މެޑްރިޑް (މާޗު 12) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި ފަހުން އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި ގަދަ 16 ގެ ފުރަތަމަ ލެގުގައި، ފެޑެރިކޯ ވެލްވާޑޭގެ ހެޓްރިކަކުން 3-0 އިން ރެއާލް މޮޅު ވެއްޖެ އެވެ.

ރެއާލްގެ ކެޕްޓަން ބޭންޑް ވެސް އަޅައިގެން ކުޅުނު މިޑްފީލްޑަރު ވެލްވާޑޭ ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

އަނިޔާ އާއި ސަސްޕެންޝަނުގެ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ރެއާލްގެ ފޯވާޑް ލައިން ރޭގެ މެޗުގައި ލީޑް ކުރީ ވިނީޝިއަސް ޖޫނިއާ އާއި އާޑާ ގޫލާ އަދި ބްރަހީމް ޑިއާޒް އެވެ. ދެވަނަ ހާފުގައި ވިނީޝިއަސް އަށް ސިޓީގެ ކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާ ފައުލް ކޮށްގެން ލިބުނު ޕެނަލްޓީ ވިނީ ފޮނުވާލުމުން ޑޮންނަރުއްމާ ވަނީ މަތަ ކޮށްފަ އެވެ.

ރެއާލްގެ ރޮޑްރިގޯ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައި ވާއިރު އެމްބާޕޭ އާއި ޖޫޑް ބެލިންގްހަމް ވެސް އަނިޔާގެ ސަބަބުން މި މެޗުގެ ސްކޮޑުގައި ނުހިމެނެ އެވެ.

މި ސީޒަންގެ ލީގު ބުރުގައި ވެސް މި ދެ ޓީމު ވާދަ ކުރި އެވެ. ނަމަވެސް ރެއާލްގެ ދަނޑުގައި ކުޅުނު އެ މެޗުން ސިޓީ ވަނީ މޮޅުވެފަ އެވެ.

މިއީ މުބާރާތުގެ ނޮކައުޓް ބުރުގައި ރެއާލާއި ސިޓީ ޖެހިޖެހިގެން ވާދަ ކުރާ ފަސްވަނަ ސީޒަނެވެ. އަދި މިއާ ގުޅިގެން ދެ ޓީމުގެ ކުރިމަތިލުމަކީ ގިނަ ބަޔަކު ބޮޑު ސަމާލުކަމެއް ދީގެން ބަލާ މެޗަކަށް ވަނީ ވެފަ އެވެ.

މިދިޔަ ސީޒަންގެ ނޮކައުޓް ޕްލޭއޮފްގައި ރެއާލުން ސިޓީ ބަލި ކުރި އިރު، އޭގެ ކުރީ ސީޒަންގެ ކުއާޓާގައި ރެއާލް ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި އޭގެ ކުރީ ސީޒަންގައި ސިޓީ މުޅިން އަލަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސެމީގައި ރެއާލް ބަލިކޮށް ފައިނަލް ކުޅެގެންނެވެ. އޭގެ ކުރީ ސީޒަންގައި ރެއާލް ވަނީ ސެމީގައި ސިޓީގެ މައްޗަށް ގަދަވެފަ އެވެ.

ފާއިތުވި ފަސް ސީޒަން ތެރޭ ރެއާލާއި ސިޓީ ވެސް ވަނީ ދެ ފަހަރު މުބާރާތުގެ ފައިނަލް ކުޅެފަ އެވެ. މީގެ ތެރޭން ސިޓީ އެއްފަހަރު ތަށީ ހޯދާފައި ވާއިރު، ރެއާލް ވަނީ ދެ ފަހަރު ވެސް ތަށި ހޯދައި، ރެކޯޑް 15 ތަށި ހަމަކޮށްފަ އެވެ.