މި އަހަރުގެ ވޯލްޑް ކަޕަކީ އިންސާފެއް ނެތް މުބާރާތެއް ކަމަށް، ފީފާގެ ކުރީގެ ރައީސް ޖޯސެފް ބްލެޓާ ސިފަކޮށްފި އެވެ.
ރޭޑިއޯ ކެނަޑާ އަށް ދިން އިންޓަވިއުގައި ބްލެޓާ ވިދާޅުވީ ތިން ގައުމު ގުޅިގެން ބާއްވާ މުބާރާތުގެ ގިނަ މެޗުތަކާއި އިގްތިސޯދީ މަންފާ އާއި ހުރިހާ ބާރެއް އޮތީ އެމެރިކާ އަށް އެކަނި ކަމަށެވެ.
ޖުމުލަ 48 ޓީމަށް ފުޅާކޮށްގެން މިފަހަރު ބާއްވާ މުބާރާތުގެ 104 މެޗުގެ ތެރެއިން 78 މެޗު ކުޅޭނީ އެމެރިކާގަ އެވެ. އަދި ދެވަނަ ބުރުގެ މެޗުތަކަށް ފަހު ބާކީ ހުރި ހުރިހާ މަރުހަލާއެއްގެ މެޗުތައް ކުޅޭނީ ހަމައެކަނި އެމެރިކާގަ އެވެ.
މިހާ ގިނަ މެޗުތަކެއް ކުޅޭ މުބާރާތެއް ތިން ގައުމު ގުޅިގެން ބާއްވާ އިރު، މެކްސިކޯ އާއި ކެނަޑާ އަށް ލިބޭނީ "ކުނޑިކޮޅެއް" ކަމަށް އުމުރުން 89 އަހަރުގެ ބްލެޓާ ސިފަ ކުރި އެވެ.
"އެއީ ރަނގަޅު ގޮތެއް ނޫން. ތިން ގައުމު (ކޯހޯސްޓުންގެ ގޮތުގައި) އެކުވުމުން، ހީކުރެވުނީ އެ ހުރިހާ ގައުމަކަށް ވެސް މުބާރާތުގެ ހަމަހަމަ ހިއްސާއެއް ލިބޭނެ ކަމަށް،" ބްލެޓާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޯލްޑް ކަޕް 48 ޓީމަށް ފުޅާކުރުމަކީ މުބާރާތުގެ ފެންވަރު ގެއްލިދާނެ ސަބަބެކެވެ. އަދި އެއަށް ވުރެ ބޮޑު ގޯހަކީ ތިން ގައުމެއްގައި މުބާރާތް ބޭއްވުން ކަމަށް، އޭނާގެ ދައުރުގައި ދެ ގައުމެއްގައި އެއްފަހަރާ މުބާރާތް ބޭއްވި ބްލެޓާ ވިދާޅުވި އެވެ.
"ހާއްސަކޮށް އޭގެ ތެރެއިން ދެ ގައުމަކަށް ކުނޑިކޮޅެއް ފިޔަވައި އެއްވެސް އެއްޗެއް ނުލިބޭތީ،" ބްލެޓާ ވިދާޅުވި އެވެ.
ބްލެޓާ ވިދާޅުވި ގޮތުގައި ހިޖުރަވެރިންނާ މެދު އެމެރިކާއިން މިހާރު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން އެ ގައުމުގައި މުބާރާތް ބޭއްވުމަކީ ގޯހެކެވެ. ހުރިހާ ގައުމެއްގެ ސަޕޯޓަރުންނަށް މަރުހަބާ ނުކިޔާން ނިންމާފައިވާ ގައުމެއްގައި ވޯލްޑް ކަޕް ބޭއްވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"(ހުރިހާ ގައުމެއްގެ މީހުންނަށް) ވިސާ ނުދޭ ގައުމެއްގައި ވޯލްޑް ކަޕެއް އިންތިޒާމުކޮށްގެން ނުވާނެ،" ބްލެޓާ ވިދާޅުވި އެވެ.
ބްލެޓާ ވަނީ 1998 ން 2016 އަށް ފީފާގެ ރައީސްކަން ކޮށްފަ އެވެ. ފީފާގެ އެތެރޭގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުގައި އޭނާ ސަސްޕެންޑް ކުރުމުން، މަގާމުން އިސްތިއުފާ ދިނެވެ. އެކަމަކު އޭނާ އަށް ކުރާ ތުހުމަތުތައް ބްލެޓާ ދޮގު ކުރެ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން މައްސަލަ ބަލައި އަށް އަހަރަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އޭނާ ސަސްޕެންޑް ކުރި އެވެ. އޭނާގެ ސަސްޕެންޝަން މިހާރު ވަނީ ނިމިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން "ފުޓްބޯޅަ ސިޔާސީ ކަމަކަށް ބަދަލުވަމުންދާ" ކަމަށް ބްލެޓާ އޭނާ ތުހުމަތު ކުރެއްވިއެވެ.
އެކަމަކު އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލުން ވަނީ އިންފަންޓީނޯ އާއި ޓްރަމްޕްގެ ގުޅުމަކީ ސާފް ގުޅުމެއް ކަމަށް ނިންމައިފަ އެވެ.