ވޯލްޑް ކަޕްގައި އިރާން ކުޅެން ޖެހޭ މެޗުތައް އެމެރިކާގެ ބަދަލުގައި މެކްސިކޯއަށް ބަދަލުކޮށްދިނުމަށް އެދުނު އެދުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ރިޖެކްޓް ކޮށްފިއެވެ.

ފުރަތަމަ ފަހަރަށް ތިން ގައުމުގެ އެއްފަހަރާ ބާއްވާ ވޯލްޑް ކަޕް ކުރިއަށް ގެންދާނީ އެމެރިކާގެ އިތުރުން މެކްސިކޯ އަދި ކެނަޑާގަ އެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށްދާނީ 6 ޑިސެމްބަރު 2025 ގައި އިއުލާންކުރި ރަސްމީ ތާވަލާ އެއްގޮތަށް ކަމަށެވެ. އަދި ހުރިހާ ބައިވެރިވާ ގައުމުތަކަކާ އެކު ޕްލޭނިންގެ މަސައްކަތްތަކުގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ. ތާވަލުގައިވާ ގޮތަށް ހުރިހާ ޓީމުތަކެއް ވެސް ވާދަކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ފީފާއިން ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ ހޫނުވެފައިވަނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، އެ ގައުމުގެ ކުޅުންތެރިންގެ ސަލާމަތާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވަނީ އިރާނުގެ ކުޅުންތެރިންނަށް އެމެރިކާގައި ރައްކާތެރިކަން ނެތްކަން ދޭހަވާފަދަ ރާގެއްގައި ވާހަކަ ދައްކައިފަ އެވެ. އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ވޯލްޑް ކަޕަށް  އެމެރިކާއަށް "އައުމުގެ ހުއްދަ" އިރާނަށް އޮންނާނެ ކަމަށެވެ.

"އެމީހުންގެ އަމިއްލަ ފުރާނައާއި ސަލާމަތަށްޓަކައި، އެމީހުން އެމެރިކާގައި ތިބުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް އަހަރެން ގަބޫލެއް ނުކުރަން،" ޓްރަމްޕް ވިދާޅުވެފައި ވެއެވެ. 

މި ވާހަކަތަކަށް ރައްދު ދެމުން އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މަހްދީ ތާޖް ވިދާޅުވީ، ޓްރަމްޕަށް ސަލާމަތީ ކަންކަން ކަށަވަރުކޮށް ނުދެވޭނަމަ އެމެރިކާ އަށް ދަތުރު ނުކުރާނެ ކަމަށެވެ. އެހެންވެ މެޗުތައް މެކްސިކޯއަށް ބަދަލުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މެކްސިކޯގައި ހުންނަ އިރާނުގެ ސަފީރު އަބުލްފަަޒްލް ޕަސަންދީދާ، ވަނީ އެކަމުގެ މަޝްވަރާތަށް މެކްސިކޯގެ ސަރުކާރާ އެކު ކޮށްފަ އެވެ.

މެކްސިކޯގެ ރައީސް ކްލައުޑިއާ ޝީންބައުމް ވިދާޅުވީ، އެ ގައުމަކީ ދުނިޔޭގެ ހުރިހާ ގައުމަކާއެކު ވެސް ސިޔާސީ ގުޅުން ބާއްވާ ގައުމެއް ކަމަށެވެ. އިރާނުގެ ފުރަތަމަ ބުރުގެ މެޗުތައް ބޭއްވުމަށް މެކްސިކޯ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ފީފާގެ ނިންމުމާއެކު މިހާރު އޮތް ތާވަލުގެ ދަށުން އިރާން ކުޅެން ޖެހޭނީ އެމެރިކާގެ ލޮސް އެންޖެލިސް އާއި ސިއެޓްލްގައެވެ. އިރާނުން މިހާރު ވެސް ވަނީ އެމެރިކާއިން ވީސާ ދޫކުރުމުގައާއި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއްބާރުލުން ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިރާނަކީ ޖަޕާނަށް ފަހު 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވި އޭޝިއާގެ ދެވަނަ ގައުމެވެ.

ކްރިކެޓް ވޯޅްޑް ކަޕާއި ބައިނަލްއަގްވާމީ މުބާރާތްތަކުގައި، މުބާރާތް ބާއްވާ ގައުމުގެ ސަލާމަތީކަންކަމާ މެދު އެހެން ގައުމަކަށް ޔގީންކަން ނެތް ނަމަ، އެ ގައުމެއްގެ މެޗުތައް އެހެން ގައުމެއްގައި ކުޅޭ ގޮތަށް ދުނިޔޭގެ ކްރިކެޓްގެ އިދާރާއިން އިންތިޒާމު ހަމަޖައްސައި ދެ އެވެ. ޕާކިސްތާނާއި އިންޑިއާއާ ދެމެދުގައި އޮންނަ ހާރިޖީ ކޯޅުމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމުގައި ކުޅެން ބޭނުން ނުވެ އެވެ. އެހެންވެ އެ ދެ ގައުމުން ކުރެ ގައުމެއްގައި ކްރިކެޓްގެ ބައިނަލްއަގްވާމީ މުބާރާތެއް ބާއްވާނަމަ، އަނެއް ގައުމުގެ މެޗުތައް ކުޅޭނީ ކޮންމެވެސް އެހެން ގައުމެއްގަ އެވެ. 

މިފަހަރު ބޭއްވި ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ބޭއްވީ އިންޑިއާ އަދި ލަންކާގަ އެވެ. ޕާކިސްތާނުން އިންޑިއާގައި ކުޅެން ބޭނުން ނުވުމުން އެ ގައުމުގެ މެޗުތައް ކުޅުނީ ލަންކާފަ އެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅެން އޮތް މެޗަށް އިންޑިއާގެ ޓީމު ވެސް ލަންކާ އަށް ދަތުރު ވެސް ކުރި އެވެ. މިދިޔަ އަހަރު ޕާކިސްތާނުގައި ބޭއްވި އޭޝިއާ ކަޕްގައި ވެސް އިންޑިއާއިން ޕާކިސްތާނުގައި ކުޅެން ބޭނުން ނުވުމުން އެ ގައުމުގެ މެޗުތައް ކުޅުނީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގަ އެވެ. އިންޑިއާ އާ ދެކޮޅަށް ކުޅުނު މެޗަށް ޕާކިސްތާނު ވެސް އެމރޭޓްސް އަށް ދަތުރު ކުރި އެވެ.