ލިވަޕޫލް (މާޗު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ރަށުން ބޭރުގައި ޗެލްސީ ކުޅުނު މެޗުން 3-0 އިން ބަލި ވެއްޖެ އެވެ.

އެވަޓަންގެ ބެޓޯ މި މެޗުގައި ދެ ގޯލު ޖެހި އެވެ. ފަހު ގޯލު ޖެހީ އިލިމަން އެންޑިއާޔޭ އެވެ. މިއާ އެކު އެވަޓަން މިވަނީ ހަވަނައިގައި އޮތް ޗެލްސީއާ ދެ ޕޮއިންޓް ގާތަށް ޖެހިލައިފަ އެވެ.

ބެޓޯ ގޯލެއް ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ބެޓޯ ގޯލެއް ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން ވަނީ، އެންމެ ފަހުން އޮތް ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި، އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ޗެމްޕިއަން ޕީއެސްޖީއާ ވާދަކޮށް ހަމަ މި ނަތީޖާއިން މޮޅުވެފަ އެވެ.

އެއަށް ފަހު އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕީއެސްޖީއާ ވާދަކޮށް އަމިއްލަ ދަނޑުގައި ވަނީ މި ނަތީޖާއިން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ. ފުރަތަމަ ލެގުގައި ތިން ލަނޑުގެ ފަރަގަކުން ޕީއެސްޖީ މޮޅުވެފައި ވާއިރު، ދެވަނަ ލެގުގެ 90 މިނިޓު ނިންމަން ޗެލްސީއަށް މަދުވެގެން ތިން ގޯލުގެ ފަރަގެއް އޮތީ ބޭނުން ވެފަ އެވެ. ނަމަވެސް ޕީއެސްޖީ ވަނީ 3-0 އިން ދެވަނަ ލެގު ކާމިޔާބުކޮށް، ކްލަބް ވޯލްޑް ކަޕް ފައިނަލްގެ ބަދަލު ހިފައިފަ އެވެ.

މިއާ އެކު ޗެލްސީ މި ވަނީ އެންމެ ފަހުން އެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް ބަލި ވެފަ އެވެ. ޕީއެސްޖީއާ ކުޅުނު ދެ ލެގުން ބަލިވި އިރު، ލީގުގައި ވަނީ ނިއުކާސަލް ޔުނައިޓެޑް އަތުން ވެސް ބަލިވެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފުތާ މެންޗެސްޓާ ޔުނައިޓެޑް ވަނީ 2-2 އިން ބޯންމަތާ އެއްވަރު ވެފަ އެވެ. އަދި ލިވަޕޫލް ވަނީ ބްރައިޓަން އަތުން 2-1 އިން ބަލި ވެފަ އެވެ.

މިއާ އެކު ލިވަޕޫލް ހަވަނައިގައި އޮތީ ޗެލްސީއަށް ވުރެ ޕޮއިންޓެއް އިތުރަށް، 49 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް އޮީ 55 ޕޮއިންޓާ އެކު ތިންވަނައިގަ އެވެ.