން އަބަދުވެސް ބުނާ ފަދައިން، ފުޓްބޯޅައަށްވުރެ އާއިލާ މުހިންމު،" ނެދަލޭންޑްސްގެ ޤައުމީ ޓީމަށްވެސް ތިން ފަހަރު ކޯޗުކޮށްދީފައިވާ ތަޖުރިބާކާރު އެޑްވޮކާޓް ބުންޏެވެ.
އެޑްވޮކާޓްގެ ބަދަލުގައި ކިޔުރަސާއޯގެ ކޯޗުކަމާ ހަވާލުވާނީ ނެދަލޭންޑްސްގެ ފްރެޑް ރަޓަން އެވެ. އުމުރުން 63 އަހަރުގެ ރޫޓެން އަކީ ކުރިން ޕީއެސްވީ އާއި ފޭނޫޑް ފަދަ ކުލަބުތަކަށް ކޯޗުކޮށްދީފައިވާ ތަޖުރިބާކާރެކެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ކިޔުރަސާއޯ ހިމެނެނީ ގްރޫޕް 'އީ' ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޖަރުމަނާއި، އައިވަރީ ކޯސްޓް އަދި އިކުއެޑޯ އެވެ.
ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ. (އޭއެފްޕީ)