އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކްލަބް ޗެލްސީ އަށް ނިމިދިޔަ ސީޒަނުގައި 262.4 މިލިއަން ފައުންޑް (349 މިލިއަން ޑޮލަރު) ގެ ބޮޑު ގެއްލުމެއް ވެފައިވާކަން އެ ކްލަބުން ކަށަވަރުކޮށް ދީފި އެވެ.

މިއީ އިނގިރޭސި ފުޓްބޯޅަ ތާރީހުގައިވެސް ޓެކުހުގެ އަދަދު ކަނޑައެޅުމުގެ ކުރިން ކްލަބަކުން ރިޕޯޓް ކުރި އެންމެ ބޮޑު މާލީ ގެއްލުމެވެ. މި އަދަދުތައް ހާމަވެފައިވަނީ ޗެލްސީގެ ފިރިހެން ޓީމު ހިންގާ ކުންފުނި ކަމަށްވާ 'ޗެލްސީ އެފްސީ ހޯލްޑިންގްސް ލިމިޓެޑް' އިން އާންމުކުރި އެންމެ ފަހުގެ މާލީ ބަޔާންތަކުންނެވެ.

ޔޫއެފާއިން ފެބްރުއަރީ މަހު ނެރުނު ރިޕޯޓެއްގައި ޗެލްސީގެ ގެއްލުން 342 މިލިއަން ފައުންޑަށް އަރާނެ ކަމަށް ބުނެފައިވެ އެވެ.  ނަމަވެސް ކްލަބުގެ ރަސްމީ ހިސާބުތަކުގައި މި އަދަދު މަދުވީ މާލީ ހިސާބުތައް ބަލަހައްޓާ އުސޫލުތައް ތަފާތުވުމުންނެވެ.

ޔޫއެފާގެ އުސޫލުތަކަކީ ކްލަބެއްގެ ހަގީގީ ހިންގުމުގެ ހަރަދުތައް ދެނެގަތުމަށް ހަރުކަށި ބަދަލުތަކެއް ގެނެސްފައިވާ އުސޫލުތަކެކެވެ. މީގެ ތެރޭގައި މަލްޓި ކްލަބް އޯނާޝިޕް (އެއް ކޮންސޯޓިއަމަކުން އެއް ކްލަބަށް ވުރެ ގިނަ ކްލަބްގެ މިލްކުވެރިކަން ހޯދުމުގެ) މޮޑެލްގެ ދަށުން ހިންގާ ޚަރަދުތައް ބެލުމުގައި ގެންގުޅޭ އުސޫލު ހިމެނެއެވެ.

ޗެލްސީގެ ކޮންސޯޓިއަމް ކުންފުންޏަކީ ބްލޫކޯ ގްރޫޕެވެ. އެ ގުރޫޕްގެ ކުޑައިގެ ދަށުގައި ފްރާންސްގެ ސްޓްރަސްބާގާ ވެސް ހިންގަ އެވެ. އޭގެ ސަބަބުން ބައެއް ހަރަދުތައް ކްލަބުގެ މައި ހިސާބުތަކުން ބޭރުގައި ހުރި ނަމަވެސް ޔޫއެފާ އިން އެ ހަރަދުތަކުގެ ހިސާބު ގުނަ އެވެ. 

ޗެލްސީ އާއި ޔޫއެފާގެ ރިޕޯޓުގެ މެދުގައި ހުރި 80 މިލިއަން ފައުންޑުގެ ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ކުޅުންތެރިންގެ މުސާރަ އެވެ. ޔޫއެފާގެ ހިސާބުތަކުން ދައްކާ ގޮތުގައި ޗެލްސީގެ މުސާރައިގެ ބިލް 374 މިލިއަން ފައުންޑަށް އަރަ އެވެ. ކްލަބުގެ އަމިއްލަ ހިސާބުތަކުން ދައްކަނީ މިއަށްވުރެ 21 މިލިއަން ފައުންޑް ކަމަށެވެ.

މީގެ އިތުރުން ކުޅުންތެރިން ގަތުމަށް ހޭދަކުރާ ފައިސާ އަހަރުތަކަކަށް ބަހާލައިގެން ހިސާބުކުރުމުގައި ވެސް ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. ޔޫއެފާއިން މިހާރު މި މުއްދަތު 5 އަހަރަށް ލިމިޓްކޮށްފައިވީ ނަމަވެސް، އާންމު އެކައުންޓިން އުސޫލުތަކުގައި އެފަދަ ހުރަހެއް ނެތެވެ. އޭގެ ސަބަބުން ދިގު މުއްދަތުގެ ކޮންޓްރެކްޓްތައް ދީފައިވާ ޗެލްސީގެ ހިސާބުތަކަށް މީގެ ސަބަބުން ބޮޑު ބަދަލެއް އާދެ އެވެ.

ނިމިދިޔަ ސީޒަނުގައި ޗެލްސީގެ އާމްދަނީ ވަނީ ކުރިއަށް ޖެހިފައެވެ. މިއީ ޓިކެޓް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވުމާއި ފީފާ ކްލަބް ވޯލްޑް ކަޕުން ލިބުނު ފައިސާއިން އައި ބަދަލެކެވެ. އެ މުބާރާތުން ލިބުނު 85 މިލިއަން ފައުންޑުގެ ތެރެއިން މިދިޔަ އަހަރުގެ ހިސާބުތަކުގައި ހިމެނިފައިވަނީ 20 މިލިއަން ފައުންޑެވެ.

ބާކީ ބައި ހިމެނޭނީ ކުރިއަށް އޮތް އަހަރުގެ ހިސާބުތަކުގައެވެ. އާމްދަނީ އިތުރުވި ނަމަވެސް، މިހާ ބޮޑު ގެއްލުމެއް ފެންނަން އޮތީ ކްލަބުގެ ދުވަހުން ދުވަހަށް ކުރާ ހަރަދުތައް އާމްދަނީއަށްވުރެ ބޮޑުތަނުން އިތުރުވުމުންނެވެ.

މިފަދަ ގެއްލުންތައް ފޫބެއްދުމަށް ޗެލްސީން ފާއިތުވި އަހަރުތަކުގައި އާދަޔާ ހިލާފު އުކުޅުތަކެއް ވަނީ ބޭނުންކޮށްފަ އެވެ. މީގެ ތެރޭގައި ކްލަބުގެ ދެ ހޮޓަލަކާއި ކާރު ޕާކެއް ވިއްކާލި އެވެ.

ބްލޫކޯ ގްރޫޕުގެ ތެރޭގައި އޮތް އެހެން ކުންފުންޏަކަށް އަންހެން ޓީމު ވިއްކާލައިގެން 275 މިލިއަން ފައުންޑުގެ ފައިދާއެއް ވެފައިވާކަން ހިސާބުތަކުން ދައްކަ އެވެ. ފާއިތުވި ދެ އަހަރު ވެސް ކުޅުންތެރިން ވިއްކައިގެން 100 މިލިއަން ފައުންޑަށްވުރެ ގިނައިން އެ ކްލަބުން ވަނީ ފައިދާ ހޯދާފައެވެ.