ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް ޖަރުމަނުގެ މަޝްހޫރު ކޯޗު ޔާގަން ކްލޮޕް ދޮގުކޮށްފި އެވެ.
ލިވަޕޫލްގެ ކުރީގެ ކޯޗު ބުނި ގޮތުގައި، ރެއާލުން އޭނާއަށް އެއްވެސް ކަހަލަ ގުޅުމެއް ނުވަތަ ހުށަހެޅުމެއް ލިބިފައެއް ނުވެއެވެ.
ރެއާލްގެ މިހާރުގެ ކޯޗު އަލްވާރޯ އާބެލޯއާގެ ކުރިމަގާ މެދު ސުވާލު އުފެދި، އޭނާގެ ބަދަލުގައި ކްލޮޕް އަތުވެދާނެ ކަމަށް މީޑިއާތަކުގައި ދަނީ އަޑުފެތުރަމުންނެވެ.
ކްލޮޕް ބުނިގޮތުގައި އޭނާ ހުރީ ރެޑް ބުލްގައި އަދާކުރާ މަގާމާ މެދު ވަރަށް ހިތްހަމަޖެހިގެންނެވެ. އަދި އަލުން ކޯޗިންގެ ތެރެއަށް ވަނުމުގެ އަވަސް ވިސްނުމެއް ނެތް ކަމަށްވެސް އޭނާ ބުންޏެވެ.
"އަހަރެންނަކަށް އެއްވެސް މީހަކު ނުގުޅާ. އަދި ރެއާލް މެޑްރިޑް ކަހަލަ ކުލަބަކުން ގުޅައިފިނަމަ އެއީ ބޮޑު ޝަރަފެއް، އެކަމަކު މިހާތަނަށް އެފަދަ ކަމެއް ހިނގާފައެއް ނެތް،" ކްލޮޕް ބުންޏެވެ.
މި ސީޒަނުގައި ރެއާލްގެ ކޯޗުގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ ބެޔާން ލެވަކޫސަންގައި ކާމިޔާބު ދުވަސްތަކެއް ހެދަ ކުރީ ޒަބީ އަލޮންސޯ އެވެ. އެކަމަކު ޖަނަވަރީ މަހު އޭނާ މަގާމުން ވަކި ކުރީ ނަތީޖާތައް އެންމެ އެދެވޭ ގޮތަށް ނުދިއުމުންނެވެ. އާބެލޯއާ އޭރު ހުރީ ރެއާލްގެ ބީ ޓީމުގެ ކޯޗުގެ ގޮތުގަ އެވެ. އޭނާ ސީނިއާ ޓީމަށް ޕްރޮމޯޓް ކުރި އެވެ.
ސީނިއާ ޓީމުގައި އޭނާގެ ފުރަތަމަ ދުވަސްކޮޅު ދިޔައީ ގޯސް ކޮށެވެ. ސްޕެނިޝް ކަޕުން އެ ޓީމު ކެޓި އެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ސީދާ ޖާގައެއް ނުލިބުނެވެ. އެކަމަކު މިހާރު އޭނާ ވަނީ ނަތީޖާތައް ރަނގަޅުކޮށްފަ އެވެ. ޕްލޭއޮފް މަރުހަލާ ކަޑަތުކޮށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ވެސް ޖާގަ ހޯދި އެވެ. އަދި އެ ބުރުގައި މެންޗެސްޓާ ސިތީ ދެ ލެގްގައި ވެސް ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ.
އެކަމަކު ސީނިއާ ޓީމުގައި އާބެލޯއާގެ ކޮންޓްރެކްޓްގެ މުއްދަތެއް ނޭނގެ އެވެ. އެނަލިސްޓުން ބުނަނީ މި ސީޒަން ނިމެންދެން އޭނާ ރެއާލްގެ ސީނިއާ ޓީމުގައި ބަހައްޓާނެ ކަމަށެވެ.