ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގަ ހޯދުމަށް ޔުވެންޓަސް އިން ކުރި އުންމީދުތައް ފެނަށް ދއުމުން ރޮވޭވަރު ވެއްޖެ ކަމަށް ކެޕްޓަން މެނުއަލް ލޮކެޓެލީ ބުނެފި އެވެ.

ގަލަތަސާރާއި އަތުން 7-5 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވި ނަމަވެސް، 10 ކުޅުންތެރިންނާއެކު ޔުވެންޓަސް އިން ރޭ ދެއްކި ހިތްވަރުގަ ގަދަ ކުޅުމެކެވެ.

މިދިޔަ ހަފުތާގައި އިސްތަންބޫލްގައި ކުޅުނު ފުރަތަމަ ލެގުން 5-2 އިން ބަލިވެފައި އޮތުމުން، ޔުވެންޓަސް އަށް ދެން އަނބުރާ އާދެވޭނެ ކަމަށް ގަބޫލުކުރީ މަދު ބަޔެކެވެ. ނަމަވެސް ރޭގެ މެޗުގައި ކަޓެލީ، ފެޑެރީކޯ ގާޓީ އަދި ވެސްޓަން މެކެނީ ޖެހި ލަނޑުތަކާއެކު މެޗުގެ ނަތީޖާ އެއްވަރުކޮށް، އިތުރު ވަގުތަށް މެޗު ގެންދިޔަ އެވެ.

އެކަމަކު، އިތުރު ވަގުތުގެ ތެރޭގައި ވިކްޓަ އޮސީމެން އާއި ބަރިސް ޔިލްމާޒް ޖެހި ލަނޑުތަކާ އެކު ޔުވެންޓަސްގެ ދަތުރު ނިމުމަކަށް އައީ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކެޕްޓަން ލޮކަޓެލީ ބުނީ، އެހާ މަސައްކަތް ކޮށްފައި ކަޓައިގެން ދިއުމުން ރޮވޭވަރު ވެއްޖެ ކަމަށެވެ.

"އަހަރެން ހަމަ ރޮވޭ ވަރުވޭ. އަހަރެމެން މި މެޗަށް މުޅި ފުރާނަ ދިނިން، ގައިގައި ހުރި ހުރިހާ ހިތްވަރެއް ނެރުނިން. ނަތީޖާ ގޯސްވި ނަމަވެސް، ކޯޗާ އެކު އަހަރެމެން މި ތިބީ ރަނގަޅު މިސްރާބެއްގައިކަން މިރޭ [ރޭ] ގެ ކުޅުމުން އެނގޭނެ،" އޭނާ ބުންޏެވެ. 

މެޗުން ބަލިވި ނަމަވެސް، ޔުވެންޓަސްގެ ސަޕޯޓަރުން ވަނީ ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކޮށް އެކަން އަގުވަޒަން ކުރުމުގެ ޝުއޫރު ދަނޑުގައި ހާމަކޮށްފަ އެވެ. 

ކްލަބްގެ ލެޖެންޑް އަދި މިހާރު ޓީމުގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރާ ޖިއޯޖިއޯ ކިއެލީނީ ބުނީ، ރޭ އޭނާގެ ޓީމުން ދެއްކި ކުޅުމަކީ ސީޒަނުގެ ބާކީ ބަޔަށް އޮތް ފެށުމަކަށް ހަދަންޖެހޭ ކަމަށެވެ.

ޔުވެންޓަސް މިހާރު އޮތީ ސެރީ އޭގެ ފަސްވަނައިގަ އެވެ. އަންނަ އާދިއްތަ ދުވަހު އެ ޓީމުން ރޯމާއާ ދެކޮޅަށް ނުކުންނައިރު، އަމާޒަކީ ގަދަ ހަތަރަކަށް އަރައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމެވެ.